Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ރައްޔިތުންގެ ނިންމުން ސާފު، ގުޅުން ބަދަހިކުރާނަން: ސިރިސޭނާ

ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ)ގެ ސަރުކާރާއެކު ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންވާ ކަމަށް ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ސިރިސޭނާ، އިބޫއަށް ގުޅުއްވައި މަރުހަބާ ދަންނަވާފައިވާ ކަމަށާއި އަދި ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށް ވިދާޅުވެފައިވާ ކަމަށް އިބޫގެ ސްޕޯކްސް ޕާސަން މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

"ދެގައުމުގައި ޒަމާނުއްސުރެ އޮތް ގުޅުން ބަދަހިކަމާއެކީގައި ކުރިއަށް ދާތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ސިރިސޭނާ ވިދާޅުވި،" މާރިޔާ ވިދާޅުވި އެވެ.

ސިރިސޭނާ މަރުހަބާ ވިދާޅުވެފައިވާއިރު، ނޮވެމްބަރު 17 ގައި އިބޫ ރައީސް ކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ވެސް ވަނީ ދައުވަތުދީފައެވެ. އެ ދައުވަތު އަރުވާފައިވަނީ، ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވުމާ ގުޅިގެން، ސްރީލަންކާގައި މިވަގުތު ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރަނިލް ވިކްރަމަސިންހައާއެކު ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިން ކަމަށް ލަންކާ ސަރުކާރާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

އިބޫ ޕްރެޒިޑެންޓް އިލެކްޓަށް ހޮވުމާއި ގުޅިގެން އެ މަނިކުފާނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ މަރުހަބާ ވިދާޅުވެފައެވެ.