ޖޭޕީގެ ހިންގުން ރަސްމީގޮތުން އެޕާޓިގެ ލީޑަރު ގާސިމް އިބްރާހީމާއި ހަވާލުކޮށްފިއެވެ.
ޖޭޕީގެ ހިންގުން ގާސިމާއި ހަވާލު ކުރެއްވީ ބޭސްފަރުވާއަށް ޖަރުމަންވިލާތުގައި ހުންނެވުމަށްފަހު މާލެ ވަޑައިގެން ޖޭޕީގެ އޮފީސް ކުނޫޒަށް ވަޑައިގަތުމުންނެވެ. ޕާޓީގެ ހިންގުން ހަވާލުކުރުމުގެ ގޮތުން ރަމްޒީ ތަޅުދަނޑިއެއް ވަނީ ގާސިމާއި ހަވާލު ކުރައްވާފައެވެ. ތަޅުދަނޑި ހަވާލު ކުރެއްވީ ޕާޓިގެ ޑެޕިއުޓީ ހުސައިން ރަޝީދެވެ.
ގާސިމް ރާއްޖެ ވަޑައިގެންނެވީ ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ކޯޓުން ދޫކޮށްލުމުންނެވެ. ގާސިމް ހައްޔަރުކޮށް އެނާގެ މައްޗަށް މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ކަނޑައަޅައި ހުކުމް ކުރުމުން ބެސްފަރުވާއަށް ޖަރުމަނަށް ވަނީ ވަޑައިގަންނަވާފައެވެ. ބޭސްފަރުވާއަށް ދިޔުމަށްފަހު ގާސިމް ރާއްޖެ ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ.
ރިޔާސީ އިންތިހާބާއި ދިމާކޮށް ޖޭޕީއިން ބޭއްވި ކޮންގްރެސްގައި ހަތަރު ބޭފުޅަކު ނައިބް ލީޑަރު ކަމަށް ވަނީ އިންތިހާބު ކޮށްފައެވެ. އަދި އިދިކޮޅު ކޯލިޝަން އިން ނެރުނު ރިޔާސީ ކެންޑިޑޭޓުގެ ނައިބަކަށް ހޮވާފައި ވަނީ ޖޭޕީގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ.
ރާއްޖޭން ބޭރުގައި އެރުވިގެން ހުންނެވުމަށް ފަހު ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގެންނެވުމަކީ ދިވެހިންނަށް ލިބުނު ހިތްވަރެއްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މި އަހަރުގެ ނޮވެމްބަރު 1 ގައި ރާއްޖެ ވަޑައިގަންނަވަން ގަސްތު ކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.