Last Updated: November 27, 01:11
Tuesday, November 26, 2024
ކުޅިވަރު

އާސެނަލް އާއި މިލާން ފަސޭހަކަމާއެކު މޮޅުވިއިރު ޗެލްސީ އަށް އުނދަގޫ މޮޅެއް

ގަރަބާގް ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި އޭސީ މިލާން ފަސޭހަކަމާއެކު މޮޅުވިއިރު ވީޑީ އަތުން ޗެލްސީ އަށް މޮޅުވެވުނީ އުނދަގުލުންނެވެ.

ރަށުން ބޭރުގައި ގަރަބާގް އަތުން 3-0 އިން އާސެނަލް މޮޅުވިއިރު، އަމިއްލަ ދަނޑުގައި އޮލިމްޕިއާކޯސް އަތުން މިލާން މޮޅުވީ 3-1 އިންނެވެ. ހަންގޭރީގެ ވިޑީ އެފްސީ އަތުން ޗެލްސީ އަށް ކުރި ހޯދުނީ 1-0 އިންނެވެ.

އަޒަރުބައިޖާނުގެ ބަކޫގައި ހުންނަ ބަކީ އޮލިމްޕިޔާ ސްޓޭޑިއޯނުގައި އެޤައުމުގެ ލީގުގެ ވޭތުވެދިޔަ ފަސް އަހަރުގެ ޗެމްޕިއަން ގަރަބާގް އާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ހަތަރުވަނަ މިނެޓުގައި އާސެނަލަށް ލީޑް ނަގައިދިނީ ގްރީސްގެ ޑިފެންޑަރު ސޮކްރާޓިސް ޕަޕަސްޓަތޮޕޫލޮސް އެވެ. މިއީ އާސެނަލްގެ މިޑްފީލްޑަރު މުހައްމަދު އެލްނޭނީ ނަގައިދިން ކޯނަރަކުން ޕެނަލްޓީއޭރިޔާ ތެރެއަށް ހުރަސްވީ ބޯޅައެއް އެޓީމުގެ ފުލްބެކް ނާޗޯ މޮންރެއާލް ބޮލުން ފޮނުވާލި ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލައިގެން ސޮކްރާޓިސް ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗުގެ 18 ވަނަ މިނެޓުގައި އާސެނަލްގެ ސެއަދު ކޮލާސިނަޗް ނަގައިދިން ހުރަހަކުން އެމީލް ސްމިތު ރޯވް އަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާތެރޭގައި ހުރެ ސްމިތު ރޯވް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ބޭރު ދާގަނޑަށެވެ.

އާސެނަލްގެ ލަނޑަށްފަހު، ގަރަބާގް އިން ކުޅުން ރަނގަޅުކުރިއެވެ. އޭގޮތުން، މިހާފުގައި އެޓީމުގެ ދެ ކުޅުންތެރިންކަމަށްވާ މާހިރް މަޑާޓޯވް އާއި ފިލިޕް އޮޒޯބިޗް ފޮނުވާލި ދެ ހަމަލާވެސް އާސެނަލްގެ ގޯލްކީޕަރު ބާނަޑް ލެނޯ މަތަކުރިއިރު އަންސީ އަގޯލީ އާއި މެކްސިމް މެޑްވެޑޭވް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން އާސެނަލް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި އާސެނަލްގެ ދެވަނަ ލަނޑުޖަހައިދިނީ އަލެކްސް އިވޯބީ ތަނަވަސްކުރި ފުރުޞަތަކުން ޒުވާން ކުޅުންތެރިޔާ ސްމިތު ރޯވް އެވެ.

އާސެނަލްގެ ފަހު ލަނޑު، މެޗުގެ 80 ވަނަ މިނެޓުގައި ޖަހައިދިނީ މަޓެއޯ ގެންޑޫޒީ އެވެ. މިއީ އެޓީމުގެ ފްރާންސް ފޯވާޑް އަލެކްސެންޑަ ލަކަޒޭ ދިން ޕާހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އޮލިމްޕިއާކޯސް އާއި އޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

މި ގްރޫޕުގެ އަނެއް މެޗުގައި ޔޫކްރެއިންގެ ވޯސްކްލާ އަތުން 2-1 އިން ޕޯޗުގަލް ސްޕޯޓިން މޮޅުވިއިރު މެޗުގެ އިތުރު ވަގުތުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ ފްރެޑީ މޮންޓޭރޯ އާއި ޖޮވާނޭ ކަބްރާލް އެވެ.

ޔޫރަޕްގެ މުބާރާތްތަކުގައި އިޓަލީގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ އޭސީ މިލާން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ގްރީސްގެ އޮލިމްޕިއާކޯސް އަތުން މޮޅުވީ ފަހަތުން އަރަ އެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އޮލިމްޕިއާކޯސްގެ މިގުއެލް އެންހެލް ގަރޭރޯގެ ގޯލުން އެޓީމު ލީޑުނަގާފައިވާއިރު މިލާނުން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައި ގާތްގާތުގައި، ނުވަ މިނިޓް ތެރޭގައި ކާމިޔާބުކުރި ތިން ލަނޑުންނެވެ. އެގޮތުން، މެޗުގެ 70 ވަނަ މިނެޓުގައި އިޓަލީގެ ޒުވާން ފޯވާޑް ޕެޓްރިކް ކުޓްރޯނޭ ނަތީޖާ ހަމަހަމަކޮށްދިންއިރު އޭގެ ހަ މިނެޓުފަހުން ގޮންޒާލޯ ހިގުއައިން ވަނީ އެޓީމަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދީފައެވެ. މިލާންގެ ފަހު ލަނޑު، މެޗުގެ 79 ވަނަ މިނެޓުގައި ޖަހައިދިނީވެސް ކުޓްރޯނޭ އެވެ.

ލަންޑަންގެ ސްޓެމްފަޑް ބްރިޖުގައި ވިޑީއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީ އަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނުއިރު އެޓީމުން ކާމިޔާބުކުރި ހަމައެކަނި ގޯލް، މެޗުގެ 70 ވަނަ މިނެޓުގައި ޖަހައިދިނީ އަލްވާރޯ މޮރާޓާ އެވެ. މީގެއިތުރުން ވެސް އެޓީމުގެ ރޮސް ބާކްލޭ އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެގޮތުން، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

މިމެޗުގައި ވީޑީގެ ކުޅުންތެރިންނަށްވެސް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތަކެއް ލިބިގެން ދިޔަނަމަވެސް ގޯލެއް ކާމިޔާބުކުރެވޭގޮތްނުވީ ޗެލްސީގެ ގޯލް ބެލެހެއްޓި ކެޕާ އަރިޒަބަލަގާގެ ހުށިޔާރުކަމުންނެވެ. އެގޮތުން، މިމެޗުގެ ފަހު ހާފުގައި ވެސް ވީޑީގެ ލޮއިކް ނޭގޯ އާއި އިސްތަވާން ކޮވެޗް ފޮނުވާލި ބޯޅަތައް ޗެލްސީގެ ގޯލް ކީޕަރު ކެޕާ ވަނީ މަތަކޮށްފައެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ބެލަރޫސްގެ ބޭޓް ބޮރިސޯފް ދަނޑުގައި ގްރީސްގެ ޕީއޭއޯކޭ ވަނީ 4-1 އިން މޮޅުވެފަ އެވެ.

މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އޮސްޓްރިއާގެ ސަލްޒްބާގް އަތުން 3-1 އިން ސެލްޓިކް ބަލިވިއިރު ވާދަވެރި ރޭންޖާސް އިން ވަނީ ފަހަތުން އަރައި 3-1 އިން ރެޕިޑް ވިއެނާ ބަލިކޮށްފައެވެ. ރަޝިޔާގެ ސާޕާޓަކް މޮސްކޯ އާއި ސްޕެއިނުގެ ވިޔަރެއާލް ކުޅުނު ފޯރިގަދަ މެޗުގައި 3-3 އިން ދެޓީމު އެއްވަރުވިއިރު ސައިޕްރަސްގެ އަޕޮލޯން އާއި ފްރާންސްގެ މާސޭ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ސައިޕްރަސްގެ ލާނަކަ އަތުން 4-2 އިން ޖަރުމަނުގެ ބަޔާ ލެވަކޫސަން މޮޅުވިއިރު އެއިންތްރަކް ފްރޭންކްފާޓް ވަނީ 4-1 އިން އިޓަލީގެ ލާޒިއޯ ބަލިކޮށްފަ އެވެ. ސްވިޑަންގެ މަލްމޯ އަތުން 2-0 އިން ތުރުކީގެ ބެސިކްޓާސް ބަލިވިއިރު، ރަޝިއާގެ ކްރަސްނޯޑާގެ ދަނޑުގައި ކުޅުނު މެޗުން މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ސްޕެއިންގެ ސެވިއްޔާ ވަނީ 2-1 އިން ބަލިވެފަ އެވެ.