ކޮރަޕްޝަންގެ ތުހުމަތުގައި ޕާކިސްތާނުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ އެއްބަނޑު އެއްބަފާ އެންމެ ހަގު ކޮއްކޯފުޅު ޝަހްބާޒް ޝަރީފް މިއަދު ހައްޔަރު ކޮށްފިއެވެ.
އޭނާއަކީ ޕާކިސްތާނުގެ އެންމެބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޕާކިސްތާން މުސްލިކް ލީގު-ނަވާޒް ޕާޓީގެ ރައީސްއެވެ. އަދި ޕަންޖާބުގެ ޗީފް މިނިސްޓަރުކަން ޝަހްބާޒް ޝަރީފް ވަނީ 2013 ވަނަ އަހަރުން ފެށިގެން މިދިޔަ އާންމު އިންތިޚާބުގެ ނިޔަލަށް ކުރައްވާފައެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ، ކޮރަޕްޝަންގެ މައްސަލަތައް ބަލާ ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއިން ކަމަށް މައުލޫމާތު ލިބެއެވެ.
ޝަހްބާޒް ހައްޔަރު ކޮށްފައިވަނީ، ޕާކިސްތާނުގެ އެންމެބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބުގެ ޗީފް މިނިސްޓަރަކަށް އޭނާ ހުންނެވިއިރު އެ ޕްރޮވިންސްގައި ކުރިއަށްގެންދިޔަ އާޝިއާނާ ހައުސިންގ ސްކީމްގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތުހުމަތުގައި ކަމަށް އެބިއުރޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއިން އެ މައްސަލަ ތަހްގީގު ކުރަންފެށީ ނިކަމެތި ފަގީރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފެށި އާޝިއާނާ ހައުންސިންގ ސްކީމްގެ މައްސަލަ ކޮރަޕްޝަންގެ ވަބާގެ ސަބަބުން އެ ސްކީމްގެ މަސައްކަތް ހުއްޓުމާ ގުޅިގެންނެވެ. ޝަހްބާޒް ޝަރީފް އެކައުންޓަބިލިޓީ ކޯޓަށް މާދަމާ ހާޟިރު ކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއަށް ޝަހްބާޒް ޝަރީފް މިއަދު ހާޟިރުކުރެވުނީ ބަޔާނެއް ނެގުމަށް ކަމަށް ވެއެވެ. ނަމަވެސް އެ ބިއުރޯއިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމަށް އޭނާ ނުކުޅެދިވަޑައިގަތުމުން ހައްޔަރުކުރީ ކަމަށް މީޑިއާއިން ބުނެއެވެ.
ޝަހްބާޒް ޝަރީފްގެ މައްޗަށް އެ ބިއުރޯއިން ވަނީ ޗީފް މިނިސްޓަރަކަށް ހުންނަވައި މަގާމުގެ ނާޖާއިޒް ނުފޫޒުގެ ބޭނުން ކުރެއްވި ކަމުގެ އިތުރުން، ހައުސިންގ ސްކީމްގައި ހިންގާފައިވާ ކޮރަޕްޝަންގައިވެސް އޭނާ ހިމެނިވަޑައިގަންނަވާކަމަށް ތުހުމަތު ކޮށްފައެވެ.
ޕާކިސްތާނުގެ އޭރުގެ އިދިކޮޅު ލީޑަރ އަދި މިހާރުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރުމުން ޝަހްބާޒް ޝަރީފްވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވަން ދެކޮޅު ހައްދަވައި އަލުން އިންތިޚާބު ބޭއްވުމަށްވެސް ގޮވާލައްވާފައެވެ.
މިއަހަރުގެ ޖުލައިމަހުގެ 25 ވަނަ ދުވަހު ޕާކިސްތާނުގައި ބޭއްވި އާންމު އިންތިޚާބު މުސްލިކް ލީގު-ނަވާޒް ޕާޓީއަށް ކާމިޔާބު ކުރެވުނުނަމަ ޕާކިސްތާނުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ޝަހްބާޒް ޝަރީފެވެ.
ޕާކިސްތާނުގެ އޭރުގެ އިދިކޮޅު ލީޑަރ އަދި މިހާރުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރުމުން ޝަހްބާޒް ޝަރީފްވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވަން ދެކޮޅު ހައްދަވައި އަލުން އިންތިޚާބު ބޭއްވުމަށްވެސް ގޮވާލައްވާފައެވެ.