މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެމްބަރުންނަށް ލިބުނު މަރުގެ އިންޒާރުތަކާއި ގުޅިގެން އަވަށްޓެރި ސްރީލަންކާ އަށް ވަޑައިގަންނަވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް އާއި ހަވާލާދެއްވާ ރާއްޖެއެމްވީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރި ދުވަހުން ފެށިގެން އެ ކޮމިޝަންގެ މެމްބަރުން އުޅެން ޖެހިފައިވަނީ ވަރަށް ބިރުވެރި މާހައުލެއްގައި ކަމަށާއި އެ މެމްބަރުން ދިރިއުޅޭ ގެއަށް ދަންވަރު ގޭންގުތަކުން ވަދެ މަރާލާނެ ކަމުގެ އިންޒާރާއި ކޮށާލާނެ ކަމުގެ އިންޒާރުތައް ވެސް ދީފައިވާ ކަމަށެވެ.
މީގެ އިތުރުން އިލެކްޝަންޝް ކޮމިޝަންގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަށް ވެސް އެކި ކަހަލަ އިންޒާރު ލިބެމުންދާ ކަމުގެ ޝަކުވާ އެ މުވައްޒަފުން ކޮށްފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ. އީސީގެ މެމްބަރުންނަށް މަރުގެ އިންޒާރު ދިން މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވެފައިވާ ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ.
ލަންކާގައި މި ވަގުތު ތިއްބެވީ އިލެކްޝަންޝް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި އަލީ ނަޝާތުގެ އިތުރުން މެމްބަރު އިސްމާއިލް ހަބީބްއެވެ. އަދި ހަބީބް ލަންކާ އަށް ވަޑައިގެންނެވީ ބޭސްފަރުވާއަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.