އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ފަހަތުން އަރައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑުން ކޯޗު ހޯސޭ މޮރީނިއޯ އަށް ހިތްހަމަޖެހުން ގެނެސްދީފިއެވެ. މިމެޗުން ޔުނައިޓެޑް މޮޅުވީ 3-2 އިންނެވެ.
މިއީ ޔުނައިޓެޑް އެންމެފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. މީގެއިތުރުން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
މިމެޗުން ހޯދީ ތިން ޕޮއިންޓާއެކު ޔުނައިޓެޑް ވަނީ 13 ޕޮއިންޓް ހަމަކޮށް ލީގު ތާވަލްގެ 8 ވަނަ އަށް ޖެހިލައިފައެވެ. މިމެޗުން ބަލިވި ނިއުކާސަލް އަށް މިހާތަނަށް ދެ ޕޮއިންޓް ލިބިފައިވާއިރު އެޓީމު އަދިވެސް އުޅެނީ ތާވަލްގެ ފުލުން ދެވަނައިގައެވެ.
މެންޗެސްޓަރގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ 10 މިނެޓުގެތެރޭގައި ގާތްގާތުގައި ކާމިޔާބުކުރި ދެލަނޑުން ނިއުކާސަލުން ވަނީ ޔުނައިޓެޑް ހާސްކޮށްލާފައެވެ. އެގޮތުން، ނިއުކާސަލްގެ ފުރަތަމަ ލަނޑު، މެޗުގެ 7 ވަނަ މިނެޓުގައި އަޔޯޒޭ ޕެރޭޒް ދިން ބޯޅައަކުން ރޮބަޓް ކެނެޑީ ކާމިޔާބުކޮށްދިންއިރު އޭގެ ތިން މިނެޓުފަހުން، ޖޮންޖޯ ޝެލްވޭ ތަނަވަސްކުރި ފުރުޞަތަކުން ޖަޕާނުގެ ފޯވާޑް ޔޮޝިނޯރީ މޫޓޯ ވަނީ ނިއުކާސަލް އަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ.
ނިއުކާސަލްގެ ލަނޑުތަކަށްފަހު ޔުނައިޓެޑް ޕައުލް ޕޮގްބާ އާއި ނިމެންޔާ މަޓިޗް އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު ނިއުކާސަލްގެ ލީޑް ފުޅާކުރުމަށް އެޓީމުގެ ޖޮންޖޯ ޝެލްވޭ އާއި އަޔޯޒޭ ޕެރޭޒް އަދި ޔޮޝިނޯރީ މޫޓޯގެ އިތުރުން މުހައްމަދު ޑިއާމޭ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ އެވެ. މިހާފު ނިމުނީ 2-0 އިން ނިއުކާސަލް ކުރީގައިއޮވެގެންނެވެ.
މިމެޗުގެ ދެވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޕޮގްބާ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ނިއުކާސަލްގެ ގޯލްކީޕަރު މާޓިން ޑުބްރާވްކާ މަތަކުރިއެވެ.
އޭގެ މިނެޓެއްފަހުން، ނިއުކާސަލްގެ މެޓް ރިޗީ އަށް ލިބުނު ފުރުޞަތުގައި ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ މަތަކުރިއެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބުނު ހިލޭޖެހުމަކުން އެޓީމުގެ ފުރަތަމަ ލަނޑުޖަހައިދިނީ ސްޕެއިނުގެ މިޑްފީލްޑަރު ހުއާން މަޓާ އެވެ.
އޭގެފަހުން، ނިއުކާސަލްގެ މެޓް ރިޗީ އަށް ލަނޑުޖެހުމަށް ވަރަށް ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ މަތަކުރިއިރު ޔުނައިޓެޑަށް ލިބުނު ފުރުޞަތުތަކުގައި އެޓީމުގެ މަރުއާން ފެލައިނީ އާއި ޕޮގްބާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ނިއުކާސަލްގެ ކީޕަރު ޑުބްރާވްކާ އެވެ.
ޔުނައިޓެޑަށް އެއްވަރުކޮށްދިނީ މެޗުގެ 76 ވަނަ މިނެޓުގައި އެންތަނީ މާޝިއަލް އެވެ. މިއީ އެޓީމުގެ ފްރާންސް މިޑްފީލްޑަރު ޕޮގްބާ ދިން ވަރަށް ރީތި ޕާހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ދެމިނެޓުފަހުން، ނިއުކާސަލް އަށް އަލުން ލީޑް ނަގައިދިނުމަށް އެޓީމުގެ މުހައްމަދު ޑިއާމޭ އަށް ލިބުނު ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
މިމެޗުގެ އެންމެ ފަހު މިނެޓުގައި ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ އޭޝްލީ ޔަންގް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން އަލެކްސިސް ސަންޗޭޒް އެވެ.
މިމުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ޓޮޓެންހަމް ހޮޓްސްޕަރ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ކާޑިފް ސިޓީ ބަލިކޮށް ވަގުތީގޮތުން ތާވަލްގެ ތިންވަނަ އަށް ޖެހިލައިފައެވެ. މިމެޗުގެ އެޓީމުން ޖެހި ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އިނގިރޭސި މިޑްފީލްޑަރު އެރިކް ޑަޔާ އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބާންލީ އާއި ހަޑަސްފީލްޑް ޓައުން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު އެވަޓަން ވަނީ ރަށުން ބޭރުގައި ކުޅެ ލެސްޓަރ ސިޓީ އަތުން 2-1 އިން މޮޅުވެފައެވެ. ވުލްވަހެމްޕްޓަން ވޮންޑަރާސް އަތުން 1-0 އިން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް ބަލިވިއިރު ވަޓްފޯޑްގެ ދަނޑުގައި ކުޅެ 4-0 ގެ ބޮޑު ތަފާތަކުން ބޯންމައުތު މޮޅުވެފައިވެއެވެ. މީގެއިތުރުން، މިމުބާރާތުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި ބްރައިޓަން ހޯވް އެންޑް އެލްބިއަން ވަނީ 1-0 އިން ވެސްޓްހޭމް ޔުނައިޓެޑް ބަލިކޮށްފައެވެ.
ޕްރިމިއާ ލީގުގައި، މިއަދު ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި މާލޭގަޑިން ހަވީރު 16:00 ގައި ފުލަމް އާ ދެކޮޅަށް އާސެނަލް ނިކުންނައިރު، 18:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޗެލްސީ އާ ސައުތުހެމްޕްޓަން އެވެ. މިހަފްތާގެ ބޮޑު މެޗުގައި، މާދަމާ ރޭ 20:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ތާވަލްގެ އެންމެ ކުރީގައި އުޅޭ ދެޓީމު ކަމަށްވާ މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލެވެ.