Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އިންތިޚާބުގެ ނަތީޖާ ބަދަލުވާނެ އެއްވެސް ހެއްކެއް ނެތް: ޝަރީފް

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ އެއްވެސް ހެއްކެއް ކޮމިޝަނަށް ހުށަހަޅާފައި ނެތް ކަމަށާއި މައްސަލައެއް އުޅޭ ނަމަ، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ހޮނިހިރު ދުވަހުގެ ރޭ އެދިވަޑައިގެންފި އެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ޕީޕީއެމުން ކުރަމުން އަންނަ މުޒާހަރާތަކަށް އިޝާރާތް ކުރައްވާ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުންނެވެ.

މަގުމަތީގައި މީހުންކޮޅެއް އެއްކޮށްގެން ދައްކާ ވާހަކައަކީ ކަން ކުރަންޖެހޭ އުސޫލު ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ނަތީޖާއާ މެދު ރައްޔިތުންގެ ހިތްތަކުގައި މާބޮޑު ސުވާލެއް އުފެދިގެން އުޅޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އިންތިޚާބާ ގުޅޭ މައްސަލަތައް ކޮމިޝަނަށް ހުށަހަޅައިފި ނަމަ، އެކަން ބަލާނެ ކަމަށާއި އަދި ނަތީޖާ ބަދަލުވެދާނެ ފަދަ ހެއްކެއް އޭނާއާ ހަމައަށް އަދި އައިސްފައި ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، އިންތިޚާބު ބާތިލްކުރުމަށް ގޮވާލައި މުޒާހަރާ ކުރުމުގެ ބަދަލުގައި، އޮންނަ އުސޫލުން ކޯޓަށް ނުވަތަ މުއައްސަސާއަކަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދަން ޖެހެ އެވެ. އަދި ކޮމިޝަންގެ މެމްބަރުން އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތު އަދާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކޮމިޝަނަށް މައްސަލައެއް ހުށަހަޅުއްވައިފިނަމަ އެ މައްސަލައެއް ބައްލަވާނެ ކަމަށާއި އެހެން ނަމަވެސް ސައިކަލްގައި ދަނިކޮށް ހުއްޓުވާފައި ޖަވާބުދާރީވާށޭ ބުންޔަސް ވާންނުޖެހޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، އިންތިޚާބުގެ ކަންކަން ދިޔައީ މިނިވަންކަމާއެކު ކަމަށް ރައްޔިތުންނާއި ބޭރުގެ ފަރާތްތަކާއި އޮބްޒާވަރުން އަދި މީޑިއާއިން ވެސް ވަނީ ގަބޫލުކޮށްފަ އެވެ.

ގައުމީ ކޮމްޕްލެއިންޓްސް ބިޔުރޯގެ މަސައްކަތްތައް ހުއްޓުވާލާފައިވާ ކަމަށް ޕީޕީއެމުން ތުހުމަތުރި ނަމަވެސް ޝަރީފް ވިދާޅުވީ އެތަނުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އިންތިޚާބުގެ ފަހުން 194 މައްސަލައެއް އެ ތަނަަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން 88 މައްސަލައަކަށް މީގެ ކުރިން ޖަވާބު ދީ، ބާކީ އޮތް 106 މައްސަލައަކަށް މިއަދު ޖަވާބު ދީފައިވާ ކަމަށް ވިދާޅުވި އެވެ. ޖަވާބު ނުދެވި އޮތީ އެންމެ މައްސަލައަކަށް ކަމަށާއި އެއީ ރީ-ރަޖިސްޓްރޭޝަނާ ގުޅޭ މައްސަލައަކަށް ވާތީ، ރީ ރަޖިސްޓްރޭޝަންގެ ޝަކުވާ ހުށަހަޅަން ދިން މުއްދަތުގައި އެކަން ކޮށްފައި ނުވާތީ އެ ޝަކުވާއާ މެދު ވެސް ބިޔުރޯއިން މާދަމާ ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިޔުރޯއަށް ހުށަހެޅީ އިންތިޚާބުގެ ނަތީޖާއަށް އަސަރެއް ފޯރަފާނެ ފަދަ މައްސަލަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.