ވޯޓު އޮޅުވާލި ކަމަށް ބުނެ ޕީޕީއެމުން ކުރަމުންދަނީ މުޒާހަރާ ނޫން ކަމަށާއި އެއީ މައުލުމާތު ދިނުން ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.
ސިއްދީގް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި އިބްރާހީމް މުހައްމަދު ސޯލިހާއި ވާދަކޮށް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީ އާއެކު، އިންތިހާބުގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ ނަތީޖާއާއި ދެކޮޅަށް ޕީޕީއެމުން ފަށާފައިވާ ސިލްސިލާ މުޒާހަރާގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުންނެވެ.
ސިއްދީގު ވިދާޅުވީ މުޒާހަރާ ކުރުމަކީ އަސާސީ ހައްގެއް ކަމަށެވެ. އެ ހައްގު އަތޮޅު ތެރޭގެ ކޮންމެ ރަށެއްގައި ބޭނުން ކުރެވޭނެ ކަމަށެވެ.
ޕީޕީއެމުން އިސްލާހު ހުށަހަޅައި ރައީސް ޔާމީން ތަސްދީގު ކުރައްވާފައިވާ ގާނޫނެއްގެ ދަށުން މާލޭގައި މުޒާހަރާ ކުރުމަކީ މަނާކަމެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައި ވާތީ، ސިއްދީގު ވިދާޅުވީ މާލޭގައި ޕީޕީއެމުން ކުރަނީ މުޒާހަރާ ނޫން ކަމަށެވެ.
"ކޮންމެ ރަށަކުން ވެސް ތިބޭފުޅުން ނުކުމެވަޑައިގަންނަވާށޭ. މުޒާހަރާ ކުރުމުގެ ހުއްދަ އޮންނާނެ އަތޮޅު ތެރޭގެ ކަންކޮޅުތަކުގައި. ތިޔަބޭފުޅުންނަށް ގެއްލިފައިވާ ހައްގުތައް ހޯދުމަށްޓަކާ. މުޒާހަރާ ކުރުމަކީ ތިބޭފުޅުންނަށް ލިބިގެންވާ އަސާސީ ހައްގެއް. އެކަން ކުރެވޭނެ. ފުލުހުންނެއް އެކަމެއް ނުހުއްޓުވާނެ،" ސިއްދީގު ވިދާޅުވިއެވެ.
"މާލޭގައި އަޅުގަނޑުމެން މި ކުރަނީ މުޒާހަރާއެއް ނޫން. މިއީ މައުލޫމާތު ހިއްސާކުރުން. ވަގު ވޯޓުގެ މައުލޫމާތު ހިއްސާކުރުން،" ސިއްދީގް ވިދާޅުވިއެވެ.
ނަމަވެސް ޕީޕީއެމް އޮފީސް ކުރިމަތީގައި އެ ޕާޓީން ދަނީ ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތައް ކުރިއަށް ގެންދާތާ ހަތް ރޭ ވަނީ ވެފައެވެ.