ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން އެއްވެސް ކޯޓަކުން އިތުރު ގޮތެއް ނިންމާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލު ކުރެއްވުމަށްފަހު މީޑިއާތަކާއި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ އެކަން ދުނިޔެ ވެސް ގަބޫލުކޮށްފައިވާ ކަމަށާއި އިންތިހާބުގައި ވޯޓުލީ އެންމެންގެ ހާޒިރުގައި ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންއިން އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް އޭގެ ހަފްތާއެއް ފަހުން ދާއިމީ ނަތީޖާ ވެސް އިއުލާންކޮށް ނިންމި އިރު ވެސް އެއްވެސް މައްސަލައެއް ވެސް ނުޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
އޭގެ މާ ފަހުން ކުއްލިއަކަށް މައްސަލަތަކެއް ފެންމަތިވެގެން އިންތިހާބު ގޯހޭ ބުނި ނަމަވެސް އެކަން އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ ދުނިޔޭގެ ގައުމުތަކުންނާއި ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަން ފާހަގަ ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ އެއްވެސް ކޯޓަކުން ވެސް އެކަމާ ދޭތެރޭ އިތުރު ގޮތަކަށް ނިންމަވާނެ ކަމަކަށް ގަބޫލެއް ނުކުރެއްވޭ ކަމަށެވެ.
ބައްދަލުވުމަށްފަހު ގާސިމް ވިދާޅުވީ މި ދަނޑިވަޅުގައި ރިޔާސީ އިންތިހާބުގެ ނަތީޖާއާ ކުޅެން އުޅުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. ހުރިހާ ގައުމަކުން އިންތިހާބުގެ ނަތީޖާ ބަލައިގެންފައިވާ އިރު އަލުން ނަތީޖާ ބަދަލު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެކަންކޮށްފި ނަމަ ގައުމުތަކުން ރާއްޖެއަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ކޮންމެ ކޯޓަކަށް ވަޑައިގަތަސް އެ ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ނިންމުމެއް ނާންނާނެ، ކިހިނެތްތޯ އެކަން ކުރާނީ، އަޅުގަނޑަކަށް ނޭނގެ އެކަން ކުރެވޭނެ އެއްވެސް ގޮތެއް،" ގާސިމް ވިދާޅުވި އެވެ.
ބޭބެގެ ހައިސިއްޔަތުން ރައީސް ޔާމީނަށް ވިދާޅުވާނީ މިކަމާއިބެހޭ ގޮތުން ކީކޭތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ބޭބެގެ ހައިސިއްޔަތުން ނޫން ކަމަށާއި، ދިވެހި ރައްޔިތެެއްގެ ހައިސިއްޔަތުން، ނަތީޖާ ގަބޫލުކުރައްވާ ރީތިކޮށް އަބުރުވެރިކޮށް ފަހަތަށްޖެހިވަޑައިގަތުމަށް ރައީސް ޔާމީނަށް ދަންނަވާ ކަމަށެވެ.