އިންތިހާބީ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރެއްގައި އެންމެންގެ މައްޗަށް ވެސް ގާނޫނޫ ހިންގާނީ ހަމަހަމަކަމާއެކު ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު އަދި މިހާރު ޕާޓީ ހިންގުމާއި ހަވާލުވެ ހުންނެވި ގާސިމް އިބްރާހީމް މިއަދު ވަނީނ ބައްދަލުކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރަކީ ޝަރުއީ ހަމަތަކުގެ މަތިން ނޫން ގޮތަކަށް އެއްވެސް ފަރާތަކާއި މެދު ފިޔަވަޅު އެޅިގެން ނުވާނެ ފަސް އަހަރުކަމަށް އުއްމީދުކުރައްވާކަމަށެވެ.
"އަޅުގަނޑު އެދެނީ ރާއްޖެއަށް ހަމަހަމަކަމާއި އިންސާފު. އެންމެނަށް ވެސް އެއްގޮތެއް. ވަކި މީހަކަށް ވަކި ގޮތެއް ނޯންނާނެ. ވަކި ވިސްނުމެއްގެ މީހަކަށްވީތީ ވަކި ތަފާތުކުރުމެއް ނޯންނާނެ. އެއްވެސް މީހަކަށް އަނިޔާއެއް ދިނުމެއް ނޯންނާނެ." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އެއްވެސް މީހަކު ގޭގަ ހުއްޓާ ގެންގޮސް ޖަލަށް ލުމެއް ނޯންނާނެ ކަމަށެވެ. އެންމެންނަށް ވެސް އިރާދަކުރެއްވިއްޔާ ހިނގާނީ އެއް އުސޫލެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "ގާނޫނީ ހަމަތަކުގެ މަތިން ޝަރުއީ ހަމަތަކުގެ މަތިން މީހަކާއި ދޭތެރޭ އަމަލުކުރެވޭނީ." ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު އިތުރަށް ވިދާޅުވީ ކޯލިޝަން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި ކޯލިޝަން ގުޅިގެން އުފެއްދުމަށް މަސައްކަތްކުރަމުން އަންނަނީ ވަކި ޕާޓީއަކަށް ނިސްބަތްވާ ސަރުކާރެއް ނޫންކަމަށާއި އެއީ ކޯލިޝަން ސަރުކާރެއްކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. އެގޮތުން ހުރިހާ ކަމެއް ވެސް ކޯލިޝަންގެ ތެރެއިން މަޝްވަރާކުރެވި އެންމެން އެއްބަސްވެވޭ ގޮތަކަށް ކަންކަން ކުރިއަށްދާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ނިމިގެންދިޔަ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށް ބުނެ ޕީޕީއެމުން ކޯޓަށް މައްސަލައެއް ގޮތުގައި އެކަން ވައްދަން އުޅޭ ކަހަލަ އިޝާރާތެއް ކޮށްފައިވާ މި ދަނޑިވަޅުގައި ރައީސް މައުމޫން ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން އެއްވެސް ކޯޓަކުން އިތުރު ގޮތެއް ނިންމާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ.