އައިސްލޭންޑްއާ ދެކޮޅަށް ރޭ އަމިއްލަ ދަނޑުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކުޅުނު އެކުވެރިކަމުގެ މެޗުން ދެވަނަ ހާފުގައި ކުޅެން ނިކުތް އުމުރުން 19 އަހަރުގެ ކިލިއަން އެމްބާޕޭ ދެއްކި މޮޅުކުޅުމާއެކު ފަހަތުން އަރައި 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށްފިއެވެ.
ފްރާންސުން މިމެޗަށް ނިކުތްއިރު އެޓީމުގެ ޑިފެންސްލައިންގެ އިތުރުން މިޑްފީލްޑަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން، އެޓީމުގެ މިޑްފީލްޑްގައި އާއްމުކޮށް ކުޅޭ ކުޅުންތެރިން ކަމަށްވާ އެންގޯލޯ ކާންޓޭ އާއި ބްލައިސް މަޓުއިޑީގެ ބަދަލުގައި ފްލޮރިއަން ތޯވާންް އާއި ސްޓީވެން އެންޒޮންޒީ ހިމަނާފައިވާއިރު ނިމިދިޔަ ވޯލްޑްކަޕްގައިވެސް އެޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި ލޫކަސް ހެނާންޑޭޒް އާއި އަނިޔާގެ ސަބަބުން މިމެޗުގައި ނުކުޅެވުނު ބާސެލޯނާގެ ޑިފެންޑަރު ސެމުއެލް އުމްޓީޓީގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ ލޫކަސް ޑީނޭ އާއި ޕްރެސްނެލް ކިމްޕެމްބޭ އެވެ.
އައިސްލޭންޑުން މިމެޗަށް ނިކުތްއިރު އެޓީމު އެންމެ ފަހުން ކުޅުނު ފަސްމެޗުގެތެރެއިން ހަތަރު މެޗުން ބަލިވެފައިވާއިރު އެންމެ ފަހުން ކުޅުނު ދެމެޗުގައި ބައިކޮޅަށް 9 ގޯލް ވަދެފައިވެއެވެ. މިދެމެޗުގައިވެސް އެޓީމަށް ގޯލެއް ކާމިޔާބުކުރެވިފައެއްނުވެއެވެ.
ފްރާންސްގެ ގުއިންގެމްޕްގެ ސްޓޭޑް ޑޫ ރޫޑުރޫގައި ކުޅުނު މިމެޗުގެ 31 ވަނަ މިނެޓުގައި ކުރީން ލީޑް ނެގީ ވެސް އައިސްލޭންޑުންނެވެ. އެޓީމުގެ އަލްފްރެޑް ފިންބޮގަސަން ދިން ބޯޅައަކުން ބިރްކިރް ޔާނަސަން މިލަނޑުޖަހައިދިނީ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލީ ރީތި ހަމަލާއަކުންނެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން އައިސްލޭންޑް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން 13 މިނެޓުގެ ތެރޭގައި އައިސްލޭންޑުން ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ އެޓީމުގެ ކެޕްޓަން ގިލްފީ ސިގަޑްސަން ނަގައިދިން ހުރަހަކުން އައި ބޯޅައެއް ކާރީ އާނަސަން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިބޯޅަ ގޯލްގެތެރެއަށް ވަނީ ހުރަސްދަނޑީގައިޖެހިފައެވެ.
އައިސްލޭންޑުން ދެލަނޑުގެ ލީޑެއް ނެގުމާއެކު، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ އެޓީމުގެ ފޯވާޑްލައިންގައި ކުޅެމުންދިޔަ އެންޓޮއިން ގްރީޒްމަން އާއި ފްލޮރިއަން ތޯވާންގެ ބަދަލުގައި އެމްބާޕޭ އާއި ތޯމަސް ލެމާ ކުޅެން ނެރެފައެވެ.
އޭގެފަހުން، ޕައުލް ޕޮގްބާ އާއި އޮސްމާނޭ ޑެމްބެލޭގެ ބަދަލުގައި ޓެންގޫއީ އެންޑޮމްބެލޭ އާއި ޕަޔެޓް ވެސް ކުޅެން އަރުވާފައިވެއެވެ.
މުޅި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅުނު ފްރާންސުން މިހާފުގައި ގެނައި ބަދަލުތަކާއެކު ކުޅުން ރަނގަޅު ކުރިއެވެ. ނަމަވެސް، އެޓީމަށް ލަނޑެއް ކާމިޔާބުކުރެވޭގޮތްވީ މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް އައިސްލޭންޑްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ފްރާންސްގެ އެމްބާޕޭ ފޮނުވާލި ބޯޅަ އައިސްލޭންޑްގެ ގޯލްކީޕަރު ހަނެސް ހަލްޑޯސަން މަތަކުރިނަމަވެސް ގޯލްގެތެރެއަށް ވަނީ ކުރިމަތީގައި ހުރި ހޮލްމާ އެއިޔޮލްފްސަންގެ ގައިގަ ޖެހިފައެވެ.
ފްރާންސަށް އެއްވަރުކޮށްދިނީ މެޗުގެ 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ އެވެ. މިއީ އެޓީމުގެ ޕަޔެޓް ނެގި ކޯނަރަކުން އައި ބޯޅައެއް ޕެނަލްޓީއޭރިޔާތެރެއަށް ހުރަސްވި ވަގުތު އައިސްލޭންޑްގެ ސިގްތޯސަން ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ ފްރާންސްގެ ސީނިއާ ޤައުމީޓީމަށް އެމްބާޕޭ ކުޅެދިން 25 މެޗުގައި ކާމިޔާބުކުރި 10 ވަނަ ގޯލެވެ.
ކާޑިފްގެ ޕްރިންސިޕަލިޓީ ސްޓޭޑިއަމްގައި ސްޕެއިނާ ދެކޮޅަށް ވޭލްސް ކުޅުނު އެކުވެރިކަމުގެ މެޗުން އެޓީމު ބަލިވީ 4-1 އިންނެވެ.
މިމެޗުގައި އަނިޔާގެ ސަބަބުން ވޭލްސްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ގަރެތު ބޭލް ނުކުޅޭއިރު ސްޕެއިން އިން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. އެގޮތުން، މެޗުގެ 8 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ލަނޑު، ޕާކޯ އަލްކަސާ ޖަހައިދިންއިރު ސާޖިއޯ ރާމޯސް ވަނީ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. ސްޕެއިންގެ ތިންވަނަ ލަނޑު 29 ވަނަ މިނެޓުގައި ޖަހައިދިނީވެސް އަލްކަސާ އެވެ. އެޓީމުގެ ފަހު ލަނޑު، މެޗުގެ 74 ވަނަ މިނެޓުގައި މާކް ބަޓްރާ ކާމިޔާބުކޮށްދިންއިރު ވޭލްސް އަށް ސުން ކަނޑުވާލައިދިނީ މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ސޭމް ވޯކްސް އެވެ.
ޔޫއެފާ ނޭޝަންސް ލީގަށް ތައްޔާރުވުމުގެ ގޮތުން ރޭ ތުރުކީ އާ ބޮސްނިއާ އެންޑް ހާޒެގޮވިނާ ކުޅުނު އެކުވެރިކަމުގެ މެޗު ލަނޑެއްނުޖެހި އެއްވަރުވިއިރު އަންނަ އަހަރު ބްރެޒިލްގައި ބާއްވާ ކޮޕާ އެމެރިކާ އަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާ އާ ކޮލަމްބިއާ ކުޅުނު އެކުވެރިކަމުގެ މެޗުތަކުން އެ ދެޓީމު މޮޅުވިއެވެ. އިރާޤު އަތުން 4-0 އިން އާޖެންޓީނާ މޮޅުވިއިރު އެޓީމުގެ ލަނޑުތައް ޖަހައިދިނީ ލައުޓޭރޯ މާޓިނޭޒް އާއި ރޮބާޓޯ ޕެރޭރާ އަދި ޖާމަން ޕެޒެއްލާގެ އިތުރުން ފްރޭންކޯ ސާވީ އެވެ. އެމެރިކާ އަތުން ރަށުން ބޭރުގައި ކުޅެ ކޮލަމްބިއާ މޮޅުވީ 4-2 އިންނެވެ. މިމެޗުގައި ކޮލަމްބިއާގެ ލަނޑުތައް ޖަހައިދިނީ ހަމޭސް ރޮޑްރިގޭޒް އާއި ކާލޯސް ބައްކާ އަދި ރަޑަމެލް ފަލްކާއޯގެ އިތުރުން މިގުއެލް ބޯރްހާ އެވެ. އެމެރިކާގެ ލަނޑުތައް ޖަހައިދިނީ ކެލީން އަކޮސްޓާ އާއި ބޮބީ ވުޑް އެވެ.