ޔޫރަޕިއަން ޔޫނިއަން(އީޔޫ)އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޓުންގ-ލައި މާގިއޫ ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމާއި އަދި އެޕާޓީގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވައިފިއެވެ.
މިއަދު ހަވީރު، ޖުމުހޫރީ ޕާޓީގެ މައި އޮފީސް މ.ކުނޫޒުގައ މިި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމްގެ އިތުރުން އެޕާޓީގެ ރައީސް އަލީ ވަޙީދާއި، ނައިބުރައީސް ޑރ ޢަބުދުﷲ މައުސޫމާއި އެކްޓިންގ ލީޑަރު ޑރ ހުސައިން ރަޝީދު ޙަސަނާއި، ސެކެރެޓެރީ ޖެނެރަލް އަހުމަދު ސަމީރާއި، ފޮރިންގ ރިލޭޝަންސް ކޮމިޓީގެ ޗެއާ ޑރ އާސިމް އަހުމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ޤާސިމް އިބުރާހިމްގެ ވާހަކަފުޅުގައި ރާއްޖެ ދިމިޤުރާތީ ހަމަތަކުންގެ މަތިން ކުރިޔަށް ގެންދިޔުމަށް ކުރެވެމުންދާ އިސްލާހީ މަސައްކަތްތަކަށް ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ގާތުން ބަލަމުން ގެންދާކަން ފާހަގަކުރައްވައި އެފަރާތަށް ޝުކުރު އަދާކުރެއްވިއެވެ.
އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޓުންގ-ލައި މާގިއޫ ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ބައްދަލު ކުރައްވަމުން ގެންދަވާއިރު، މީގެ ކުރިން ވަނީ އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިހާވެސް ބައްދަލު ކުރައްވާފައެވެ.
އަދި ރާއްޖޭގައި ދިމިޤުރާތީ ހަމަތައް އަށަގަންނުވައި އިސްލާހީ މަސައްކަތްތަކާއި މުއައްސަސާތައް ހަރުދަނާކޮށް ހިންގުމަށާއި، ތިމާވެށީގެ ދާއިރާ އާއި ސަލާމަތީ ޚިދުމަތުގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގައި އީޔޫއިން ދެމި އޮންނާނެ ކަމުގައިވެސް އެޔޫނިއަނުންވަނީ ބުނެފައެވެ.