ސިނަމާލެ ބްރިޖުގައި ހުޅުމާލެއި މާލެއާއި ދެމެދު ބަހުގެ ހިދުމަތް ދިނުމަށް އެމްޕީއެލްއިން ދެބުރި ބަސް ގެނެސްފިއެވެ.
ރާއްޖެއަށް ގެނެވުނު ފުރަތަމަ ދެބުރި ބަސް އެމްޕީއެލްއަށް ގެނެސްފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ބަސް ދުއްވަން ފެއްޓޭނީ ރަޖިސްޓްރީގެ ކަންކަން ނިމުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހުޅުމާލެއާއި މާލެއާއި ދެމެދު ބަހުގެ ދަތުރުކުރަމުންދާ އެމްޕީއެލްއަށް 90 މީހުންގެ ޖާގައިގެ މި ބަސް ރާއްޖެ ގެނެސްފައި ވަނީ އެކުންފުނީގެ ލޯގޯވެސް ޖަހައިގެންނެވެ.
އެމްޕީއެލްއިން އަދި ބަހުގެ ހިދުމަތް ހުޅުމާލެއާއި މާލެއާއި ދެމެދު ދެމުން ދަނީ ހިލޭއެވެ. އަދި ހުޅުމާލޭ ބްރިޖުގައި ދުއްވާ އެއްޗެއްސަށް ވެސް ފީއެއް ނަގަން ފަށާފައެއް ނުވެއެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި ބްރިޖުގައި ދުއްވާ ތަކެތިން ފީއެއް ނެގަން ފެށޭނެ ކަމަށެވެ.
ސިނަމާލެ ބްރިޖް ހުޅުވުމުގެ ސަބަބުން ގިނަ ބަޔަކަށް ދަނީ އޭގެ ފައިދާ ކުރަމުންނެވެ. މާލެ އަދި ހުޅުމާލެ ދޭތެރޭ ދަތުރުތައް ވަނީ އިންތިހާއަށް ފަސޭހަވެފައެވެ.
ބްރިޖް ހުޅުވި ފަހުން ގާތްގާތުގައި އެކްސިޑެންޓްތައް ވެސް ދަނީ ހިނގަމުންނެވެ. ލިބޭ ކޮންމެ ފަސޭހައަކީ އޭގެ ގޮތުގައި ބަލައިގެން ތިމާ އަދި އަނެކާއަށް ވެސް ގެއްލުން ނުވާ ގޮތަށް ބޭނުން ހިފަންޖެހޭ ކަންކަމެވެ. ދުއްވާއިރު ސްޕީޑަށް ސަމާލުކަން ދޭންޖެއެވެ.