ގަރާރަކީ ދިވެހިބަހުގައި ކަމެއް ވަކިގޮތަކަށް ހަމަޖައްސާ ހަމަޖެއްސުމެވެ. ކަނޑައެޅުމެވެ. ގަރާރުވުމަކީ ހަމަޖެހުމެވެ. އަށަގަތުމެވެ. ގަރާރުކަމަކީ ކަމެއްގައި ހަމަޖެހިގެން ސާބިތުވެހުރުމެވެ. ހަމަޖެހުން ލިބިގެންވުމެވެ. ގަރާރުގެ އިދިކޮޅަކީ ބޭގަރާރެވެ. ބޭގަރާރަކީ ހިތް ނުތަނަވަސްވުމެވެ. ހިތްހަމަނުޖެހިފައި ހުރުމެވެ.
ހެންވޭރުކޮޅުން ރަންނަމާރި ކަނޑުފެއްތި ދިމާލުގައި ކޮންމެ ރެޔަކު ގަރާރުތަކެއް ފާސްކުރާ މަންޒަރު އެބަފެނެއެވެ. މިކަމުގައި އިސްކޮށް ހުންނަނީ މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މީހެކެވެ. ނަމަކީ އިބްރާހިމް މުއާޒެވެ. ކޮންމެރެޔަކު ކަރުގެ ނާރުތައް ފުއްޕައި އަޑުގެކޮޅަށް ގަރާރުތަކެެއް އިއްވަމުންދާއިރު މީނާއަކީ ކަންކަމުގައި ކިހާވަރެއްގެ ގަރާރުކަން ލިބިގެންވާ މީހެއް ބާވައެވެ. މީނާގެ ކިބައިގައި ހުރީ ގަރާރުކަންތޯ ނޫނީ ބޭގަރާރުކަންތޯ ބަލައިލުމަކީ ކޮންމެހެންވެސް ކުރާންވެއްޖެ ކަމެކެވެ.
ރައީސް މައުމޫނުގެ ދައުރުގެ ފަހުކޮޅު އިންފޮމޭޝަން މިނިސްޓަރުކަމުގައި ހުންނެވީ މިހާރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އުސްތާޒު މުހައްމަދު ނަޝީދެވެ. އޭރު މުއާޒަކީ ޓީވީއެމްގެ އާދައިގެ ޕްރޮޑިއުސަރެކެވެ. މިނިސްޓަރު ނަޝީދާއި ޓީވީއެމްގެ އޭރުގެ ސީއީއޯ އަލީ ޚާލިދާ ދެކޮޅަށް ޓީވީއެމްގެ ތެރެއިން ބަޔަކު ކައްކަކާކޯގެ ނަމުގައި ވެބްސައިޓެއް އުފެއްދިއިރު މުއާޒަކީ އެސައިޓުގެ އިސް ބައިވެރިޔެކެވެ. ސައިޓުގައި ލިޔެފައި ހުންނަނީ ނަޝީދާއި އަލީ ޚާލިދާއި ދެކޮޅު ލިޔުންތަކެވެ.
ގިނަދުވަސްތަކެއްނުވެ މުއާޒާ ދޭތެރޭ މެނޭޖްމަންޓުން ޝައްކުކުރަން ފަށައިފިއެވެ. ސިއްރު ހިފަހައްޓަން ނޭގުމާއި ފޮނިކެނޑުން ބޮޑުކަމުންވީގޮތެކެވެ. ނަޝީދު ބޭނުންފުޅުވީ ސައިޓުގެ ފަހަތުގައި ތިބީ ކޮންބައެއްކަން ދެނެގަތުމަށެވެ. މުއާޒަކީ މިޒާތުގެ ކަމެއް އެކަނި ކުރެވޭނެ އުރައްޕެއް ހުރި މީހަކަށް ނުވާތީއެވެ. ސައިޓު ހިންގާން ތިބި އިސް މީހުންނަށް ދެން ކުރާންޖެހުނު ކަމަކީ މުއާޒު ގެންގޮސް ހިތްވަރުދީ ނަސޭހަތް ދިނުމެވެ. އެވަރުންވެސް މީނާ ރޮއެރޮއެފައި ބުނަމުންދިޔައީ ހުރިހާ ވާހަކައެއް ނަޝީދަށް ދަންނަވައިފިއްޔާ އޭނާގެ ވަޒީފާ ސަލާމަތްކުރެވިދާނެ ކަމުގައެވެ. އޭނާއަކީ ވަރަށް ޒުވާން ކުއްޖަކަށްވާތީ މިނިސްޓަރު ނަޝީދު މާފުދެއްވައިފާނެ ކަމަށެވެ. މިޒާތުގެ ބޭގަރާރުކަމެއްގެ ތެރޭގައި މި މުއާޒު ތިން ހަތަރު ހަފުތާއެއް ހޭދަކުރިއެވެ. މުއާޒުގެ ބޭގަރާރުކަމުގެ ސަބަބުން ދެންތިބި މީހުން ބޭޒާރުވެދާނެތީ މިވަރުގެ ބޭގަރާރު މީހަކު ހިމަނައިގެން މިކަހަލަ ކަމެއް ފެށުނީތީ އެވެރިންނަށް ޖެހުނީ ދެރަވެ ހިތާމަކުރާށެވެ. މީނާ ބައިވެރިކޮށްގެން ދުވަހަކުވެސް ކަމެއް ނުކުރުމަށް ބޮޑުހުވައިން ހުވާކުރިއެވެ.
ޓީވީ މޯލްޑިވްސްއިން ކަނޑައިލީމާ ދެން މުޖުތަމައުގެ ތެރޭގައި ބާކީވެފާ ހުއްޓައި ވީޓީވީ ވުޖޫދުކުރަން މަސައްކަތް ކުރެވުނު ދުވަސްވަރު އެތަނުން މީނާއަށް ކޮންމެވެސް މީހަކު ވަޒީފާ ހަމަޖައްސައިދީފިއެވެ. އޭރު ވީޓީވީ އަދި ނުހުޅުވައެވެ. މީނާ ކުރަންޖެހޭ ކަމަކީ ޓީވީ ހުޅުވުނީމާ ދައްކާނެ ބައެެއްކަހަލަ ޕްރޮގްރާމުތައް ރާވައި ކަރުދާހަށް ގެނައުމެވެ. ހަތަރު ފަސްމަހު މުސާރަ ނަގައިގެން އެއްވެސް މަސައްކަތެއްނުކޮށް ގޭގައި ހުރެހުރެފައި މީނާ ދެންހެދި ވަޑާމަކީ ދިޓީވީ ހުޅުވުނީމާ އެތަނުގެ ވަޒީފާއަށްވަނީއެވެ. ބަލަބަލަ ތިހެދީ ކިހިނަކުންހޭ ވީޓީވީން މުސާރަ ނަގައިގެން ހުރެފައި ތިޔަހެނަކުން ނުހެދޭނެޔޭ ކޮންޓްރެކްޓް މިއޮތީއޭ ކޯޓަށްވެސް ދާނަމޭ ބުނީމާ ރޮއެގެންފައި ބުނީ މާފުކޮށްދޭށޭއެވެ. މުޅިއުމުރުގައިވެސް ވިލާކުންފުނީގެ މަސްލަހަތަށް ދެރަލިބޭނޭ އެއްވެސްކަމެއް ނުކުރާން ހުވައިކުރާ ވާހަކައެވެ. ކޮންމެއަކަސް މިޒާތަކުން ބޭގަރާރުކަން ދައްކައި އާދޭސްކޮށްގެން އެކަމުން ސަލާމަތްވެގެންފިއެވެ.
ދިޓީވީގައި އުޅެމުން އެތަނުގެ ސާމާނަށް ގެއްލުންދީފައި ބެޗިގޮތުގެ ވާހަކަ މިލިޔުމުގައި ހިމަނާކަށް ގަސްތެއް ނުކުރަމެވެ. އަދި ދުންޔާ މައުމޫނުގެ ތަރުޖަމާނަކަށް ހުރެފައި ދޯކާދީފައި ރައީސް އޮފީހުން ޖާގަހޯދިގޮތުގެ ވާހަކަވެސް ހިމަނަން ގަސްތެއް ނުކުރަމެވެ.
މިލިޔެވުނީ އަހަރެން އަމިއްލަ ލޮލުން ދެކި އަތުން ހިފި ދެކަމެއްގެ ވާހަކައެވެ. އަދިވެސް މިޒާތުގެ ކިތަންމެ ކަމެކެވެ. މިކަންކަމުން ޔަގީންވަނީ މުއާޒުގެ ކިބައިގައި ހުރީ ބޭގަރާރުކަމުގެ ސިފަކަމެވެ. ކަންކަމުގައި ސާބިތުވެހުރުމާއި ހަރުދަނާކަމާއި ތެދުވެރިކަން ނުހުންނަކަމެވެ. އެހެންވީމާ މިހާރު އެފާސްކުރާ ގަރާރުތަކުގެ ފަހަތުގައި ހުރީ ކާކުކަމާއި މިކަންކުރަނީ ކީއްވެގެންކަން ދެނެގަތުމަށް މީނާގެ ބޭގަރާރުކަމުގެ ބޭނުން ހިފިދާނެއެވެ. ތަހުގީގެއްގެ ކުރިމައްޗަށް ހާޒިރުކުރާ ވަގުތުން ފެށިގެން ސިއްރުތައްދާނީ ބޭރުވަމުންނެވެ. މިހާރު އެސަކަރާތެއް ޖަހަނީ ގަރާރުކަން ހުރެގެނެއް ނޫނެވެ. އެއީވެސް ގެއްލޭބައި ބޮޑުކަމުން ވެފައިވާ ބޭގަރާރުކަމުގެ ނަތީޖާއެވެ.