ޗައިނާއާއިއެކު ގާތްގުޅުމެއް ބާއްވަމުން އައިސްފައިވާ ރައީސް ޔާމީންގެ ވެރިކަން ނިމެން ގާތްވެ މިހާރު އެހެން ވެރިކަމަކަށް ރާއްޖެ މިސްރާބު ޖަހާފައިވާ މި ދަނޑިވަޅުގައި އައު ސަރުކާރާއި ޗައިނާއާއިއެކު އޮންނަ ގުޅުމަށް ބުރުލެއް ނާރާނެކަމަށް ޗައިނާގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި އެންމެ ގުޅުން ބޮޑުކޮށް އޮތް އަވަށްޓެރި އިންޑިއާއާއި އެކު އޮންނަ ގުޅުން ކުޑަކޮށް، ޗައިނާއާއިއެކު އޮންނަ ގުޅުން ވަނީ ބަދަހިކޮށްފައެވެ. އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ)ގެ އެމަނިކުފާނުގެ ވެރިކަމެއްގައި އިންޑިއާއާއިއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ޗައިނާއާއިއެކު ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި، އިންޑިއާ ކަނޑުގެ މަސްލަހަތަށް އިސްކަން ދެއްވާނެކަމަށް އެމަނިކުފާނާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ އިތުރުން ގުޅިފައިވާ އެހެން ޕާޓީތަކުންވެސް ގެންދިޔައީ ހާމަކުރަމުންނެވެ.
މިހާރުގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ޗައިނާގެ ގްލޯބަލް ޓައިމްސްގައި އަންގާރަ ދުވަހު 'ވިން ވިން ފޯމިއުލާ' މިސުުރުޚީގެ ދަށުން ޝާއިއު ކޮށްފައިވާ ލިޔުމެއްގައިވަނީ ގުޅިފައިވާ ޕާޓީތަކުން ބޮޑަށް އިންޑިއާއަށް އިސްކަންދިންކަމުގައި ވިޔަސް، އިންތިޚާބީ ރައީސް އިބޫއަކީ މެދުމިނުގެ ބޭފުޅެއް ކަމަށް ފާހަގަ ކުރައްވާފައެވެ. އެ ލިޔުމުގައި މާނަކޮށްފައިވަނީ އިބޫ ވަކިކޮޅަކަށް ނުޖެހި ޗައިނާ އަދި އިންޑިއާ އާއެކުވެސް ގުޅުން ބަދަހިކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި ޗައިނާ ސަރުކާރުން ހިންގީ ދެ ޤައުމަށްވެސް ފައިދާ ހުރި މަސައްކަތްތަކެއް ކަމަށް ހަމަ އެނޫހުގައި ޗައިނާގެ ވެސްޓް ނޯމަލް ޔުނިވަރސިޓީގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ލޮންގް ޝިންގްޗުން އާއި ހަވާލާދީ ބުނެފައިވެއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ހުޅުލެއާއި މާލެއާއި ދެމެދު އަޅާފައިވާ ބްރިޖް އޭގެ ތެރެއިން ފާހަގަ ކޮށްފައިވެއެވެ. މި ދެ ޕްރޮޖެކްޓަކީ ވެސް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ގެ އިސްނެންގެވުމަށް ޗައިނާއިން ގެންގުޅޭ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ހިންގާފައިވާ ޕްރޮޖެކްޓްތަކެވެ.
ލޮންގް ވިދާޅުވީ ޗައިނާއިން ރާއްޖޭގައި އިންވެސްޓް ކުރަނީ އިމާރާތް ކުރުމުގެ ސިނާޢަތާއި ފަތުރުވެރިކަމުގައި ކަމަށެވެ. އެ ދެ ސިނާޢަތުގައި އިންޑިއާ އާއި ޗައިނާއިން ރާއްޖޭގައި ވާދަނުކުރާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި އިންޑިއާއިން އިންވެސްޓްކުރާ ދާއިރާތަކުގައި ޗައިނާއިން އިންވެސްޓް ނުކުރާ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ޗައިނާއާއިއެކު ގާތްގުޅުންތަކެއް ބާއްވަމުން ދިޔަ ސަރުކާރުތައް ބަދަލުވަމުންދާއިރު އެސަރުކާރުތަކުން ފަށާފައިވާ ބައެއް ޕްރޮޖެކްޓްތައް ހުއްޓާލަމުން ގެންދާކަން ފާހަގަކޮށް ޕްރޮފެސަރ ލޮންގް ވިދާޅުވީ މިފަދަ ކަންކަން ދިމާވާނެ ކަަމަށާއި، އެފަދަ ޙާލަތްތަކުގައި ޗައިނާ ކުންފުނިތަކުން އެމީހުންގެ މަސްލަހަތު ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން ޙިމާޔަތްކުރުމަށް ވިސްނަން ޖެހޭކަމަށެވެ.