ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އެޓާނީ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރެއްވި އިރު ދައުލަތުގެ ހަރަދުގައި މާސްޓާސްއަށް ކިޔެވުމަށް ފޮނުވުމަށްފަހު މާސްޓާސް ފުރިހަމަ ކުރިކަމުގެ ލިއުން ހުށަހަޅާފައި ނުވާތީ ދައުލަތުން ކުރި ހަރަދު އަނބުރާ ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.
އޭސީސީން އެހެން ބުނެފައިވަނީ ބިޝާމް މާސްޓާސް ފުރިހަމަ ކޮށްފައި ނުވާ އިރު ވެސް ދައުލަތުން ކުރި ހަރަދު ހޯދަން މަސައްކަތް ނުކުރާ ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ހުށަހެޅުއްވި މައްސަލާގައެވެ.
މާސްޓާސް ޑިގްރީއަށް ކިޔަވަން ބިޝާމްއާއި އޭޖީ އޮފީހާއި ދެމެދު 2010 ވަނަ އަހަރުގެ ފެބުރުއަރީ 10 ގައި އެއްބަސްވުމެއް ހަދާފައިވާ ކަމަށް އޭސީސީން ބުނެއެވެ. ބިޝާމް ވަނީ އެ އެއްބަސްވުމުގައި ކޯސް ފުރިހަމަ ކުރުމަށް އެއްބަސްވެވަޑައިގެންފައިވެއެވެ. ކޯހުގެ މުއްދަތަށްފަހު ބިޝާމް އޭޖީ އޮފީހާއި 2011 ވަނަ އަހަރު އަލުން ގުޅިފައިވާ ކަމަށާއި ނަމަވެސް ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމެއް ހުށަހަޅާފައި ނުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި ކޯހަށް ދިޔަ ހަރަދު އަނބުރާ ދައްކާފައި ވެސް ނުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
ކޯސް ފުރިހަމަ ކުރި ކަމުގެ ލިއުން ހުށަނޭޅުމުން އަމަލު ކުރާނެ ގޮތެއް ބިޝާމްއާއެކު ވީ އެއްބަސްވުމުގައި ނެތް ކަމަށް އޭސީސީން ބުނެއެވެ. ނަމަވެސް އެގޮތަށް ދެވޭ ސްކޮލަޝިޕުތައް ފުރިހަމަ ނުކުރާ ފަރާތްތަކުގެ އަތުން ކޯހަށް ހަރަދުކުރެވުނު ފައިސާ އަތުލުމަކީ އޭޖީ އޮފީހުން އަމަލު ކުރާ އުސޫލު ކަމަށްވާތީ ބިޝާމްގެ ކޯހަށް ކޮށްފައިވާ ހަރަދުތައް ހޯދުމުގެ މަސައްކަތް އޭޖީ އޮފީހުން މިހާރު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ. އަދި އެ ފައިސާ އަނބުރާ ދައްކަން ބިޝާމް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.