މި އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރިޝްވަތުގެ ދައުވާ އުފުލާފައިވާ ސުޕުރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމޑު އާއި ޖުޑިޝަލް ސާވިސް އެޑްމިނިސްޓްރޭޝަންގެ ވެރިޔާގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާޠިލް ކޮށްފިއެވެ.
ފަނޑިޔާރުންނާއި ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރާ ދެކޮޅަށް ރިޝްވަތު ހިފުމުގެ ދައުވާ ދައުލަތުން އުފުލާފައިވާއިރު ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ސިޔާދު ގާސިމް އާއި ދެކޮޅަށްވެސް ރިޝްވަތު ހުށައެޅުމުގެ ދައުވާ އުފުލިއެވެ. ކޯޓުން ވަނީ ސިޔާދުގެ މައްޗަށް އުފުލި ދައުވާވެސް ބާޠިލްކޮށްފައެވެ.
ސިޔާދު، ފަނޑިޔާރުންނާއި އެޑްމިނިސްޓްރޭޓަރ ސައީދަށް ރިޝްވަތު ހުށައެޅި ކަން ސާބިތުކުރުމަށް މިގެ ކުރީގެ އަޑުއެހުންތަކުގައި ދައުލަތުން ވަނީ 33 ހެއްކެއް ހުށައަޅާފައެވެ. ނަމަވެސް އަސާސީ އެއްވެސް ހެއްކެއް ޝަރީއަތުގެ އަޑުއެހުމަށް ހުށައެޅިފައިނުވާ ކަމަށް ވަކީލުން ވަނީ އޭރުވެސް ފާހަގަކޮށްފައެވެ.
އަދި އެފަދަ ހެއްކެއް ހުށައެޅިފައި ނުވާތީ ސިޔާދުގެ ފަރާތުން ބަންދުން މިނިވަން ކޮށްދިނުމަށް އެދުމުން ގާޒީ ވަނީ ޝަރުތުތަކަކާއެކު ސިޔާދު ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް ފަނޑިޔާރުންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވާތީ އަދިވެސް އެބޭފުޅުން ތިއްބެވީ ޖަލު ބަންދުގައެވެ.