Last Updated: November 24, 23:51
Sunday, November 24, 2024

(މެއި 14، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ބައްޕަގެ ވާހަކަ އާއި މަންމަ ވެސް އެއްބަސް ވިއެ ވެ. ހަމަ އެ ވަގުތު މަދުރާއީ އަށް ދާން މަންމަމެން ފުރިއެވެ. އެކަމަކު އެ ދުވަސްވީ އެ މީހުންގެ ހަޔާތުގެ ސަފުހާގެ ފަހު ދުވަހަށެވެ. މަދުރާއީ އަށް ދިޔަ ބަސް ފުރޮޅާލީ އެވެ. އަދި އެ ހިތާމަވެރި ހާދިސާގައި އަހަރެންގެ ލޮބުވެތި މަންމަ އާއި ބައްޕަ ނިޔާވީ އެވެ.

އެވަގުތު އަހަރެންގެ ހިތަށް އައީ ވަރަށް މޮޅު ބުއްދިއެކެވެ. ސޫރަޖް ގެ ނަން ވެސް ގެއްލުނު މީހުންގެ ލިސްޓުގައި ޖެއްސީމެވެ.

"މި ދެ މީހުންނާ އެކު މި މީހުންގެ ފިރިހެން ކުއްޖަކު ހުރި. އޭނާ ކޮބާ؟" އަހަރެން މަންމަމެންގެ މަރުގެ ޙަބަރު ގެނައި އޮފިސަރު ކައިރިން އެހީމެވެ. އެ ވަގުތު އޭނާ އަހަރެންނަކީ ކާކުތޯ ސުވާލު ކުރުމުން އެ މީހުންގެ ރައްޓެއްސެކޭ ބުނެ އޮޅުވާލީ މެވެ. އޮފިސަރު ވެސް ސޫރަޖް ގެއްލުނީ ކަމަށް ނިންމި އެވެ. އަދި ހަމަ އެ ދުވަހު މަންމަމެންގެ ކަށުކަމާ ކެމީގެ ކަންތަކަށް ފަހު އެ ގެ ދޫކޮށްލީމެވެ. އަދި މަދުރާއީ އަށް ބަދަލުވީމެވެ.

ސާރާ ގިސްލަ ގިސްލާފައި ރޯން ފެށި އެވެ. އަދި އެ ފޮތް އަނެއްކާ ވެސް އޭނާގެ މޭގައި ޖައްސާލިއެވެ. އަދި އަނެއްކާ ވެސް އެފޮތް ކިޔަން ފެށި އެވެ.

ނަސީބު ގެއަށް ވެސް ސީދާ އަހަރެން ނުގުޅަމެވެ. މަންމަމެން ނިޔާވި ޙަބަރު ލިބުމާ އެކު އަހަރެން ހޯދާނެކަން އެނގޭތީ އަހަރެން ގެއްލުނު ވާހަކަ އެންބަސީއަށް ވެސް އެހެން މީހެއްގެ ނަމުގައި ގުޅާފައި ޙަބަރު ކުރީމެވެ. އަހަރެންގެ ޕްލޭން ވަރަށް ކާމިޔާބެވެ. މާދަމާއަކީ އަހަރެންގެ ލޯ އޮޕަރޭޝަން ކުރެވޭ ދުވަހެވެ. އަދި މި ފޮތުގައި އަހަރެންގެ އަތުން ލިޔެވޭނެ ފަހު ދުވަހެވެ.
ދެން ބާކީ ބައި އިނީ އިނގިރޭސި ބަހުން ލިޔެފަ އެވެ. އަދި އެ ލިޔުމަކީ ސޫރަޖް ބުނެގެން ކޮންމެވެސް މީހަކު ލިޔެފައިވާ އެއްޗެއްކަން އެނގެ އެވެ.

ދެ ދުވަހެއްގެ ތެރޭގައި އަހަރެންގެ އޮޕަރޭޝަން ކުރެވުނެވެ. އަދި އަހަރެންގެ ސާރާ އަށް އަހަރެންގެ ލޯ ފޮނުވާލެވުނެެވެ. އޭގެ ފަހުން ދުވެސްކޮޅެއްތެރޭ ސާރާގެ ލޯއޮޕަރޭޝަން ކުރެވި ސާރާގެ ލޮލުގެ ފެނުން ލިބުނު އުފާވެރި ޙަބަރު ޑރ. އަނޫޕަމް އަހަރެންނަށް ދިނެވެ.

އަހަރެންގެ އުންމީދު ފުރިހަމަަ ވި އެވެ. އަހަރެން އެކަނި ވިޔަސް ހިތާމައެއް ނުކުރަމެވެ. ގެއަށް ކައްކާ މީހަކު ލީމެވެ. ކޮންމެ ދުވަހަކު ކައްކާފައި ކާން ހަދާފައި އޭނާ ދަނީ އެވެ. އެއް ދުވަހު އޭނާ އާ އެކު ކ. ގުރާދޫ ބަޔަކު އަހަރެންގެ ގެއަށް އަ އެވެ.

ފުރަތަމަ އެ މީހުންނަށް އަހަރެންގެ ސިއްރު ފަޅާ އަރާފާނެތީ ބިރުގަތެވެ. އެހެނަސް އެއީ ވަރަށް މާތް ބައެކެވެ. މަދުރާއީގައި ހަފްތާއަކު މަޑުކޮށްލާނެ ތަނެއް ބޭނުން ވީ އެވެ. އަހަރެން އެ މީހުންނަށް ހިޔާވަހިކަން ދިނީމެވެ .އަހަރެންގެ އެކަނިވެރިކަން ފެނިފަ އާއި އަހަރެން އެ މީހުންނާ މެދު ކަންތައް ކުރި ގޮތުން އެ މީހުން އަހަރެން ދެކެ ފިސާރި ލޯބި ވި އެވެ. އަދި އަހަރެން އެ މީހުންގެ ރަށް ގުރާދު އަށް ގެނެސް އެ މީހުންގެ ހިޔާވަހިކަން އަހަރެންނަށް ދިނެވެ. ސާރާ އާ ބެހޭ ގޮތުން މީހެއް ކައިރީ އަހާލާކަށް ވެސް އަހަރެންނަށް ނުކެރުނެވެ. އަހަރެންގެ ލަދުވެތިކަން މި ކަމަށް ހުރަސް އަޅަނީ އެވެ.

މިއީ މި ފޮތުގައި އިނގިރޭސިން ވެސް ވާ ފަހު ބައެވެ. އެއީ އެ ދުވަސްކޮޅު ސޫރަޖް ގުރާދު އަށް ބަދަލުވީމާ އެހެން މީހަކު ލައްވައި ލިޔުއްވަން ސޫރަޖް ބޭނުން ނުވީ އެވެ.

ސާރާ އޭނާގެ އުނގުމަތީގައިވާ ފޮތުގައިވާ އަކުރުތަށް ފަނޑުވާ ވަރަށް އޭނާގެ ލޮލުން ކަރުނަ އޮހޮރުނެވެ. އަދި ގިސްލަން ފެށި އެވެ. އެ ވަގުތު ވިއާމާ މަލްހާ އޭ ކިޔާފައި ގޮވަމުން ދޮރުގަ ޓަކި ތަޅަނީ އެވެ. އެވަގުތު އޭނާ އަށް ރޮވުނީ ފިސާރި ބާރަށް ކަން އޭނާ އަށް އިހުސާސް ވިއެވެ. ސާރާ ދޮރު ހުޅުވި އެވެ. އޭރު ވެސް އޭނާގެ އަތުގައި ސޫރަޖްގެ ފޮތް އޮތެވެ. ވިއާމާ އެތެރަށް ވަނެވެ.

"މަލް…ކިހިނެއްވީ؟"

ސާރާ އޭނާގެ އަތުގައިވާ ފޮތް ވިއާމާ އަތަށް ދިއްކޮށްލި އެވެ. ވިއާމާ ސުވާލުގެ ބެލުމަކުން ސާރާ އާ ދިމާ އަށް ބަލާލިއެވެ. އަދި ސާރާ ދިއްކޮށްލި ފޮތުގައި ހިފައިގެން އިތުރު ސުވާލެއް ނުކޮށް އެނދުގައި އިށީނެވެ. ކޮންމެ ގަނޑެއް ކިޔުމަށް ފަހު ހައިރާންކަން ފުރިފައިވާ ގޮތަށް އޭނާ ސާރާ އާ ދިމާއަށް ބަލާލި އެވެ. އޭނާގެ ލޮލުން ވެސް އެ ވަގުތު ހޯސްލާފައި ކަރުނަ ފައިބަ އެވެ.

"މާނައަކީ ތިއީ ސާރާއޭތަ؟"
ސާރާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލި އެވެ.

ވިއާމާގެ ހިތާ ސިކުނޑި އޭނާ އާ އެކު ނުވާ ކަހަލައެވެ. ތަފާތު ދުވަސްމަތިން ސާހިލް ބުނެފައިވާ ޖުމްލަތައް ވިއާމާ ހަނދާނަށް އަންނަމުން ދިޔަ އެވެ.

"ސާހިލްގެ ކޮންމެ ލަވައެއް ކޮންމެވެސް މީހަކަށް އިޝާރާތް ކުރާ ކަހަލަ. އަނެއްކާ މިއީ ކުށް ހީއެއްބާ؟" ވިއާމާ އެއް ދުވަހު ލަވަ ލިޔަން އިނދެފައި އަހާލި އެވެ.

"ނޫން…ތިއީ ކުށް ހީއެއް ނޫން އަހަރެންގެ ޅެން، ލަވަ އަހަރެން ހަގީގަތުގަ ވެސް އިޝާރާތް ކުރަނީ ކޮންމެވެސް ފަރާތަކަށް." ސޫރަޖް މިހެން ބުނުމުން ވިއާމާ ލަދުން މޯޅިވެލި އެވެ.

ވިއާމާ ހީކުރީ އެއީ ވިއާމާ އަށް އިޝާރާތް ކޮށްފައި ބުނި އެއްޗެއް ކަމަށެވެ. ނަމަވެސް ހަގީގަތަކީ ސާހިލް ގެ ކޮންމެ އަދާއެއް ވެސް، ބުނެލި ކޮންމެ ބަހެއް ވެސް އިޝާރާތް ކުރީ މަލްހާ އުފް ސާރާއަށެވެ.

(ނުނިމޭ)