ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކުމުގެ އުސޫލު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި ގޮތަށް އިސްލާހު ނުކޮށް، ކުރިއަށް ގެންދާނަމަ ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތް ހުއްޓުވާނެ ކަމުގެ އިންޒާރު އެ ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ދީފި އެވެ.
އޭސީސީން ވަނީ މީގެ ކުރިން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ގޮތުގެމަތިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުން އެންމެ ރަނގަޅުކަމަށް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޗް.ޑީ.ސީ އަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި، ހައުސިން މިނިސްޓްރީއަށް ބިން ވިއްކޭނީ މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތައް ބެލޭނެފަދަ ގޮތަކަށް ގޯތި ދޫކުރުމުގެ އުޞޫލެއް އެކުލަވައިލައިގެން ކަމަށް ބުނެފައެވެ.
އަދި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެ އުޞޫލު އާއްމުކޮށް ޝާއިޢުކުރުމާއެކު ގޯތިދޫކުރުމަށް ކުރިއާލާ އިޢުލާންކޮށް، ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ކަމަށް ވެސް އޭސީސީއިން ވަނީ ބުނެފައެވެ.
ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އަވަސް އަރުވާލައިގެން ގޯތި ވިއްކާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.