ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް އެ ބޭންކުން ރޭ އެވޯޑް ދީފި އެވެ.
ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.
މިއަހަރު 37 މުވައްޒަފަކަށް ބީއެމްއެލްއަށް ދިގު މުއްދަތުގައި ހިދުމަތް ކުރުމުގެ އެވޯޑް ދީފައިވެއެވެ. މީގެ އިތުރުން 35 އަހަރު ބޭންކަށް ހިދުމަތް ކޮށްދިން ފަރާތެއް ކަމަށްވާ ބީއެމްއެލްގެ ހެޑް އޮފް އިންޓާނަލް އޮޑިޓް ފާތިމަތު ރަޝީދާ އަށް ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ.
ބޭންކުގެ ހިދުމަތުގައި 30 އަހަރު ދެމިތިބި، އާމިނަތު ނަސީރު، ޑެޕިއުޓީ ސީނިއަރ އޮފިސަރ، އާމިނަތު ހަސަން، އިންޓާނަލް އޮޑިޓް މެނޭޖަރު އަދި ހުސައިން ރަޝީދު، ކްލަސްޓާ ބްރާންޗް މެނޭޖަރަށް ވެސް ވަނީ އެވޯޑް ދީފަ އެވެ.
އެ ހަފްލާގައި އެވޯޑް ލިބުނު މުވައްޒަފުންނާ މުހާތަބު ކުރައްވާ، އެންޑްރޫ ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން ދެއްކެވި ވާހަކައިގާ އެވޯޑް ހާސިލްކުރި މުވައްޒަފުންނަކީ ބޭންކްގެ އެހެން މުވައްޒަފުންނަށް ފުރިހަމަ ނަމޫނާއެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ބޭންކްގެ ކުރިމަގު އުޖާލާ ކުރުމުގައި އެ މުވައްޒަފުންގެ ދައުރު ވަރަށް ވެސް މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ. ބޭންކްގެ މުވައްޒަފުންނަކީ އެ ބޭންކްގެ އެންމެ ބޮޑު ރައުސްމާލު ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ. އަދި ކޮންމެ މުވައްޒަފަކު ވެސް ބަލަންވީ ހީވާގި ކަމާއެކު ދިގު މުއްދަތެއްގައި ހިދުމަތުގައި ދެމި ތިބުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެންޑްރޫ ވަނީ އެވޯޑް ލިބުނު ފަރާތްތަކުން ބޭންކަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާ ކުރައްވާފަ އެވެ.