Last Updated: November 28, 15:30
Thursday, November 28, 2024
ޚަބަރު

ޖޭއެސްސީގެ މެންބަރުން ކޯޓުތަކުގައި ވަކާލާތުކުރުން ހުއްޓުވަން ޖެހޭ: ފާއިޒު

ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުން ކޯޓުތަކުގައި ވަކާލާތުކުރުން ހުއްޓުވަން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ވެރިކަން ޕީޕީއެމުން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި ރިޔާސީ އިންތިހާބުގެ މައްސަަލާގައި އެކުލަވާލާފައިވާ ގާނޫނީ ޓީމުގައި ޖޭއެސްސީގެ މެންބަރު އަހްމަދު ސަލީމް (ރޭނިސް ސަލީމް) ހިމެނޭތީ އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާ ފާއިޒު މިހެން ވިދާޅުވީ އެ މަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ލިޔުއްވި މެސެޖެއްގަ އެވެ.

އަހްމަދު ސަލީމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ރައީސް ޔާމީންގެ މެންބަރެވެ.

ފާއިޒު ވިދާޅުވީ ޖޭއެސްސީގެ މެންބަރުން ކޯޓު ތަކުގައި ވަކާލާތު ކުރުމަކީ ޖޭއެސްސީ އުފެދުނީއްސުރެ ކުރަމުން އަންނަ ކަމެއް ކަަމަށެވެ. ނަމަވެސް އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަން ފާއިޒުވަނީ ފާހަގަކުރައްވާފައެވެ. އެހެން ކަމުން ޖޭއެސްސީގެ މެންބަރުން ކޯޓުތަކުގައި ވަކާލާތުކުރުމުން ފެނުނު މަންޒަރު ރަނގަޅު ނޫން ކަމަށާއި އަދި އެކަމުގައި ކުރެވިފައިވަނީ ރަނގަޅު ތަޖުރިބާއެއް ނޫން ކަމަށްވެސް ފާއިޒު ވިދާޅުވި އެވެ. އެހެންކަމުން ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނެސް މިފަދަ ދޮރުތައް ބަންދުކުރަންޖެހޭ ކަމަށްވެސް ފާއިޒުވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ވަކާލާތުކުރުމާ މެދު ދެކެނީ ކިހިނެއްތޯ ނޫސްވެރިން ކުރެއްވި ސުވާލަށް ސަލީމް އިއްޔެ ދެއްވި ޖަވާބުގައި ވިދާޅުވީ ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ކޯޓު ތަކުގައި ވަކާލާތު ކުރެއްވުމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކުން އޭނާއަށް އެއްވެސް ހުރަހެއް އޮތް ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް ގާނޫނީ ކަމެއްގައި އެހީތެރިވެދިނުމަކީ މައްސަލައެއް ނޫން ކަމަށްވެސް ސަލީމް ވަނީ ވިދާޅުވެފަ އެވެ.

ޖޭއެސްސީއަކީ ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފަނޑިޔާރުން ޖަވާބުދާރީކުރުވުމަށް ގާނޫނަކުން އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ.

ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ސަލީމް ހުންނަވައިގެން ރައްޔިތުންނާ ގުޅުންހުރި ބޮޑު މައްސަލައެއްގައި ވަކާލާތު ކުރަން ނިންމަވާފައިވާތީ ރާއްޖޭގެ ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ އެއީ އަހްލާގީ ގޮތުން ކުރެއްވުން ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ ސަލީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.