ހުޅުމާލެއިން ދޫކުރާ 400 ގޯތި ދޫކުރަނީ ކަނޑައެޅިގެން ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށްކަން ޔަގީންކުރެވިފައިވާ ކަމަށާއި އެއީ އެ ގޯތިތަކަށް ބޭނުންވެފައިވާ އެތައް ސަތޭކަ ބައެއްގެ ހައްގު ގެއްލޭ ކަމަކަށް ވާތީ އެ މަޝްރޫއު މިހާރުން މިހާރަށް ހުއްޓުވައިދިނުމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް އޭސީސީގައި އެދިއްޖެ އެވެ.
ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ފަރާތުން މިއަދު ވަނީ އޭސީސީއަށް އާދޭހުގެ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ، 400 ގޯތި ދޫކުރުމުގެ މަޝްރޫއަކީ މާލޭގައި އެތަކެއް އަހަރު ވަންދެން އުޅޭނެ ގޮތް ނެތިފައި ތިބި މީހުންނަށް ދިރިއުޅެވޭނެ އަމިއްލަ ތަނެއް ކަށަވަރުކޮށްދޭން ފެށި މަޝްރޫއެއް ކަމަށެވެ. އެހެން ނަމަވެސް ގޯތި ދޫކުރުމުގައި މިނިސްޓްރީން އަމަލު ކުރާ ގޮތުން އެ މަގްސަދު ގެއްލޭ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން، އިހަކަށް ދުވަހު ދަފްތަރުގައި ޖެހެން ސަރުކާރުން ހުޅުވާލައި، އަލަށް ދަފްތަރުގައި ޖެހުނު މީހުންނަށް، އެތަކެއް ޒަމާނެއް ވަންދެން ދަފްތަރުގައި ތިބި މީހުންނާ އެއްވަރަށް މާކްސްދީ، ދރިއުޅުމުގެ ހާލަތަކަށް ބެލުމެއް ނެތި ގޯތި ދޫކުރެވެން އޮތުމުން އެއީ އިންސާފެއް ނޫންކަމަށް ވެސް މުވައްޒަފުން ބުނެފައިވެ އެވެ.
400 ގޯތީގެ ތެރެއިން ބައެއް ގޯތި ދޭން މިނިސްޓްރީން މިހާރުވެސް ލިސްޓެއް އެކުލަވާލާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އެ ލިސްޓުގައި ހިމެނެނީ ޕީޕީއެމްގެ އެކްޓިވިސްޓުންނާއި ސަރުކާރު ކުންފުނި ، މިނިސްޓްރީތަކުގެ މީހުން ކަމަށާއި ގޯތި ދޫކުރަން ގުރު ނަގާއިރު އެމީހުން ހޮވޭ ގޮތަށް ކަންތައް އިންތިޒާމްކުރަން މިނިސްޓްރީން ނިންމާފައިވާކަން ޔަގީންވެފައިވާ ކަމަށް ވެސް މުވައްޒަފުންގެ ސިޓީގައި ތުހުމަތު ކޮށްފައިވެ އެވެ.
މިގޮތަށް ކަންތައް ހުރުމުގެ ސަބަބުން އޭސީސީން އެ ކަންކަން ބަލައިދިނުމަށް ސިޓީގައި މުވައްޒަފުން ވަނީ އެދިފައެވެ.
"އެތަކެއް ރައްޔިތުންގެ ހައްގުތަކެއް ސިޔާސީ ވަކި ބަޔަކު އަމިއްލަ ފައިދާއަށްޓަކައި ނަގަމުންދާއިރު އެކަމާ ފިޔަވަޅު ނާޅައި ތިބޭފުޅުން [އޭސީސީގެ ބޭފުޅުން] ތިބުމަކީ ގާނޫނީގޮތުން ކުރައްވާ ކުށެކެވެ،" މުވައްޒަފުންގެ ސިޓީގައި ބުންޏެވެ.
އެހެންކަމުން މި ހުރިހާ ކަމެއް އޭސީސީގެ ސަމާލުކަމަށް ގެންނައިރު، ހިމޭނުން އެއްވެސް ކަމެއް ނުކޮށް އޭސީސީ އޮންނަ ނަމަ، މި މަޝްރޫއާ ގުޅިގެން ގެއްލޭ އެތައް ނިކަމެތި ރައްޔިތުންނެއްގެ ހައްގުގެ ޒިންމާ އޭސީސީން ނަގަންޖެހޭނެ ކަމަށް ވެސް މުވައްޒަފުންގެ ސިޓީގައި ވަނީ ބުނެފަ އެވެ.
ހުޅުމާލެއިން ގޯތިވިއްކާކަން ހައުސިން މިނިސްޓްރީއިން އިއުލާންކުރުމުން އެކަމުގައި ނާޖާއިޒް ފައިދާއަށް މަގުފަހިވާ ކަންކަން ހުރުމުން މިދިޔަ އާދީއްތަ ދުވަހު އޭސީސީއިން ވަނީ އެކަން ހުއްޓަން އަންގާފަ އެވެ.
މީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކުމުގެ އުސޫލު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި ގޮތަށް އިސްލާހު ނުކޮށް، ކުރިއަށް ގެންދާނަމަ ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތް ހުއްޓުވާނެ ކަމުގެ އިންޒާރު އެ ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ވަނީ ދީފައެވެ.
އޭސީސީން ވަނީ މީގެ ކުރިން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ގޮތުގެމަތިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުން އެންމެ ރަނގަޅުކަމަށް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޗް.ޑީ.ސީ އަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި، ހައުސިން މިނިސްޓްރީއަށް ބިން ވިއްކޭނީ މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތައް ބެލޭނެފަދަ ގޮތަކަށް ގޯތި ދޫކުރުމުގެ އުޞޫލެއް އެކުލަވައިލައިގެން ކަމަށް ބުނެފައެވެ.
އަދި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެ އުޞޫލު އާއްމުކޮށް ޝާއިޢުކުރުމާއެކު ގޯތިދޫކުރުމަށް ކުރިއާލާ އިޢުލާންކޮށް، ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ކަމަށް ވެސް އޭސީސީއިން ވަނީ ބުނެފައެވެ.