Last Updated: November 28, 16:32
Thursday, November 28, 2024
ޚަބަރު

ގޯތި ވިއްކުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދިއްޖެ

ހުޅުމާލެ އިން 400 ގޯތި ވިއްކުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

ގާނޫނާއި ގަވާއިދާ ޚިލާފަށް ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކަންތައްތަކެއް ކުރިއަށްދާ މައްސަލަ ހުއްޓުވައިދޭން ސިވިލް ކޯޓަށް ހުށަހެޅީ އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލެއް ކަމަށްވާ މަރިޔަމް ސުނާނާ އެވެ.

ހުޅުމާލެ އިން ގޯއްޗަށް އެދުމަށްޓަކައި ފޯމު ބަލައިގަތުމަށް ހައުސިން މިނިސްޓްރީން ނިންމާފައިވާ އުސޫލަކީ ގާނޫނުއަސާސީ އާއި ގާނޫނީ އުސޫލްތަކާ ޚިލާފު އުސޫލެއް ކަމަށް ސުނާނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ. އެ އުސޫލު އޮތީ ބޯހިޔާވަހިކަމުގެ ފުރުސަތަށް އެދެން ބޭނުންވާ ގިނަ ރައްޔިތުންތަކެއް އެ ފުރުސަތުން މަހްރޫމްވާ ގޮތަށް ކަމަށް، މައްސަލާގައިވެ އެވެ. އަދި އެ އުސޫލަކީ، ރެ އާއި ދުވާލު ނިދުމާއި ކެއުމާއި ޒަރޫރީ އެހެން ބޭނުންތައް ކުރުން މަހްރޫމްވާނެ ފަދަ ލާއިންސާނީ އަނިޔާ ލިބޭ ގޮތަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.

ސުނާނާ އެދިވަޑައިގެންފައި ވަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާ އަށް ވަކި ގޮތެއް ކަނޑައެޅެންދެން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗަށް ފޯމު ބަލައިގަތުމާއި އިވެލުއޭޓް ކުރުމާއި ގުރުއަތުލުން ވަގުތީ ގޮތުން ހުއްޓުވަން ހައުސިން މިނިސްޓްރީ އަށް އަމުރުކޮށްދިނުމަށެވެ.

ވަގުތީ އަމުރަކާ ނުލައި އަސްލު މައުޟޫއީ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ، ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ނުރައްކަލާއިި ގެއްލުން ކުރިމަތިވެދާނެ ކަމަށް ވެސް މައްސަލައިގައިވެ އެވެ.

ހުޅުމާލެއިން ދޫކުރާ 400 ގޯތި ދޫކުރަނީ ކަނޑައެޅިގެން ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށްކަން ޔަގީންކުރެވިފައިވާ ކަމަށާއި އެއީ އެ ގޯތިތަކަށް ބޭނުންވެފައިވާ އެތައް ސަތޭކަ ބައެއްގެ ހައްގު ގެއްލޭ ކަމަކަށް ވާތީ އެ މަޝްރޫއު މިހާރުން މިހާރަށް ހުއްޓުވައިދިނުމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް މިއަދު ވަނީ އޭސީސީއަށް ސިޓީއެއް ފޮނުވާފައެވެ.