އެމްޑީޕީގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ފަހު ހާމަކޮށްފި އެވެ.
އެމްޑީޕީގެ ރަސްމީ ވެބްސައިޓްގައި މިއަދު ޝާއިޢު ކުރި 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި، ޕާޓީ އަށް ލިބިފައިވާ ފައިސާ އާއި އެ ފައިސާ 2012 ވަނަ އަހަރު ތެރޭގައި ޚަރަދު ކުރެވުނު ގޮތުގެ ތަފްސީލް ވަނީ ހިމަނާފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓިތަކަށް ދިނުމަށް ކަޑައަޅާ އަދަދުގެ ގޮތުގައި އެމްޑީޕީއަށް ލިބުނު އަދަދާއި، ޕާޓީގެ އާއްމު މެމްބަރުންގެ ފަރާތުން ޕާޓީ އަށް ހަދިޔާކޮށްފައިވާ ފައިސާގެ އަދަދާއި އެހެނިހެން ހަރަކާތްތައް ހިންގައިގެން ލިބުނު ފައިސާގެ ތަފްޞީލާއިި އަދި ޕާޓީއަށް ލިބުނު ފައިސާ ޚަރަދު ކުރި ގޮތުގެ ތަފްސީލް އޮޑިޓް ރިޕޯޓުގައި ހިމަނާފައި ވެ އެވެ.
އެމްޑީޕީގެ އޮޑިޓް ރިޕޯޓްގައި ވާގޮތުން 2012 ވަނަ އަހަރު ޕާޓީއަށް ލިބިފައިވަނީ ފަނަރަ މިލިއަން ތިރީސް ހަ ހާސް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ އެވެ.
އެއީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން 2012 ވަނަ އަހަރު އެމްޑީޕީ އަށް ލިބިފައިވާ ތިން މިލިއަން ހަތްލައްކަ ފަންސާސް ތިންހާސް ތިންސަތޭކަ ނުވަދިހަ ނުވަ ރުފިޔާ އާއި ޕާޓީގެ އާއްމު މެމްބަރުންގެ އެކި ފަހަރު މަތިން ޕާޓީއަށް އެހީގެ ގޮތުގައި ހަދިޔާ ކޮށްފައިވާ އެގާރަ މިލިއަން ދެލައްކަ ބާރަހާސް ހަސަތޭކަ ސައްބީސް ރުފިޔާ އާއި ޕާޓީން އެކިއެކި ހަރަކާތްތައް ހިންގައިގެން ލިބިފައިވާ ހަތްދިހަ ހާސް އެއްސަތޭކަ ހަތްދިހަ ރުފިޔާ އެވެ.
އެމްޑީޕީގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުން 2012 ވަނަ އަހަރު އެމްޑީޕީން ޚަރަދުކޮށްފައި ވަނީ ފަނަރަ މިލިއަން ނުވަ ލައްކަ ފަންސާސް އަށްހާސް ނުވަސަތޭކަ އެގާރަ ރުފިޔާ އެވެ.
އެއީ 2012 ވަނަ އަހަރު ލިބިފައިވާ ފައިސާއަށް ވުރެ ނުވަލައްކަ ބާވީސް ހާސް ހަތްސަތޭކަ ސޯޅަ ރުފިޔާގެ އިތުރު ވުމެކެވެ.