ޔޫއެފާ ނޭޝަންސް ލީގު އޭ ގެ ގުރޫޕް ތިނެއްގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ޕޮލެންޑް ބަލިކޮށް ޕޯޗުގަލް އިން މި މުބާރާތުގެ ފައިނަލް ބުރުން ޖާގަ އެއް ހޯދުމާއި ގާތަށް ޖެހިލައިފިއެވެ. ޕޮލެންޑް އަތުން ޕޯޗުގަލް މޮޅުވީ 3-2 އިންނެވެ.
ޕޯޗުގަލްގެ އިތުރުން އިޓަލީ އާއި ޕޮލެންޑް ހިމެނޭ ގުރޫޕް ތިނެއްގައި މިހާތަނަށް ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު ތާވަލްގެ އެންމެ ކުރީގައި ފަސް ޕޮއިންޓްގެ ލީޑެއް ޕޯޗުގަލް އަށް ލިބިފައިވާއިރު އިޓަލީ އާ ޕޮލެންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މިމުބާރާތުގައި އަންނަ އާދީއްތަ ދުވަހު އިޓަލީ އާ ޕޮލެންޑް ބައްދަލުކުރާ މެޗުން ދެޓީމު އެއްވަރުވެއްޖެނަމަ ބާކީ ދެމެޗު އޮއްވާ ޕޯޗުގަލް އަށް މިމުބާރާތުގެ ފައިނަލް ބުރުން ޖާގައެއް ކަށަވަރުވެގެންދާނެއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި މިމުބާރާތުގައި ޕޯޗުގަލް ކުޅުނު ދެވަނަ މެޗުގައި ޕޮލެންޑްގެ ސިލޭސިއަން ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ކުރީން ލީޑް ނެގީވެސް ޕޮލެންޑުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ ރަފަލް ކުރްޒާވާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ ބޮލުން ފޮނުވާލައިގެން ކްރިސްޓޮފް ޕީއާޓެކް އެވެ.
ޕޯޗުގަލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 31 ވަނަ މިނެޓުގައި މިސީޒަނުގައި ސްޕެނިޝް ލަލީގާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ފޯވާޑް އަންދްރޭ ސިލްވާ އެވެ. މިއީ އެޓީމުގެ ޕިއްޒީ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ރަށުން ބޭރުގައި އޭނާ އެންމެ ފަހުން ކުޅުނު ހަ މެޗުގައި ކާމިޔާބުކުރި ހަތް ވަނަ ގޯލެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރީން، ޕޮލެންޑްގެ ޑިފެންޑަރު ކަމީލް ގްލިކް އަތުން ބައިކޮޅަށް ވަން ގޯލަކުން ޕޯޗުގަލް އަށް ވަނީ ފުރަތަމަ ފަހަރަށް ލީޑެއް ލިބިފައެވެ. މިއީ ޕޯޗުގަލްގެ ރުބެން ނެވޭސް ތަނަވަސްކުރި ފުރުޞަތަކުން ރަފާ ސިލްވާ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ގްލިކް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިހާފު ނިމުނީ 2-1 އިން ޕޯޗުގަލް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި ޕޮލެންޑްގެ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ބާނާޑޯ ސިލްވާ ކާމިޔާބުކުރި ރީތި ލަނޑުން ޕޯޗުގަލް ވަނީ ދެލަނޑުގެ ލީޑެއް ނަގައިފައެވެ.
މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ޔަކުބް ބްލަޝުކޯވްސްކީ ޖެހި ގޯލުން ޕޮލެންޑުން ފަރަގު ކުޑަކުރިނަމަވެސް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި މިމެޗު ނިމުނީ 3-2 އިން ޕޯޗުގަލް މޮޅުވެގެންނެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރަޝިޔާ އާ ސްވިޑެން ބައްދަލުކުރި މެޗު ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވިއިރު ސާބިއާ ވަނީ މޮންޓެނީގްރޯ އާ ދެކޮޅަށް ކުޅުނު ތާރީޚީ މެޗުން 2-0 އިން މޮޅުވެފައެވެ. ސްކޮޓްލެންޑް އަތުން ހައިރާންކުރަނިވި ގޮތަކަށް 2-1 ގެ ނަތީޖާއަކުން އިޒްރޭލް މޮޅުވިއިރު ލިތުއޭނިއާ އަތުން ރަށުން ބޭރުގައި ރޫމޭނިއާ މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ. ފެރޯ އައިލެންޑްސް އަތުން 3-0 އިން އަޒަރުބައިޖާން މޮޅުވިއިރު މޯލްޓާ އަތުން 3-1 އިން ކޮސޮވޯ މޮޅުވެފައިވެއެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުގެ އިތުރުން ބެލްޖިއަމް އާ ދެކޮޅަށް ސްވިޓްޒަލޭންޑް ނިކުންނަ މެޗު ފާހަގަކޮށްލެވެއެވެ. މި ދެ މެޗުވެސް ފަށާނީ މާލޭ ގަޑިން 23:45 ގައެވެ.