Last Updated: September 9, 15:14
Monday, September 9, 2024
ޚަބަރު

އިންތިޚާބު ބާތިލުކުރަން އުޅޭތީ އެމެރިކާގެ އިތުރު އިންޒާރެއް

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނިކޮށް އެކަން އެގޮތަށް ނުކުރުމަށް އެމެރިކާއިން ދިވެހި ރާއްޖެއަށް އަނެއްކާވެސް އިންޒާރުދީފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނުގެ ނައިބު ރޮބަޓް ޕަލަޑީނޯ އިއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ނުކޮށް ކޯޓު މެދުވެރިކޮށް ރައީސް ޔާމީން ކުރައްވަން އުޅޭ ކަންތަކާ މެދު އެމެރިކާއިން ކަންބޮޑުވާ ކަމަށެވެ.

އަދި ރައްޔިތުން ބަސް އިއްވައިފި ކަމަށާއި ދެން ރައީސް ޔާމީނަށް އޮތް ގޮތަކީ ސުލްހަވެރިކަމާއެކު ބާރުތައް ބަދަލުކުރުމަށް އެއްބާރުލުން ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޯޓު މެދުވެރިކޮށް އިންތިޚާބު ބާތިލުކުރަން އުޅުމަކީ ރައްޔިތުންގެ ނިންމުން ބަލައިނުގަނެ ޑިމޮކްރަސީގެ ހަމަތަކަށް ބޯނުލެނބުން ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިންތިޚާބީ ރައީސް އިބޫ ސޯލިހަށް އެއްބާރުލުން ދިނުމަށާއި ރީތި ގޮތުގައި ދައުރު ނިންމާލުމަށް އޭނާ ވަނީ ރައީސް ޔާމީނަށް އިލްތިމާސް ކޮށްފައެވެ.