ފްރެންޗް ލީގުގައި ކުޅޭ މޮނާކޯގެ ކޯޗުކަމަށް އާސެނަލް އާއި ބާސެލޯނާ އަށް ކުރިން ކުޅުނު ފްރާންސްގެ ހުނަރުވެރި ފޯވާޑް ތިއެރީ އޮންރީ ހަމަޖައްސައިފިއެވެ.
މޮނާކޯގެ ކޯޗުކަމަށް އުމުރުން 41 އަހަރުގެ އޮންރީ ހަމަޖެއްސީ ކުރީން އެ މަޤާމުގައި ހުރި ކޯޗު ލިއޮނާޑޯ ޖާޑިމް މިދިޔަ ބުރާސްފަތި ދުވަހު ވަކިކުރުމަށްފަހުގައެވެ. ޖާޑިމްގެ އިރުޝާދުގެ ދަށުން މޮނާކޯ މިސީޒަނުގައި ލީގުގައި މިހާތަނަށް 9 މެޗު ކުޅުނުއިރު ހަ ޕޮއިންޓާއެކު އޮތީ ތާވަލްގެ 18 ވަނައިގައެވެ.
މޮނާކޯއާ 2014 ވަނަ އަހަރު ހަވާލުވި ޖާޑިމް އެ ޓީމަށް ހޯދައި ދިން ހަމައެކަނި ކާމިޔާބަކީ 2017 ވަނަ އަހަރުގެ ފްރެންޗް ލީގެވެ. އެ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އެ ކްލަބު ގެންގޮސްދީފައިވާއިރު ގިނަ ބަޔަކު އޭނާ ފާހަގަކުރަނީ ކިލިއަން އެމްބާޕޭ އާއި ތޯމަސް ލެމާ އަދި ބަނާޑޯ ސިލްވާގެ އިތުރުން ބެންޖަމިން މެންޑީ ފަދަ ކުޅުންތެރިން ކުރިއެރުވި ކޯޗުގެ ގޮތުގައެވެ.
ކުރިން ޔުވެންޓަސް އާއި އާސެނަލް އަދި ބާސެލޯނާ އަށް ކުޅެފައިވާ ދުވެލިބާރު ފޯވާޑް އޮންރީ، އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށި މޮނާކޯއާ ހަވާލުވީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. އޭނާ ވަނީ 1994 އިން ފެށިގެން 1999 ވަނަ އަހަރުގެ ނިޔަލަށް މޮނާކޯ އަށް ކުޅެދިން 122 މެޗުގައި 25 ގޯލް ކާމިޔާބުކޮށްދީފައެވެ. އޭގެފަހުން، ޔުވެންޓަސް އާއި އާސެނަލްގެ އިތުރުން ބާސެލޯނާގައި އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުން ގިނަ ކާމިޔާބީތައް ހޯދައިފައެވެ.
މީގެއިތުރުން، އޭނާ ވަނީ ފްރާންސްގެ ޤައުމީ ޓީމާއެކު 1998 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ފްރާންސަށް ކުޅެދިން 123 މެޗުގައި 51 ގޯލް ޖަހައިދީ އެޤައުމުގެ ތާރީޚުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމްވެސް ހޯދައިފައެވެ.
އޮންރީ، މިއަދާއި ހަމައަށް ބެލްޖިއަމްގެ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަޤާމުގައި ހުރިއިރު، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދިފައިނުވީނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ އެސިސްޓެންޓެއްގެ ގޮތުގައި ހޭދަކުރީ މަދު ދުވަސްކޮޅުގައި އެޤައުމުގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމުގައި އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، އޭނާ ވަނީ ބެލްޖިއަމް އާއެކު ނިމިދިޔަ ވޯލްޑްކަޕްގެ ތިންވަނަ މަޤާމް ހޯދައިފައެވެ. އެމުބާރާތުގެ ސެމީ ފައިނަލްގައި ބެލްޖިއަމް ބަލިވީ އޮންރީގެ އުފަން ޤައުމު ފްރާންސް އަތުންނެވެ.
މޮނާކޯގެ ކޯޗުކަމާއި އޮންރީ ހަވާލުވެފައިވާއިރު އޭނާގެ ކޯޗިންގެ ސްޓާފުންގެ ތެރޭގައި ހިމެނެނީ އާސެނަލްގެ އެކަޑެމީ ކޯޗު ޕެޓްރިކް ވަމޭ އަމްޕަޑޫ އާއި ބެންފީކާގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ޖޮއައޯ ކާލޯސް ވަލާޑޯ ޓްރަލާއޯ އެވެ.
އޮންރީގެ އިރުޝާދުގެ ދަށުން މޮނާކޯ ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 20 ވަނަ ދުވަހު ލީގުގައި ސްޓްރަސްބޯގް އާ ދެކޮޅަށް ނިކުންނައިރު އޭގެ ހަތަރު ދުވަސް ފަހުން ޗެމްޕިއަންސް ލީގުގައި އެޓީމު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބެލްޖިއަމްގެ ކްލަބު ބްރޫޖްއާ އެވެ.