ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ހޮލެންޑުން ވަނީ 16 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޖަރުމަން އަތުން މޮޅުވެފައެވެ. މިމެޗުން ހޮލެންޑް މޮޅުވީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި ގްރޫޕުގައި މިހާތަނަށް ކޮންމެ ޓީމެއް ދެމެޗު ކުޅުނުއިރު ހަތަރު ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ފްރާންސް އުޅޭއިރު ދެވަނައިގައި އޮތް ހޮލެންޑަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ޖަރުމަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ދުނިޔޭގެ ޗެމްޕިއަންކަން 2014 ވަނަ އަހަރު ހޯދައިފައިވާ ޖަރުމަންގެ ފަރާތުން ފަހަކަށް އައިސް ފެންނަމުންދާ ދަށް ކުޅުމުގެ ސަބަބުން އެޓީމުގެ ކޯޗު ޔަކީމް ލޯ ވަނީ ޕްރެޝަރަށް ވެއްޓިފައެވެ. ނިމިދިޔަ ވޯލްޑްކަޕްގެ ވެސް ގްރޫޕް ސްޓޭޖުން ހިތްދަތި ގޮތަކަށް ކަޓައިގެންދިޔައިރު އެޓީމު އެންމެ ފަހުން ކުޅުނު 10 މެޗުގެތެރެއިން މޮޅުވީ އެންމެ ތިން މެޗުންނެވެ.
ހޮލެންޑްގެ އެމްސްޓަޑަމް އެރީނާގައި ރޭ ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ހޮލެންޑަށް ލީޑްނަގައިދިނީ ކެޕްޓަން ވާޖިލް ވެން ޑައިކް އެވެ. މިއީ އެޓީމުގެ ރަޔާން ބަބެލް ބޮލުން ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ނިކުތް ވަގުތު ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ އަށް ފުރުޞަތެއްނުދީ ވެން ޑައިކް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މިހާފުގައި ޖަރުމަނުގެ މާކް އުތު އާއި ތޯމަސް މުލާ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ހޮލެންޑްގެ ގޯލްކީޕަރު ޔެސްޕާ ސިލެސަން ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ހޮލެންޑް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގައި ޖަރުމަނުގެ ޖޫލިއަން ޑްރެކްސްލާ އާއި ލެރޯއީ ސާނޭ ކުޅެން އެރުވުމުން އެޓީމުގެ ކުޅުން ކުރިއަށްވުރެ ރަނގަޅުވިއެވެ. އެގޮތުން، މިހާފުގައި ގޯލްޖެހުމަށް ޖަރުމަނަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެޓީމުގެ ޖޯޝުއާ ކިމިކް ތަނަވަސްކުރި ފުރުޞަތަކުން ސާނޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެން ދަނޑިކައިރިން ބޭރަށެވެ.
އޭގެފަހުން، ޖަރުމަނުގެ ޑްރެކްސްލާ އާއި ޓޯނީ ކްރޫޒް ފޮނުވާލި ބޯޅަތައް ގޯލަށް އަމާޒުވާގޮތްނުވިއިރު މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް އެޓީމުގެ ފޯވާޑް ޓިމޯ ވާނާ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ހޮލެންޑްގެ ކީޕަރު ސިލެސަން ވަނީ މަތަކޮށްފައެވެ.
މެޗުގެ 87 ވަނަ މިނެޓުގައި ކުއިންސީ ޕްރޮމެސް ތަނަވަސްކުރި ފުރުޞަތަކުން މެމްފިސް ޑިޕާއީ ވަނީ ހޮލެންޑްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެފަހުން، އެޓީމުގެ ލީޑް ފުޅާކުރުމަށް މިމެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ޑިޕާއީ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ގޯލްގެ ހުރަސްދަނޑީގައި ޖެހިފައިވެއެވެ.
ހޮލެންޑްގެ ފަހު ލަނޑު، މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޖަހައިދިނީ ލިވަޕޫލަށް ކުޅޭ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އެވެ. މިއީ މެންޗެސްޓަރ ޔުނައިޓެޑަށް ކުރީން ކުޅުނު ޑެލީ ބްލިންޑް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސްލޮވޭކިއާ އަތުން 2-1 އިން ޗެކް ރިޕަބްލިކް މޮޅުވިއިރު ބަލްގޭރިއާ އަތުން ސައިޕްރަސް ބަލިވީވެސް ހަމަ މިނަތީޖާއިންނެވެ. ޑެންމާކާއި އަޔަލެންޑް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު ކަޒަކްސްތާނާއި ލެޓްވިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ގުރޫޕުގައި ހިމެނޭ އެންޑޯރާ އަތުން 3-0 އިން ޖޯޖިއާ މޮޅުވިއިރު މެސެޑޯނިއާ ވަނީ 4-1 އިން ލީޗްޓެންސްޓެއިން ބަލިކޮށްފައެވެ. ނޯވޭ އަތުން ސްލޮވީނިއާ 1-0 އިން ބަލިވިއިރު ޖިބްރާލްޓާ ވަނީ ހަމަ މިނަތީޖާއިން އާމީނިއާ އަތުން މޮޅުވެފައެވެ. މިއީ އެޓީމު އެންމެ ފަހުން ކުޅުނު ވާދަވެރި 22 މެޗުން ބަލިވުމަށްފަހު މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ.