ދީނީ އިލްމުވެރިޔާ ޝެއިޚް އާދަމް ޝަމީމް އިންޑިޔާއަށް ދިއުމުން އެއާޕޯޓުގައި ހިފަހައްޓައި، ގައުމަށް އެރުނަ ނުދީ އެނބުރި ރާއްޖެ ފޮނުވާލަން މަސައްކަތް ކުރީ އޭނާއަކީ އިންޑިޔާގެ ގައުމީ ސަލާމަތަށް ނުރައްކާތެރި މީހުންގެ ލިސްޓުގައި ހިމެނޭ މީހަކަށް ވާތީ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ޝެއިޚް ޝަމީމް އެއާޕޯޓުން ހައްޔަރުކުރުމަށް ފަހު އިންޑިޔާ ސިފައިން އުޅުނީ ރާއްޖެދާ އެންމެ އަވަސް ފްލައިޓުން އެނބުރި ފޮނުވާލުމަށެވެ. އަދި ދިވެހި އެމްބަސީގެ ބޭފުޅަކާއި ބައްދަލުކުރުމުގެ ފުރުސަތެއް ވެސް ޝަމީމަށް ދީފައިނުވާ ކަމަށް ޚަބަރު ލިބެއެވެ.
ދިވެހި ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަހުމަދު މުހައްމަދު މިކަމާ ގުޅޭގޮތުން ވިދާޅުވީ ޝަމީމް ޑީޕޯޓު ނުކުރާ ކަމަށެވެ. ނަމަވެސް އިންޑިޔާގެ ބައެއް ކަމާ ބެހޭ ފަރާތްތަކުން ވަނީ ޝަމީމް ހިފަަހައްޓައި ޑީޕޯޓު ކޮށްލީ އެގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ގެނެސްފާނެ މީހުންގެ ލިސްޓުގައި އޭނާވެސް ހިމެނިފައިވާތީ ކަމަށެވެ.
އެގޮތުން އިންޑިޔާގެ ލިޔުންތެރިޔެއް ކަމަށްވާ ޝިރިޝް ތޯރާތް ބުނެފައިވަނީ ޝެއިޚް ޝަމީމަކީ އިންޑިޔާއަށް އަރުވަން ހެޔޮވާ ވަރުގެ މީހެއް ނޫން ކަމަށެވެ. އަދި އޭނާއަކީ ސަލާމަތަށް ނުރައްކާތެރި މީހުންގެ ލިސްޓުގައި ހިމެނޭ މީހެއް ކަމަށާއި ޑިމޮކްރަސީއަށް ނުރައްކަލެއް ކަމަށެވެ.
ޝެއިޚް ޝަމީމް ހުކުރު ދުވަހު އިންޑިޔާއަށް ފުރީ އޭނާގެ ބައްޕަ ޑޮކްޓްރަށް ދެއްކުމަށް ބޭބެއާއެކު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ޝަމީމް އެއާޕޯޓުން ހިފަހައްޓައި ރާއްޖެ ފޮނުވާލާފައިވާއިރު ބައްޕައާއި ބޭބެއަށް ވަނީ ގައުމަށް އެތެރެވުމުގެ ފުރުސަތު ދީފައެވެ.