އިންތިޚާބުން ބަލިވުމަށް ފަހު އަމިއްލަފުޅަށް ބަލި ގަބޫލުކުރެއްވުމަށް ފަހު ރައީސް ޔާމީންގެ ފަރާތުން ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
މިފަހަރު ރައީސް ޔާމީނަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވަނީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމަށް ފަހު އެމަނިކުފާނަށް ބައިއަތު ހިތްޕެވި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ފަރާތުންނެވެ.
ރައީސް ޔާމީންގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެގެން ޕީޕީއެމް ޕީޖީ ގްރޫޕުގެ ވައިބާ ގްރޫޕުންވެސް އެންމެ ފުރަތަމަ ބޭރުކުރި މުސްތަފާ ވަނީ އޭގެ ފަހުން ސީދާ ގޮތުން ރައީސް ޔާމީނަށް ފާޑުވިދާޅުވާން ފައްޓަވާފައެވެ.
މިއަދާ ހަމައަށް ވެސް އެގޮތުގައި ހުންނެވި މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ ތާރީޚުވެސް ނުދެކޭ ފަދަ ލަދުވެތިކަމެއް ނެތް، ގޮތެއް ނެތް ވެރިއެއް ކަމަށެވެ.
އިންތިޚާބު ބާތިލުކުރަން ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިމިވަނީ އެމަނިކުފާނުގެ އިތުރުން ޕީޕީއެމްގެ އިސް ބޭފުޅުންވެސް އިންތިޚާބު ގަބޫލުކޮށްފައިވަނިކޮށެވެ. އަދި ބޭރުގެ ފަރާތްތަކުން ވެސް އިބޫގެ ކާމިޔާބީ ގަބޫލުކޮށް މަރުހަބާ ކިޔާފައިވާއިރު ރައީސް ޔާމީން ވަނީ އިންތިޚާބުން ބަލިވިތާ ހަފްތާއެއް ފަހުން އިންތިޚާބުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދާފައެވެ.