ރައްޔިތުން ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބު ކުރި ނަމަވެސް އެމަނިކުފާނު ކުރެއްވީ ރަސްކަމެއް ކަމަށް، ރައީސް ނަޝީދުގެ އެޑްވައިޒަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމްކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އަބުދުﷲ ޖާބިރު އިތުރަށް ވިދާޅުވީ، އިންތިޚާބުގައި ރައްޔިތުން ވޯޓުދިން ގޮތް ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. ސަބަބަކީ އެމަނިކުފާނަކީ އެއްވެސް ރައްޔިތެއްގެ އަޑެއްވެސް، އަރިހުގައި ތިއްބަވާ އެއްވެސް ބޭފުޅެއްގެ ޚިޔާލެއް އަދި މަޝްވަރާއެއް ޤަބޫލުކުރައްވާނެ ބޭފުޅަކަށް ނުވުން ކަމަށެވެ.
ރައީސް ޔާމީނަށް އެކަން ކުރެއްވުނީ ރަނގަޅަށް ނޫންކަމަށާއި، އެ މަނިކުފާނަށް ރައްޔިތުން ވެރިކަން ކުރުމުގެ ފުރުސަތު ދެއްވުމުން ދެއްކެވި ބޮޑާކަމާއި ކިބުރުވެރިކަން ރައްޔިތުން ބަލައި ނުގަންނާނެކަން މިހާރު ޔާމީނަށް ކަށަވަރުވާނެ ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ.
"ރައީސުލް ޖުމުޙޫރިއްޔާކަން ދިނީމަ. ރަސްކަލަކަށް ވެގެން ނުވާނެއެއްނު. ރައްޔިތުން ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު. ދެން ކުރައްވަން ފެއްޓެވީ ރަސްކަމެއް. ރަސްގެފާނުގެ ދަރުބާރުގަ ވާހަކަދެންނެވުމަކީ އޮންނަކަމެއް ނޫނެއްނު. ޔާމީނު ރަސްކަލަކަށްވެގެން މި ހުންނެވީ. " ޖާބިރު ވިދާޅުވިއެވެ.
އިއްތިހާދުގެ ސަރުކާރެއްގައި ދިވެހި ރައްޔިތުންނަށް އެރައްޔިތުން ހަވާލުކުރެއްވި އިންތިޚާބީ ރައީސްގެ ޒަޢާމަތުގައި ޚިދުމަތް ކުރެއްވުމަށް އިއްތިހާދުގެ ލީޑަރުން ތިއްބެވީ ތައްޔާރަށް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. އަދި އިއްތިހާދުގެ ލީޑަރުންގެ އެކުވެރިކަން ނަގާލުމަށް ބަޔަކު މީހުން ކުރަމުންދާ މަސައްކަތުގައި ޖެހި އިއްތިހާދު ބައިބައިވެގެން ނުދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް 5 އަހަރު އިއްތިހާދުގެ ކޯލިޝަން ދެމެހެއްޓުމަށް އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަތޭކަ އިންސައްތަ ޔަގީންކަން ލިބިގެންދާނެ ކަމަށްވެސް، އެމަނިކުފާނުގެ އެޑްވައިޒަރ އަބުދުﷲ ޖާބިރު ވަނީ ވިދާޅުވެފައެވެ.