ރިޔާސީ އިންތިހާބު ބާޠިލްކުރުމަށް ޕީޕީއެމްއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކާމިޔާބުކޮށް އާ އިންތިހާބަކަށް ދާނެކަމަށް ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަހީމް މިހެން ވިދާޅުވި "އޮޅުވާލި ވޯޓު" ނަމުގައި ޕީޕީއެމުން ސިލްސިލާ ގޮތެއްގައި ބާއްވާ އަޑުއިއްވުމުގައި ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ވާހަކަ ދައްކަވަމުންނެވެ.
ރޭ ދެއްކެވި ވާހަކައިގާ އަބްދުއްރަހީމް ވަނީ ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ހީތަކާއި ވަހުމުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނާތީ، އެކަމަށް ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ޔާމީން ހުށަހެޅުއްވީ ވަރަށް ވަރުގަދަ މައްސަލައެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަމަކު އޭގެ އެންމެ ފުރިހަމަ މައުލޫމާތު ދެއްވަން ދަތިކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އަބްދުއްރަހީމް ވިދާޅުވީ އިންތިޚާބު އޮތް ދުވަހުގެ ރޭ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ޕީޕީއެމުން މައްސަލަ ހުށަހަޅަން މަސައްކަތް ކުރުމުން އީސީ އިން ގަސްތުގައި ހުރަސް އެޅުއްވި ކަމަށެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދިނުމުން، ޝަރީފް ވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަންފާ ލިބޭ ގޮތަށް އިންތިޚާބުގެ ކަންކަން ކުރައްވައިފަ ކަމަށް އަބްދުއްރަހީމް ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ސުޕްރީމް ކޯޓުގައި އެކަން ސާބިތު ކުރުމަށް ތައްޔާރު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
"ޝަރީފަށް ޖެހޭނީ ކުޑަކަކޫ ޖެހެން މި މައްސަލައިގައި. އަޅުގަނޑުމެންގެ މައްސަލަ އަޅުގަނޑުމެންނާ އެއްކޮޅަށް ކާމިޔާބުކޮށްގެން ނުކުމެ، ތިޔަ ބޭފުޅުންނާ އެކީގައި ދެވަނަ ފަހަރަށް އިންސާފުވެރި އިންތިޚާބަކަށް ދާނަން،" ރައީސް ޔާމީން ވަޑައިގެންނެވި ވަގުތު އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީނަކީ ބިރުފުޅު ގަނެގެން ފިލާ ގޭގައި އޮންނަވާނެ ބޭފުޅެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ރާއްޖެ ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.