Last Updated: November 26, 22:39
Tuesday, November 26, 2024
ކުޅިވަރު

ޔޫއެފާ ނޭޝަންސް ލީގު: އިޓަލީ އަތުން ބަލިވެ ޕޮލެންޑް ރެލިގޭޓްވެއްޖެ

ޕޮލެންޑް ކޮޅަށް ލަނޑުޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ލީގު އޭގެ ތިންވަނަ ގުރޫޕުގައި އިޓަލީ އަތުން ބަލިވެ ޕޮލެންޑް ރެލިގޭޓްވެއްޖެއެވެ. މިމެޗުން އިޓަލީ މޮޅުވީ 1-0 އިންނެވެ.

މިއީ އިޓަލީގެ އައު ކޯޗު ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި ވާދަވެރި ފުރަތަމަ މެޗެވެ.

މި ގުރޫޕުގައި ރޭ ކުޅުނު މެޗަށްފަހު، ތާވަލްގެ އެންމެ ކުރީގައި އަދިވެސް އުޅެނީ ޕޯޗުގަލް އެވެ. އެޓީމަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އިޓަލީއަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މިގުރޫޕުން ރެލިގޭޓްވި ޕޮލެންޑަށް ލިބިފައިވަނީ ތިން މެޗުން އެންމެ ޕޮއިންޓެކެވެ.

ކޮންމެ ގްރޫޕެއްގެ އެއްވަނަ އާއި ދެވަނަ ޓީމު ފުރަތަމަ ލީގުގައި ދެމި އޮންނައިރު މީގެ ތެރެއިން އެއްވަނަ ޓީމަށް އަންނަ އަހަރުގެ ޖޫން މަހު އޮންނަ ފައިނަލް ބުރުން ފުރުސަތު ލިބޭނެ އެވެ. މި ގްރޫޕުގެ އެއްވަނަ ކަނޑައެޅޭނީ ޕޯޗުގަލުން އިޓަލީ އާއި ޕޮލެންޑާ ދެކޮޅަށް ކުޅޭ މެޗުތަކަށް ފަހު އެވެ.

ޕޮލެންޑްގެ ސިލޭސިއަން ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި އިޓަލީގެ ކުޅުންތެރިންނަށް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިގެންދިޔައިރު ބޭނުންހިފޭގޮތެއްނުވިއެވެ. އެގޮތުން، މިހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތު އެޓީމުގެ ލޮރެންޒޯ އިންސީނިއޭ އަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑީގައިޖެހިފައެވެ.

މީގެއިތުރުން، އެޓީމުގެ ފެޑެރީކޯ ބާނަޑެސްކީ އާއި ޖޯޖިއޯ ކިއެލީނީ އަދި އަލެސެންޑްރޯ ފްލޮރެންޒީ އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ޕޮލެންޑްގެ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ ވަނީ މަތަކޮށްފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ޕޮލެންޑުން ލަނޑުޖެހުމަށް ތަނަވަސްކުރި ފުރުޞަތުތަކުގައި އެޓީމުގެ ކަމީލް ގްރޮޒިކީ އާއި ކަމީލް ގްލިކް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ އިޓަލީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ އެވެ.

މިހާފުގައި ޕޮލެންޑްގެ އާކެޑިއުޝް މިލިކް އާއި ޕިއޮޓަ ޒިލީންސްކީ ފޮނުވާލި ހަމަލާތައް ގޯލަށް އަމާޒުވާގޮތްނުވިއިރު އިޓަލީގެ ބާނަޑެސްކީ އާއި ފެޑެރީކޯ ޗިއޭޒާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި އިޓަލީގެ ކެވިން ލަޒާނާ ދިން ބޯޅައަކުން ކާމިޔާބުކުރީ ކްރިސްޓިއާނޯ ބިރާގީ އެވެ. އޭނާ މިލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރުމުގެ ތެރޭގައި މިގޯލް ހާއްސަކޮށްފައިވަނީ މިދިޔަ މާޗް މަހު މަރުވި ފިއޮރެންޓީނާ އަދި އިޓަލީގެ ޤައުމީޓީމުގެ ޑިފެންޑަރު ޑޭވިޑެ އަސްޓޯރީ އަށެވެ.

މިމުބާރާތުގައި ލީގު ބީގެ ދެވަނަ ގުރޫޕުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ތުރުކީ އަތުން 2-0 އިން މޮޅުވެ ރަޝިޔާ ވަނީ ލީގު އޭ އަށް ޕްރޮމޯޓުވުމަށް ޕޮއިންޓަކާއި ގާތަށް ޖެހިލައިފައެވެ. މިމެޗުގައި އެޓީމުގެ ގޯލްތައް ޖަހައިދިނީ ރޯމަން ނޮއިސްޓާޑާ އާއި ޑެނިސް ޗެރިޝޭފް އެވެ. އަލްބޭނިއާ އަތުން 2-0 އިން އިޒްރޭލް މޮޅުވިއިރު ލިތުއޭނިއާ އަތުން މޮންޓެނީގްރޯ މޮޅުވީ 1-4 އިންނެވެ. ފެރޯ އައިލެންޑްސް އާ ކޮސޮވޯ ބައްދަލުކުރި މެޗު 1-1 އިންް އެއްވަރުވިއިރު އަޒަރުބައިޖާން އާ މޯލްޓާ ކުޅުނު މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ރޫމޭނިއާ އާ ސާބިއާ ބައްދަލުކުރި މެޗު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.