ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ބަސް އިއްވައިފި ކަމަށާއި، ރައްޔިތުންގެ ނިންމުން ކޯޓުން ދިފާއުކޮށް ދަމަހައްޓާނެ ކަމަށް އުއްމީދު ކުރާ ކަމަށް މިސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ ފަރާތުން ދުންޔާ މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެގައުމުގެ ޓީވީ ޗެނެލަކަށް ދެއްވި އިންޓަވައިއުއެއްގައި ދުންޔާ ވިދާޅުވީ ރައީސް ޔާމީން އިންތިޚާބު ބާތިލުކުރުމަށް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ އެމަނިކުފާނަކީ ބަލި ގަބޫލުނުކުރެވޭ ބޭފުޅަކަށް ވާތީ ކަމަށެވެ.
"ރައީސް ޔާމީނަކީ ބަލިވުމުން ރީއްޗަށް އުޅެން އެނގިލައްވާ ބޭފުޅެއް ނޫން. އެހެންވެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވަމުން ގެންދަވަނީ"
ފޮރިން މިނިސްޓަރުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވުމަށްފަހު ދުންޔާ ވަނީ އަމިއްލަ ސަބަބުތަކަށްޓަކައި މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް ރައީސް މައުމޫން އަދި ކޮއްކޯފުޅު ފާރިސް މައުމޫން އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމުން ވެސް ދުންޔާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގައި މަޑު ކުރައްވާފައެވެ.
ނަމަވެސް ރައީސް މައުމޫނާއި ފާރިސް އަދި ދައްތަ ޔުމްނާގެ ފިރިކަލުން ނަދީމް ހައްޔަރުކުރުމުން ދުންޔާ ވަނީ ސަރުކާރު ފަޅި ދޫކުރައްވާފައެވެ. ދުންޔާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެކަމަނާގެ އާއިލާއިން ބޮޑު ބިރުުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހުނު ކަމަށް ވެސް ވިދާޅުވެފައެވެ.
އިންތިޚާބުން ނާކާމިޔާބުވުމުން ވެސް ރައީސް ޔާމީން ކޯޓު މެދުވެރިކޮށް އިންތިޚާބު ބާތިލުކުރަން ހުށައަޅާފައިވުމުން ދުނިޔޭގެ ސަމާލުކަން އަނެއްކާވެސް ދިވެހި ރާއްޖެއަށް ވަނީ ހުއްޓިފައެވެ.