ޔޫއެފާ ނޭޝަންސް ލީގު އޭގެ ގްރޫޕް ހަތަރެއްގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ރަހީމް ސްޓާލިން ކާމިޔާބުކުރި ދެލަނޑުން އިންގްލެންޑް ވަނީ ރަށުން ބޭރުގައި ސްޕެއިން އަތުން 2-3 ގެ ނަތީޖާއަކުން މޮޅުވެ ފައިނަލް ބުރަށް ދިއުމުގެ އުއްމީދު އާކޮށްފައެވެ.
މިމެޗުން މޮޅުވެ އިންގްލެންޑް ވަނީ ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ވާދަވެރި މެޗަކުން ސްޕެއިނުގެ ދަނޑުގައި ކުޅެ އެޓީމު އަތުން މޮޅުވި ފުރަތަމަ ޓީމަށްވެފައެވެ.
މިގުރޫޕުގެ އެންމެ ކުރީގައި އުޅޭ ސްޕެއިނާއި އިންގްލެންޑަށް ބާކީ އެއްމެޗު އޮތްއިރު އަދިވެސް ތާވަލްގެ އެންމެ ކުރީގައި އުޅެނީ ހަ ޕޮއިންޓާއެކު ސްޕެއިން އެވެ. އިންގްލެންޑަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އޮތް ކްރޮއޭޝިއާ އަށް ދެމެޗުން އެއްޕޮއިންޓް ލިބިފައިވެއެވެ. މިގުރޫޕުގައި ހިމެނޭ ތިން ޓީމަށްވެސް އަންނަ އަހަރުގެ އޮންނަ ފައިނަލް ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު އެބައޮތެވެ.
ސެވިއްޔާގެ އެސްޓާޑިއޯ ބެނީޓޯ ވިޔަމެރިންގައި ރޭ ކުޅުނު މިމެޗު ފެށިގެން ސްޕެއިންގެ މާކޯ އަސެންސިއޯ އާއި މާކޮސް އަލޮންސޯ އަށް ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތު ލިބުނުއިރު، މެޗުގެ ފަސްވަނަ މިނެޓުގައި އަސެންސިއޯ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު އޭގެ ހަތަރު މިނެޓުފަހުން އޭނާ ފޮނުވާލި ބޯޅަ އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.
މިމެޗުގެ ފުރަތަމަ 30 މިނެޓުގެތެރޭގައި އިންގްލެންޑުން ވަނީ ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ. މެޗުގެ 16 ވަނަ މިނެޓުގައި އިންގްލެންޑްގެ ފުރަތަމަ ލަނޑު، މާކަސް ރަޝްފޯޑު ދިން ބޯޅައަކުން ސްޓާލިން ޖަހައިދިންއިރު، 30 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ހެރީ ކޭން ދިން ޕާހަކުން ދެވަނަ ލަނޑު ޖަހައިދިނީ ރަޝްފޯޑް އެވެ.
އޭގެ 8 މިނެޓުފަހުން، ސްޓާލިން ވަނީ އިތުރު ލަނޑެއްޖަހައިފައެވެ. މިއީ އެޓީމުގެ ފޯވާޑް ހެރީ ކޭން ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިހާފު ނިމުނީ 3-0 ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ސްޕެއިނުން ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން، މެޗުގެ 55 ވަނަ މިނެޓުގައި އެޓީމުގެ ސައުލް ނިގުއޭޒް އަށް ލިބުނު ފުރުޞަތެއްގައި އޭނާ ފޮނުވާލި ބޯޅަ އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް މަތަކުރިއެވެ.
އޭގެ ތިން މިނެޓުފަހުން، ސްޕެއިނުގެ ފުރަތަމަ ލަނޑުޖަހައިދިނީ މިހާފުގައި ކުޅެން ނިކުތް އިތުބާރު ފޯވާޑް ޕަކޯ އަލްކަސާ އެވެ. މިވަގުތު ސްޕެއިނުގެ އެންމެ ފޯމުގައި ހުރި އަލްކަސާ މިލަނޑުޖަހައިދިނީ އަސެންސިއޯ ދިން ބޯޅައަކުންނެވެ.
އޭގެފަހުން، ސްޕެއިނުގެ އަލޮންސޯ އާއި އަލްކަސާ އަދި ތިއާގޯ އަލްކަންތާރާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު އެންމެ ރަނގަޅު ފުރުޞަތެއް ލިބުނު ރޮޑްރިގޯ މޮރޭނޯ ފޮނުވާލަން އުޅުމުގެ ތެރޭގައި އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް އޭނާ އަށް ހުރަސްއެޅިކަމަށް ބުނެ ސްޕެއިނުގެ ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލްކުރިނަމަވެސް ރެފްރީ ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
ސްޕެއިނުގެ ފަހު ލަނޑު، މެޗުގެ އިތުރުވަގުތުގައި ޖަހައިދިނީ އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. މިއީ އެޓީމުގެ ޑެނީ ސެބާޔޯސް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ރާމޯސް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އައިސްލޭންޑް ވަނީ 1-2 އިން ސްވިޓްޒަލޭންޑް އަތުން ބަލިވެ ލީގު ބީ އަށް ރެލިގޭޓްވެފައެވެ. މިމެޗުގައި ސްވިޓްޒްލޭންޑަށް ލަނޑުޖަހައިދިނީ ހާރިސް ސެފަރޮވިޗް އާއ މިކާއިލް ލޭންގް އެވެ. އައިސްލޭންޑްގެ ހަމައެކަނި ލަނޑުޖަހައިދިނީ އަލްފްރެޑް ފިންބޮގަސަން އެވެ. ބޮސްނިއާ އެންޑް ހާޒެގޮވީނާ އަތުން 2-0 އިން ނޯދަން އަޔާލެންޑް ބަލިވިއިރު ގްރީސް އަތުން ފިންލޭންޑް މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ. ބެލާރުސް އާއި މޮލްޑޯވާ ކުޅުނު މެޗު ލަނޑެއްނުޖެހި އެއްވަރުވިއިރު ހަންގޭރީ އާ އެސްޓޯނިއާ ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ސެން މެރީނޯ އަތުން 3-0 އިން ލަގްޒެމްބޯގް މޮޅުވެފައިވެއެވެ.