Last Updated: November 28, 13:13
Thursday, November 28, 2024
ޚަބަރު

އިބޫއަށް ލިބުނު ވޯޓު ޔާމީނަށް ބަދަލު ކުރަން ހުށަހެޅި މައްސަލަ ނަގައިފި

އަބްދުލް މާނިއު ހުސައިން

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީނަށްލީ ވޯޓު ކަމަށް ކަނޑައެޅުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

މި މައްސަލަ ހުށަހަޅުއްވާފައިވަނީ ހއ.އިހަވަންދޫ އަންބަރީގޭ އަބްދުލް މާނިއު ހުސައިންއެވެ.

އެ މައްސަލަ މާނިއު އަނބުރާ ގެންގޮސްފައިވަނީ އޭނާގެ މައްސަލަ ބިނާކޮށްފައިވަނީ ބުއްދީގެ ހަމަތަކަށް ބަލާއިރު ވެސް ގަބޫލު ކުރެވޭނެ ފަދަ ކަންތައްތަކަކަށް ނުވާތީއާއި އެފަދަ ކަމެއް ނުހިނގާކަން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ޔަގީންކޮށްދޭތީއާއި އެފަދަ ޝަކުވާއެއް ވެސް ކޮމިޝަނަށް ހުށަހެޅިފައި ނުވާތީ ކަމަށް ބުނެއެވެ.

މާނިއު އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ކެންޑިޑޭޓު ނަންބަރު އެކަކާ ދިމާގައި ޖެހި ފާހަގަ ކެންޑިޑޭޓު ނަންބަރު ދެއަކާ ހަމައަށް ވެއްޓޭ ކަމަށް އެ މަންޒަރު ލޮލުން ދުށް މީހަކާ ހަވާލާދީ ރައީސް ޔާމީންގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވަރަށް ސާބިތު ކަމާއެކު ވިދާޅުވެފައިވާ ކަމަށް ބުނެއެވެ.

މުއާޒުގެ ވާހަކަތަކުން ދެ ކަމެއް ފާހަގަ ކުރެވޭ ކަމަށް މާނިއުވަނީ ބުނެފައެވެ. އެގޮތުން އެކެއްގައި ޖެހި ފާހަގަތައް ދެއަކާއި ދިމާއަށް ފައިބާފައި ހުރެއްޖެ ނަމަ ދޭއްގައި ޖެހި ފާހަގަތައް އެކަކާ ދިމާއަށް މައްޗަށް އެރުމަކީ ގަބޫލު ކުރަން ޖެހޭ ކަމެއް ކަމަށާއި، އެމް 7 އިން އެގޮތަށް ކަރުދާސް ޗާޕުކޮށްފައިވަނީ އާދަޔާ ހިލާފު ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ކަމަށާއި އެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެ އަގުގައި ކަރުދާސް ޗާޕުކޮށްފައިވަނީ ނުއަގުގައި ނުވަތަ އަގު ހެޔޮކޮށް ކަމަށް އެނގޭ ކަމަށް މާނިއު ބުނެފައިވެއެވެ. އަދި އެފަދަ ކަމެއް ކުރެވޭނީ ކޮންމެ ވެސް ބައެއްގެ ފަރާތުން މާލީ އެހީ ލިބިގެން ކަމަށް ގަބޫލު ކުރެވޭނެ ޖާގަ އޮތް ހިނދު، އެމް 7 އަކީ ގާސިމް އިބްރާހީމްގެ މަސްލަހަތު އޮތް ކުންފުންޏެއް ކަމަށް ވެސް މާނިއު ބުނެފައިވެއެވެ.

މައްސަލަ ހުށަހެޅުން ލަސްވީ ހެކި ލިބުން ލަސްވެގެން ކަމަށް ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ. އަދި ހެއްކެއްގެ ގޮތުގައި ރައީސް ޔާމީންގެ ތަރުޖަމާނު މުއާޒު ހާޒިރުކޮށް ދިނުމަށް ވެސް އެދިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން ދައްކަވާފައިވާ ވާހަކަފުޅަކީ ބުހުތާން ދޮގެއްކަން އެއްވެސް ޝައްކެއް ނެތި ކަށަވަރުވާތީ އެ ރޯމަރުދޮގުގެ މައްޗަށް ލެނބެވިގެން އިންތިހާބީ ޝަކުވާގެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުނު ކަމަށްޓަކައި ހިތާމަކުރާ ހާލު، މައްސަލަ ހުށަހެޅި ފޯމު ވަގުތުން ވަގުތަށް ބާތިލްކޮށްދެއްވުމަށް އެދޭ ކަަމަށްވެސް ސިޓީ ނިންމާލަމުން ފާހަގަކޮށްފައިވެ އެވެ.

މައްސަލަ ހައިކޯޓަށް ހުށަހަޅާފައި އޮތް ނަމަވެސް އެ މައްސަލައާއި މެދު ހައިކޯޓުން ވަކި ގޮތެއް ނިންމިކަން އެނގިފައެއް ނުވެއެވެ.