ވެރިރަށް މާލެގެ އިންތިޚާބީ ދާއިރާތަައް ތަމްސީލް ކުރައްވާ މަޖިލިސް މެންބަރުންނާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމަކީ، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގެ އިންތިހާބީ މަޖިލިސް ދާއިރާތައް ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
2019 ވަނަ އަހަރުގެ އިންތިޚާބުގައި މާލެއަށް އިތުރު ދެ ގޮނޑި ލިބޭނެއެވެ. މާލެއަށް އިތުރުވާ ދެ ގޮނޑި އާއި އެކު މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށް އަރާނެއެވެ.
2014 ވަނަ އަހަރުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވިއިރު، މާލޭގެ އާބާދީ 63000 ގައި ހުރި ނަމަވެސް، މި އަހަރުގެ މެއި މަހުގެ ނިޔަލަށް މާލޭގެ އާބާދީ ވަނީ 70977 އަށް އަރާފައެވެ.
މާލޭއަށް އިތުރު ދެގޮނޑި ލިބުނީ، މަޖިލީހަށް މެންބަރުން އިންތިހާބު ކުރަމުން ދަނީ، 5000 މީހުންނަށް ދާއިރާއެއްގެ އުސޫލުން، ބަލާއިރު މާލޭގެ އާބާދީ އިތުރުވެފައިވާތީއެވެ.