އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް އޮއިލް ކޮމްޕެނީގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ އަމަލުތަކަކާއި ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނުން އެސްޓީއޯއަށް ކުއްލި އެންގުމެއް އަންގައިފިއެވެ.
އޭސީސީން މިއެންގުން އަންގާފައިވަނީ އެސްޓީއޯގެ ސަބްސިޑިއަރީ މި ދެ ކުންފުނީގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތައް ހިންގަމުން ދާކަމަށް ބުނާ މައްސަލައިގައެވެ. އޭސީސީން އެސްޓޯއޯއަށް ފޮނުވާފައިވާ ސިޓީގައިވަނީ އެފަދަ މުއާމަލާތްތަކެއް ހިންގާ ނަމަ އެކަން ނުކުރުމަށް އަންގާފައެވެ.
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެހެން ކުންފުނިތަކާއެކު އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް އޮއިލް ކޮމްޕެނީން ކޮންޓްރެކްޓުތައް ހަދައި ފައިސާގެ މުއާމަލާތްތައް ކުރަމުން ދާކަމުގެ މައުލޫމަތު ލިބިފައިވާކަމަށް އޭސީސީން ވަނީ ބުނެފައެވެ.