ހަގީގަތް ގަބޫލުނުކޮށް ކިބުރުވެރިވެ ބޮޑާހޭކުމަކީ އެމީހަކު މަގުއޮޅިފައިވާކަން ކަމަށާއި މިއަދު މި ފެންނަނީ އެކަމުގެ ދިރިހުރި މިސާލެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ވިދާޅުވެއްޖެއެވެ.
ސޫރަތުލް ޣާފިރްގެ 35 ވަނަ އާޔަތް ހިއްސާކުރައްވާ އިލްޔާސް ކުރެއްވި ޓްވީޓްގައިވަނީ ﷲގެ ހަޟުރަތުން ރަޙުމަތްލައްވާ އެންމެ ރަނގަޅު ގޮތް އަޅަމެންނަށް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ.
ޝެއިޚް އިލްޔާސްގެ ޓްވީޓްގައި މިފަދައިން ވިދާޅުވެފައި މިވަނީ ސެޕްޓެމްބަރު 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވުމުން ފުރަތަމަ އެކަން ގަބޫލުކުރައްވާ ރައްޔިތުންގެ ޚިދުމަތުން ނޮވެމްބަރު 15ގެ ފަހުން ދުރަށް ޖެހިވަޑައިގަންނަވާނެ ކަމަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވުމަށްފަހު، ހަފްތާއެއް ފަހުން އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފައެވެ. ބާކީ އޮތީ ހުކުމް ކުރެއްވުމެވެ.
Hageegah gaboolu nukoh kiburuverive bodaheykumakee a meehaku magu olhifavakameh
Miadhu mi fennanee mikamuge dhirihuri misaaleh
Yaa Allah alhamennah ibailaahuge hadrathun rahumah lavvavai emme rangalhu goi alhamennah minvaru kuravvavandheyve. Ameen. pic.twitter.com/Ug05CRkqDS— Ilyas Hussain (@shkilyas) October 20, 2018
ސޫރަތުލް ޣާފިރްގެ 35 ވަނަ އާޔަތުގެ މާނައިގާ ވަނީ "އެއުރެންނީ ﷲގެ އާޔަތްތަކާ މެދުގައި އެއުރެންނަށް ލިބިފައިވާ އެއްވެސް ދަލީލަކާނުލާ ޖަދަލުކުރާ މީހުންނެވެ. ﷲގެ ހަޟުރަތުގައްޔާއި، އީމާންވި މީހުންގާތުގައި އެކަމަށް ހުރި ނުރުހުން ބޮޑުވެގެންވެއެވެ. ކޮންމެ ކިބުރުވެރި ޖައްބާރަކުގެ ހިތުގައި ﷲ ސިއްކަ ޖައްސަވަނީ އެފަދައިންނެވެ." މިހެންނެވެ.