އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 5-0 އިން ބާންލީ ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ އެއްވަނައިގައި މަޤާމު ދަމަހައްޓައިފިއެވެ.
ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު، ތާވަލްގެ އެންމެ ކުރީގައި އަދިވެސް އުޅެނީ ސިޓީ އެވެ. އެޓީމަށް ނުވަ މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ސިޓީ އަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. 21 ޕޮއިންޓާއެކު ޗެލްސީ ތިންވަނައިގައި އޮތްއިރު ހަތަރުވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު ޗެލްސީ އަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ގަދަފަދަ މެންޗެސްޓަރ ޔުނައިޓެޑް އޮތީ 14 ޕޮއިންޓާއެކު 9 ވަނައިގައެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުގެ 17 ވަނަ މިނެޓުގައި ސާޖިއޯ އަގުއޭރޯ ކާމިޔާބުކުރި ގޯލާއެކު އެއްލަނޑުގެ ލީޑެއްގައި އޮވެ އެޓީމުން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގެ ކުރީކޮޅު ސިޓީގެ ލީޑް ފުޅާކޮށްދިނީ ބަނާޑޯ ސިލްވާ އެވެ. އޭގެ ދެމިނެޓުފަހުން، ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ފެނާންޑީނިއޯ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.
މެޗުގެ 83 ވަނަ މިނެޓުގައި ސިޓީގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ރިޔާދު މާރޭޒް އެވެ. މިއީ ޕެނަލްޓީއޭރިޔާބޭރުން އޭނާ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ. ސިޓީގެ ފަސްވަނަ ލަނޑު، މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ބެންޖަމިން މެންޑީ ތަނަވަސްކުރި ފުރުޞަތަކުން ލެރޯއީ ސާނޭ އެވެ.
ލީގުގައި ރޭ ކުޅުނު ފަހު މެޗުގައި، ލިވަޕޫލް ވަނީ ރަށުން ބޭރުގައި 1-0 އިން ހަޑަސްފީލްޑް ޓައުން ބަލިކޮށްފައެވެ. މިމެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ހަމައެކަނި ގޯލް، 24 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ސަލާހް އެވެ. މިއީ އެޓީމަށް ކުޅޭ ސްވިޒަލޭންޑްގެ ވިންގާ ޒެރްދާން ޝަކީރީ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ އިނގިރޭސި ފުޓްބޯޅައިގައި ސަލާހް ކާމިޔާބުކުރި 50 ވަނަ ގޯލެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ވެސްޓްހޭމް ޔުނައިޓެޑް އަތުން 1-0 އިން ޓޮޓެންހަމް މޮޅުވިއިރު ބްރައިޓަން ހޯވް އެންޑް އެލްބިއަން އަތުން އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް ބަލިވީ ވެސް ހަމަ މިނަތީޖާއިންނެވެ. ވުލްވަހެމްޕްޓަން ވޮންޑަރާސް އަތުން 2-0 އިން ވަޓްފޯޑް މޮޅުވިއިރު ކާޑިފް ސިޓީ ވަނީ 4-2 އިން ފުލަމް ބަލިކޮށްފައެވެ. ބޯންމައުތު އާއި ސައުތުހެމްޕްޓަން ކުޅުނު މެޗު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.