Last Updated: November 26, 22:39
Tuesday, November 26, 2024
ކުޅިވަރު

ރޮނާލްޑޯގެ ލީގު ކެރިއަރުގައި 400 ލަނޑު ހަމަކޮށްފި

ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) އަތުން ބޯޅަ ހޯދަން ޖެނޯއާގެ ކުޅުންތެރިއެއް މަސައްކަތްކުރަނީ. --ފޮޓޯ: ފޭސްބުކް

އިޓާލިއަން ސެރިއޭގައި ރޭ އަމިއްލަ ދަނޑުގައި ޖެނޯއާއާ 1-1 އިން އެއްވަރުވި މެޗުގައި ޔުވެންޓަސްގެ ހަމައެކަނި ލަނޑު ޖަހައިދީ، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔޫރަޕުގެ އެންމެ ބޮޑު ފަސް ލީގުގައި 400 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދައިފައެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިން ވިދާލި ރޮނާލްޑޯ، 2003 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ ޕްރިމިއާ ލީގުގައި އެޓީމަށް 84 ގޯލް ޖަހައިދިންއިރު 2009 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2018 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރެއާލް މެޑްރިޑަށް ކުޅުނު ދުވަސްވަރު ސްޕެނިޝްލީގުގައި އޭނާ ވަނީ 311 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެފަހުން، މިސީޒަނަށް ޔުވެންޓަސް އަށް ބަދަލުވެ އިޓާލިއަން ސެރިއޭގައި މިހާތަނަށް ޖެހި ފަސް ގޯލާއެކު އޭނާ ވަނީ 400 ލަނޑު ހަމަކޮށްފައެވެ. ރޮނާލްޑޯ އާ އެންމެ ގާތުން ވާދަކުރާ ލިއޮނަލް މެސީ ވަނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އަށް ކުޅެމުން މިހާތަނަށް އައިއިރު 390 ލަނޑު ހަމަކޮށްފައެވެ.

ޔުވެންޓަސް އިން ރޭގެ މެޗަށް ނިކުތީ އެންމެ ފަހުން އުދިނޭޒީ އަތުން 2-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، ޖިއޯޖިއޯ ކިއެލީނީ އާއި ޕައޮލޯ ޑިބާލާގެ ބަދަލުގައި މެހްދީ ބެނާޓިއާ އަދި ހުއާން ކުއަޑްރާޑޯ އަށް ފުރުޞަތު ދީފައިވެއެވެ.

ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 18 ވަނަ މިނެޓުގައި ޖަހައިދިނީ ރޮނާލްޑޯ އެވެ. ޖެނޯއާ އިން އެއްވަރުކުރީ މެޗުގެ 67 ވަނަ މިނެޓުގައި ޑެނިއަލް ބެސާ އެވެ.

ސެރިއޭގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ސްޕަލް އަތުން 2-0 އިން އަމިއްލަ ދަނޑުގައި އޭއެސް ރޯމާ ބަލިވިއިރު ނަޕޯލީ ވަނީ ރަށުން ބޭރުގައި އުދިނޭޒީ އަތުން 3-0 އިން މޮޅުވެފައެވެ. ނަޕޯލީގެ ލަނޑުތައް ޖަހައިދިނީ ފަބިއަން ރުއިޒް އާއި ޑްރީސް މާޓެންސް އަދި މާކޯ ޕޮގް އެވެ.

މިމުބާރާތުގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާއަށްފަހު، ނަޕޯލީ ވަނީ ތާވަލްގެ އެއްވަނައިގައި އުޅޭ ޔުވެންޓަސް އާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. ޔުވެންޓަސް އަށް 9 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އުޅޭ ނަޕޯލީ އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ.