(މެއި 15، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"ވިއާމާ މިކަން ސިއްރު ކޮށްދޭތި. އަަަހަރެންނަކީ ސާރާކަން އެކަކަށް ވެސް ޙާއްސަ ކޮށް ސޫރަޖް އަށް އެނގުނަ ނުދޭތި އިނގޭ. ވައުދުވޭ." ސާރާ ރިހުމުން ފުރިފައިވާ އަޑަކުން ވިއާމާ ކައިރީ ބުންޏެވެ.
"މަލް…އަދިވެސް ސިއްރު ކުރަނީތަ؟ އޭނަ އަށް މިއަދު ތީނަގެ އެހީ ބޭނުންވޭ. ތިއީ ސާރާކަން އެނގުނީމާ އޭނާ ވަރަށް އުފާވާނެެ."
ވިއާމާ އެނދުން ތެދުވެ ހިނގައިގަންނަމުން ބުނެލި އެވެ.
"ނޫނޭ ވިއާމާ. އަދި މި ވާހަކަ ސިއްރު ކުރާތި. އާދޭސް ކުރަން." ސާރާ ދެ އަތް ޖޯޑުކޮށްފައި ވިއާމާ ކައިރިން އެދުނެވެ.
"މަލް…ތި ހިތުގައިވާ އެއްޗެއް އަހަރެންނަކަށް ނޭނގެ. އެކަމަކު އަހަރެން ވަނީ ތީނަ އާ އެކުގަ." ހިނިތުންވެލަމުން ވިއާމާ ސާރާގެ ޖޯޑުކޮށްފައިވާ ދެ އަތުގައި ހިފާލިއެވެ. އަދި ދެ އެކުވެރިން ކަރާ ކަރުޖައްސައި ސަލާމް ކުރި އެވެ.
މުރާދު ސައިކަލުން ދިޔައީ ކުލާހުން ނިމިގެން ގެއަށް ދާށެވެ. ދުވަހަކީ ހޯމަ ދުވަސް ކަމަށް ވުމާ އެކު މަގުމަތީ ވަރަށް ދުއްވާ އެއްޗެހި ގިނަ އެވެ. އެއީ އިންޑިޔާގެ އާދަ އެވެ. އެ ވަގުތު އަންހެން ކުއްޖަކު މަގު ހުރަސް ކުރުމަށްޓަކައި އެއްކޮޅުގައި ހުރެފައި ދުއްވައިގަތެވެ.
މުރާދު ދިޔައީ ވަރަށް މަޑުން ކައިރިން ދުއްވާފައި ދިޔަ އެއްޗިއްސައް ބަލަމުންނެވެ. އެ ވަގުތު ކުއްލިއަކަށް މީހަކު މުރާދު ސައިކަލްގައި ޖެހިގަތީމާ ސިއްސައިގެން ގޮސް މުރާދު ސައިކަލްގެ ބުރެކް ޖެއްސި އެވެ.
ނަސީބަކުން އެ ކުއްޖާ ވެސް ނުވެއްޓި ސަލާމަތްވި އެވެ. އަދި ކުއްލިއަކަށް މުރާދު ސައިކަލް ކޮންޓްރޯލް ކުރި އެވެ. އަދި އިސް އުފުލާލާފައި އެ ކުއްޖާ އާ ދިމާއަށް ބަލާލި އެވެ.
އޭރު އެ ކުއްޖާ އެސްފިޔަ ޖަހާ ވެސް ނުލާ މުރާދަށް ބަލަން ހުއްޓެވެ. ހާސްކަމުން ފުރިފައިވާ އަދި ހައިރާންކަން އެކުލެވިފައިވާ ބޮޑު ދެލޮލެވެ. މޫނު މައްޗަށް ކުދި އިސްތަށިތައް ހޭވިފައިވާ ރީތި ދިގު އިސް ތަށިގަނޑެކެވެ.
ރަތް ކުލައިގެ ހެދުމުގައި ހުދު ކުލައިގެ ދޯޕައްޓާ ވެސް އޮތީ ކޮނޑުމަތިން ތިރިއަށް ވެއްޓިފަ އެވެ. އެ ދެ މީހުން ދެ މީހުންނަށް ބަލަހައްޓައިގެން ގެއްލިފައި ތިއްބާ ހިސާބުގަނޑުގެ މީހުން އެތަނަށް ޖަމާވަމުން ދިޔަ އެވެ. އަދި ކާރުތަކާއި ސައިކަލްތަކުން ބަރުގޮނު އަޅަމުން ދިޔަ އެވެ. އެވަގުތު މުރާދަށް ހޭވެރިކަން ވި އެވެ.
"އަޅުގަނޑު މިތާ ކައިރީ ތަނަކަށް ގެންގޮސް ދީފާނަން؟" އެ އަންހެން ކުއްޖާ މުރާދު ކައިރިން އެދުނެވެ.
"ސައިކަލަށް އަރާ." ތުރުތުރު އަޅާ އަޑަކުން މުރާދު ބުނެލި އެވެ.
އެ ކުއްޖާވެސް އިތުރު ސުވާލެއް ނުކޮށް ސައިކަލަށް އެރި އެވެ. އަދި އެތަނުގަ ތިބި މީހުންނާ ދިމާއަށް ދެ މީހުން ލަދު ގެންފައިވާ ގޮތަކަށް ހީލި އެވެ. އެމީހުން ވެސް އެކަކު އަނެކަކަށް ބަލަމުން އަތް ހޫރުވަމުން އެތަނުން ދުރަށް ދިޔަ އެވެ.
"އަހަރެންނަށް ކޮންމެވެސް ތަނަކުން ފެނުނު ކުއްޖެއް ވައްތަރު ޖަހާ…ތިއީ ކޮން ޤައުމެއްގެ ކުއްޖެއް؟" މުރާދު ސައިކަލް ދުއްވާލަމުން އިނގިރޭސި ބަހުން އަހާލި އެވެ.
"އަޅުގަނޑަކީ ދިވެއްސަކީމު. އަޅުގަނޑާ ދިމާވީ އެއަޕޯޓުން." ސާފު ދިވެހި ބަހުން އެ ކުއްޖާ މުރާދަށް ޖަވާބު ދިނެވެ.
މުރާދު ސައިކަލްގެ ކުޑަ ލޯގަނޑުން އެ ކުއްޖާގެ މޫނަށް ބަލާލި އެވެ. ތެދެކެވެ. އެއީ މީރާ އެވެ. މާލޭ އެއަޕޯޓުން ރަހްމަތްތެރިވި އަންހެން ކުއްޖާ އެވެ.
"އޯހް….ގެންގޮސް ދޭންވީ ކޮންތާކަށް؟" މުރާދު ސުވާލު ކުރި އެވެ.
"އަޅުގަނޑުގެ ގެއަށް. ގެ ހުންނަނީ ކަލާކޮމަދި ރޯޑުގަ. އެއީ މެޑިކަލް ކޮލެޖް." މީރާ ގެ ހުންނަތަން މުރާދަށް ކިޔާލަދިނެވެ.
"އެހެންތަ؟ އަހަރެންގެ ގެ ވެސް ހުންނަނީ ތި ހިސާބުގަ. އަވިއްޓަމް ރޯޑުގަ." މުރާދު ހިނިތުންވެލަމުން ބުނެލި އެވެ.
"ކޮންބަޔަކާ އެކު އުޅެނީ؟" މީރާ ސުވާލު ކުރި އެވެ.
"އެކަނި." މުރާދު ވަރަށް ފެން ގޮތަކަށް ޖަވާ ބުދިނެވެ. ގެއާ ހިސާބަށް ދެވުމުން މީރާ ގެ ދައްކާލި އެވެ.
"މިހިރީ އަހަރެން އުޅޭ ގެ." މީރާ ގެއަށް އިޝާރާތްކޮށް ބުނެލި އެވެ. އެވަގުތު ގެއިން ނިކުތް އަންހެނަކު ގޭޓް ކުރިމައްޗަށް ނުކުތެވެ.
"އައްދެ އައީތަ؟ ކަލޭ ހީކުރަނީ މި ގޭގައި ކަލޭގެ ނޯކަރުން އުޅޭ ކަމަށްތަ؟ އަހަރެން އެހެރީ ކަލޭގެ ފޮށި ވެސް ބޭރަށް ލާފަ. ކަލޭ މި ގެ އަށް ވައްދާކަށް އަހަރެން ބޭނުމެއް ނޫން." އެއައި އަންހެން މީހާ މީރާ އާ ދިމާއަށް އެއްޗިތި ކިޔައި ގަތެވެ. މީރާ ރޮއިރޮއި ހުރީ އެވެ. އެވަރުން ނުފުދިގެން އެ އަންހެން މީހާ އެތެރެ އަށް ވަދެ މީރާގެ ފޮށި ގެނެސް މަގު މައްޗަށް އުކާލި އެވެ.
(ނުނިމޭ)