ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ނަން ތާރީޚުގައި ލިޔެވިގެންދާނީ އެންމެ ދަށު ދަރަޖައިގެ މަޖިލިސް ރައީސް ގެ ގޮތުގައި ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިހެން ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކުރުމަށް މާދަމާ 45 މެންބަރުންގެ ސޮޔާއި އެކު މަޖިލީހަށް ހުށަހެޅުމަށް އިދިކޮޅު ކޯލިޝަނުގެ ފަރާތުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މަސީހު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އަލީ ހުސައިން ވަނީ މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެން "ސިފައިންގެ ބެލުމުގެ ދަށަށް ރައްޔިތުންގެ ގެ އެއްލާލި" ކަމަށް ވިދާޅުވެފައެވެ.
އަލީ ހުސައިން އިޝާރާތް ކުރެއްވީ މަޖިލީހަށް އިިދިކޮޅު ކޯލިޝަނުގެ މެންބަރުންނަށް ނުވަދެވޭ ގޮތަށް ސިފައިން ނެރެގެން އަމަލުކޮށްފައިވާ މައްސަލަ އަށެވެ.
"މަސީހުގެ ނަން ތާރީޚުގައި ލިޔެވިގެންދާނީ މަޖިލީހުގެ ކަރާމަތާއި އަގުވައްޓާލައި ސިފައިންގެ ބެލުމުގެ ދަށަށް ރައްޔިތުންގެ ގެ އެއްލާލި އެންމެ ދަށު ދަރަޖައިގެ މަޖިލިސް ރައީސްގެ ގޮތުގައި" އަލީ ހުސައިން ވިދާޅުވިއެވެ.
މަޖިލީހަށް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މާދަމާ ހުށަހަޅަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ މެންބަރުންގެ ވެސް ސޮޔާއި އެކުގައެވެ.