Last Updated: November 26, 19:16
Tuesday, November 26, 2024
ކުޅިވަރު

ޔުވެންޓަސް އަތުން ޔުނައިޓެޑް ބަލިވެއްޖެ

ޔުނައިޓެޑް ކޮޅަށް ޔުވެންޓަސްގެ ހަމައެކަނި ލަނޑުޖަހައިދިން ޕައޮލޯ ޑިބާލާ (ކ) އެޓީމުގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް އެޗް ގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ ޔުވެންޓަސް އަތުން 1-0 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.

މި މެޗުން ބަލިވި ނަމަވެސް ޔުނައިޓެޑް އަދިވެސް އޮތީ 4 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ޔުވެންޓަސް އަށް 9 ޕޮއިންޓް ލިބިފައިވާއިރު ވެލެންސިއާ އޮތީ 2 ޕޮއިންޓާއެކު ތިންވަނައިގައެވެ. އެންމެ ފުލުގައި އުޅޭ ޔަންގް ބޯއީސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ޔުވެންޓަސްގެ ފަރާތުން މިމެޗު ފެށިގެން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، 13 ވަނަ މިނެޓުގައި އެޓީމަށް ލީޑް ނަގަން ލިބުނު ފުރުޞަތުގައި ޕައޮލޯ ޑިބާލާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

އޭގެ ދެ މިނެޓުފަހުން، ޔުނައިޓެޑަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. އެޓީމުގެ ކެޕްޓަން އޭޝްލީ ޔަންގް ތަނަވަސްކުރި ފުރުޞަތަކުން ޕައުލް ޕޮގްބާ ބޮލުން ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ގޯލްކީޕަރު ވޮޝިއެޗް ޝެޒްނީ މަތަކުރިއެވެ.

މި ފުރުސަތުގެ ބޭނުން ޔުނައިޓެޑަށް ނުހިފުނުއިރު މެޗުގެ 17 ވަނަ މިނެޓްގައި ޔުވެންޓަސް އިން ވަނީ ލީޑު ނަގާފައެވެ. ޔުނައިޓެޑަށް ކުރީން ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ނަގައިދިން ހުރަހަކުން ޔުވެންޓަސްގެ ހުއާން ކުއަޑްރާޑޯ އަށް އެބޯޅަ ލިބުމުގެކުރީން ޔުނައިޓެޑްގެ ކުޅުންތެރިއަކު ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑިބާލާ އަށް ލިބުމުން އޭނާ ވަނީ ވަރަށް ހަމަޖެހިލާފައި ގޯލްގެތެރެއަށް ވައްދާލައިފައެވެ. މިއީ މިމުބާރާތުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ގޯލެވެ.

އޭގެފަހުން، ޔުވެންޓަސްގެ ޖޮއާއޯ ކަންސޭލޯ އާއި ރޮނާލްޑޯގެ އިތުރުން ބްލައިސް މަޓުއިޑީ ލިބުނު ފުރުޞަތުތަކުގައި މިތިން ކުޅުންތެރިން ފޮނުވާލި ހަމަލާތައް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއެވެ. މިހާފު ނިމުނީ 1-0 އިން ޔުވެންޓަސް ކުރީގައިއޮވެގެންނެވެ.

މިމެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސްގެ ލީޑް ފުޅާ ކުރުމަށް ރޮނާލްޑޯ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ މަތަކުރިއިރު ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަށް ނަތީޖާ ހަމަހަމަކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ޕެނަލްޓީއޭރިޔާބޭރުން އޭނާ ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ކީޕަރު ޝެޒްނީ މަތަކުރިއެވެ.

މިގުރޫޕުގައި ހިމެނޭ ވެލެންސިއާ ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ޔަންގް ބޯއީސް އާ 1-1 އިން އެއްވަރުވެފައިވެއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާގެ ކާލޯސް ސޯލާ ތަނަވަސްކުރި ފުރުޞަތަކުން މިޗީ ބަޓްޝުއާޔީ އެޓީމަށް ލީޑް ނަގައިދީފައިވާއިރު ދެވަނަ ހާފުގެ ކުރީކޮޅު ޔަންގް ބޯއީސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ގިލޭމޯ ހޮރާއޯ އެވެ.