Last Updated: November 22, 23:40
Friday, November 22, 2024
ރިޕޯޓް

އަރުޝަމްގެ މަރަށް 300 ދުވަސް! އިންސާފު ލިބޭނެތަ!؟

އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ މިިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ޕިކަޕް ޓްރަކަކުން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ގދ. ވާދޫ ނެސްޓް، އަރުޝަމް އިބްރާހިމް ނިޔާވިތާ މިއަދަށް 302 ދުވަސް ވީއެވެ. މައްސަލައިގެ ތަހުގީގު ވީ ހިސާބެއް އަދި މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވި ކަމެއް ރަސްމީ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

އަރުޝަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ނަމަވެސް، އެންވަޔަރަމަންޓް މިނިސްޓްރީގެ އައްޑޫ އޮފީހުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދިން ތަނެއް ނުފެނެއެވެ. ގދ.ވާދޫ އަށް ނިސްބްތްވާ ޒުވާނާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނީ އައްޑޫގައި ތިބި އެމީހުންގެ ރައްޓެހިންނެވެ.

2017 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު އަރުޝަމް އިބްރާހިމް އާއި އޭނާގެ ރައްޓެއްސަކު ދުއްވާފައި ދިޔަ ސައިކަލަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު އެކްސިޑެންޓް ވެފައި ވަނީ ޕިކަޕު ޓްރަކުން އެ ސައިކަލުގައި ޖެހިގެންކަމަށް ސީނަށް ދިޔަ ފުލުހުން ވެސް ވަނީ ބުނެފައެވެ. ފުލުހުން އެގޮތަށް ބުނެފައިވާއިރު ސައިކަލުގެ ފަހަތަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާއިރު ކުރީ ކޮޅަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ ވެހިކަލަކަށް ވުމުން ތަހުގީގު ގެންދިޔައީ ޚާއްސަ ގޮތަކަށް!

އަރުޝަމް ނިޔާވި އެކްސިޑެންޓް ހިނގި ސީނަށް ދިޔަ ފުލުހުން އަމަލުކުރި ގޮތާއި މެދު އެދުވަހު ވެސް ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. އާއްމު ގޮތެއްގައި ލިންކް ރޯޑުގައި ހިނގާ ބޮޑެތި އެކްސިޑެންޓްތައް ތަހުގީގްކުރުމަށް ފުލުހުން ގިނަ އިރުތަކެއް ވަންދެން މަގު ބަންދުކުރެއެވެ. އަދި ބައެއް ފަހަރަށް މާލެއިން ތަހުގީގް ޓީމުތައް އަންނަން ދެން އެކްސިޑެންޓް ހިނގި ސަރަހައްދު ފުލުހުން ބަލަހައްޓައެވެ.

އެހެން ނަމަވެސް އަރުޝަމް ނިޔާވި އެކްސިޑެންޓް ހިނގުމާއި އެތަނަށް ފުލުހުން ގޮސް ސީން ބަންދުކުރުމަށް ވެސް އެތައް އިރެއް ނެގިއެވެ. އަދި ގިނަ އިރުތަކެއް ނުވެ އެކްސިޑެންޓްވި ޕިކަޕް ވެސް ދޫކޮށްލިއެވެ. ފުލުހުން ސީން ރޫޅާލުމުން ޕިކަޕް ގެންދިޔައީ އައްޑޫ ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ހުންނަ ގަރާޖަކަށެވެ.

މީގެ ކުރިން ލިންކް ރޯޑުގައި ހިނގާފައިވާ މަރުގެ އެކްސިޑެންޓްތަކަށް ބަލާއިރު 2014 ވަނަ އަހަރުގެ ތެރޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 2 ޒުވާނަކު ނިޔާވުމާއި ގުޅިގެން ޕިކަޕް ޑްރައިވަރު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ. އެފަހަރު ފުލުހުންގެ ފަރާތުން ބަޔާންތަކެއް ވެސް ނެރުނެވެ. ސީން ރޫޅާލީ އޭގެ އެއް ދުވަސް ފަހުންނެވެ.

އަދި ހަމައެހެންމެ 2013 ވަނަ އަހަރުގެ ތެރޭގައި ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރަކުން ޖެހި ކުޑަކުއްޖަކު ނިޔާވުމުން ކާރު ދުއްވަން ހުރި ޒުވާނާ ހައްޔަރުކުރިއެވެ. އެކްސިޑެންޓް ތަހުގީގު ކުރުމަށް 2 ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން އެކްސިޑެންޓް ހިނގި ސީން ބަންދުކޮށްފައި އޮތެވެ.

އަހަރީ ފީ ދެއްކީ އެކްސިޑެންޓަށް ފަހު!

 

އަރުޝަމް އާއި އޭނާގެ ރައްޓެއްސަކު ދުއްވާފައި ދިޔަ ސައިކަލުގައި ޖެހުނު އެންވަޔަރަމަންޓް މިނިސްޓްރީގެ ޕިކަޕުގެ އަހަރީ ފީ ދެއްކީ އެކްސިޑެންޓް ސީން އިން ފުލުހުން އެ ވެހިކަލް ދޫކޮށްލުމުންނެވެ.

އެކަން އައްޑޫގައި ހުންނަ މީރާގެ އޮފީހުގެ މުވައްޒަފުން ވަނީ މީގެ ކުރިން އައްޑޫލައިވް އަށް ކަށަވަރުކޮށްދީފައެވެ.

ޓްރާންސްޕޯޓުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުން، އަހަރީ ފީ ދެއްކުމަށް ރަޖިސްޓްރީގެ ކޮޕީއެއް ދޫކުރެއެވެ. މިއީ އާއްމުގޮތެއްގައި ވެސް ޓްރާންސްޕޯޓް މިނިސްޓްރީން އަމަލުކުރާގޮތެވެ. އެންވަޔަރަމަންޓުގެ ޕިކަޕުގެ ރަޖިސްޓްރީގެ ކޮޕީއެއް ދޫކުރުމުން އަހަރީ ފީ ނުދައްކައި ވެހިކަލް ދުއްވީ ކީއްވެގެން ކަމެއް ނޭނގެއެވެ.

އެކްސިޑެންޓްގެ މައްސަލައިގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރޭ!

ސަރުކާރުގެ ވުޒާރާއެއްގެ ވެހިކަލަކަށް ވިޔަސް އަދި އާއްމު ރައްޔިތަކު ދުއްވާފައި ދިޔަ ވެހިކަލަކުން ޖެހި މީހެއްގެ ފުރާނަ ގެއްލިއްޖަ ނަމަ މީހަކަށް އަނިޔާއެއް ވެއްޖެ ނަމަ އެކަން ތަހުގީގްކުރުމުގައި ފުލުހުން ވަކި ޚާއްސަ ގޮތެއް ގެންގުޅެން ޤާނޫނު ތަނެއް ނުދެއެވެ.

އަރުޝަމް އަކީ މުއްސަންޖެއްގެ ދަރިއަކަށް ނުވަތަ ނުފޫޒުގަދަ މީހެއްގެ ދަރިއަކަށް ނުވުމަކީ އޭނާ ނިޔާވާން މެދުވެރިވި އެކްސިޑެންޓް ތަހުގީގު ކުރުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެއެވެ.

އެހެން ނަމަވެސް އަރުޝަމްގެ މަރަށް 302 ދުވަސް ވެގެން ދިޔައިރު ފެންނަނީ މުއައްސަސާތަކުން އެ ޒުވާނާގެ މަރަށް އިންސާފު ހޯދައިދިނުމަށް ނިކުޅެދިފައިވާ މަންޒަރެވެ. ފުލުހުންގެ ތަހުގީގް ނިމުނުކަމެއް ނުވަތަ މައްސަލައިގައި ޕިކަޕް ޑްރައިވަރުގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވި ކަމެއް ހާމައެއް ނުކުރެއެވެ.

އަރުޝަމް ނިޔާވި އެކްސިޑެންޓް ހިނގިތާ ދުވަސްތަކެއް ފަހުން ޕިކަޕް ޑްރައިވަރު ހައްޔަރުކުރުމަށް ފަހު 6 ދުވަސް ވަންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލި ހިސާބުން ފުލުހުން އެކްސިޑެންޓާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.