Last Updated: November 26, 20:40
Tuesday, November 26, 2024
ކުޅިވަރު

ބަޔާން އާއި ސިޓީ ފަސޭހަކަމާއެކު މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކް ކުޅުނު މެޗުގައި އެޓީމުގެ ހަވިއާ މާޓިނޭޒް (ކ) އޭއީކޭ އެތެންސްގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އަދި އިންގްލެންޑުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން ރަށުން ބޭރުގައި ކުޅުނު މެޗުތަކުން ފަސޭހަ ކަމާއެކު މޮޅުވެއްޖެ އެވެ.

ގްރީސްގައި އޭއީކޭ އެތެންސް އަތުން 2-0 އިން ބަޔާން މޮޅުވިއިރު ޔޫކްރެއިންގައި ޝަކްތަރު ޑޮނެސްކް އަތުން ސިޓީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

އެތެންސްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ބަޔާން ކުޅުނު މެޗުގައި އެޓީމުގެ ދެލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ލަނޑެއް ކާމިޔާބުނުކުރެވުނު ނަމަވެސް ބަޔާންގެ ރޮބަޓް ލެވަންޑޯސްކީ އާއި މެޓްސް ހުމެލްސްގެ އިތުރުން ހަމެސް ރޮޑްރިގޭޒް އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް އެއީކޭގެ ގޯލްކީޕަރު ވަސިލިއޮސް ބަރްކަސް މަތަކުރިއިރު އޭއީކޭގެ ފޯވާޑް ޕެޓްރޯސް މަންޓާލޯސް ބޮލުން ފޮނުވާލި ހަމަލާ ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިމެޗުގައި ބަޔާން އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު، މެޗުގެ 61 ވަނަ މިނެޓުގައި ސްޕެއިނުގެ މިޑްފީލްޑަރު ހަވީ މާޓީނޭޒް ޖަހައިދިންއިރު އޭގެ ދެ މިނެޓުފަހުން ރަފީނިއާ ދިން ބޯޅައަކުން ބަޔާންގެ ޕޮލެންޑް ފޯވާޑް ލެވަންޑޯސްކީ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

އޭގެފަހުން، ބަޔާންގެ ލީޑް ފުޅާކުރުމަށް ލެވަންޑޯސްކީ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އެޓީމުގެ ޖަރުމަން ފުލްބެކް ޖޯޝުއާ ކިމިކް ނަގައިދިން ހުރަހަކުން ލެވަންޑޯސްކީ ފޮނުވާލި ބޯޅަ އޭއީކޭގެ ކީޕަރު ބަރްކަސް ވަނީ މަތަކޮށްފައެވެ.

މިގްރޫޕުގެ އަނެއް މެޗުގައި ނެދަލެންޑްސްގެ އަޔެކްސް އެމްސްޓެޑަމް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ބެންފީކާ ބަލިކޮށްފައެވެ. މިމެޗުގެ އިތުރުވަގުތުގައި އަޔެކްސްގެ ލަނޑުޖަހައިދިނީ ނުސައިރް މަޒްރާއުއީ އެވެ.

މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބްރައިނާ (މ) އަތުން ބޯޅަ ހޯދަން ޝަކްތަރް ޑޮނެސްކްގެ ދެކުޅުންތެރިން މަސައްކަތްކުރަނީ. –ފޮޓޯ: ގެޓީ އިމޭޖަސް

ރޭގެ މެޗުތަކަށްފަހު، ގްރޫޕް އީގެ އެންމެ ކުރީގައި އުޅޭ އަޔެކްސް އާ ބަޔާން އަށް ތިން މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު ދެޓީމުގެ މެދުގައި ކުޅެވުނު މެޗުގައި ރަށުން ބޭރުގައި ޖަހާފައިވާ ގޯލްގެ ތަފާތުން އެއްވަނައިގައި އޮތީ އަޔެކްސް އެވެ. ތިންވަނައިގައި އޮތް ބެންފީކާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އުޅޭ އޭއީކޭ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މިމުބާރާތުގެ ގްރޫޕް އެފްގައި ރޭ ކުޅުނު މެޗުގައި ސިޓީ ވަނީ ރަށުން ބޭރުގައި 3-0 އިން ޝަކްތަރު ބަލިކޮށްފައެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ޑޭވިޑް ސިލްވާ އާއި އައިމެރިކް ލަޕޯޓޭ އެޓީމަށް ދެލަނޑުގެ ލީޑެއް ނަގައިދިންއިރު އެޓީމުގެ ތިންވަނަ ލަނޑު، ދެވަނަ ހާފުގައި ޖަހައިދިނީ ބަނާޑޯ ސިލްވާ އެވެ.

މި ގްރޫޕުގައި ހިމެނޭ ލިޔޯން ވަނީ ރަށުން ބޭރުގައި 3-3 އިން ހޮފެންހައިމް އާ އެއްވަރުވެފައެވެ. މިމެޗުގައި ލިޔޯންގެ ބާޓްރަން ޓްރައޯރޭ ކާމިޔާބުކުރި ގޯލަކުން އެޓީމު ލީޑް ނެގިނަމަވެސް އަންދްރޭ ކްރެމަރިޗް ކާމިޔާބުކުރި ދެލަނޑުން ހޮފެންހައިމް ފުރަތަމަ ފަހަރަށް ލީޑް ނެގިއިރު ލިޔޯންގެ ޓެންގޫއީ އެންޑޮމްބެލޭ އާއި މެމްފިސް ޑިޕާއީ ވަނީ ނަތީޖާ 2-3 އަށް ބަދަލުކޮށްލާފައެވެ. މިމެޗުގެ އިތުރުވަގުތުގައި ހޮފެންހައިމް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖޮއެލިންޓަން އެވެ.

އަމިއްލަ ދަނޑުގައި ފްރާންސްގެ އޮލިމްޕިކް ލިޔޯން އަތުން 2-1 އިން ބަލިވި ނަމަވެސް އޭގެފަހުން ކުޅުނު ދެމެޗުން މޮޅުވެ ގްރޫޕު އެފްގެ އެއްވަނައިގައި ސިޓީ އޮތީ ހަ ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތީ ފަސް ޕޮއިންޓާއެކު ލިޔޯން އެވެ. ޝަކްތަރު އާއި ހޮފެންހައިމް އަށް ދެ ޕޮއިންޓް ލިބިފައިވާއިރު ފައިދާގޯލްގެ ތަފާތުން ކުރި ލިބެނީ ޝަކްތަރަށެވެ.