ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ އެހީގެ ދަށުން ރާއްޖޭގައި ވިނަ ދަނޑުތައް އަޅާނެ ރަށްތައް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިޢުލާނު ކުރިއިރު، ނ. އަތޮޅުގެ އެއްވެސް ރަށެއް ނުހިމެނުމުން އެކަމާ ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުން އެބަގެންދެއެވެ.
ވިނަ ދަނޑުތައް އަޅަން އެފްއޭއެމްއިން ނިންމާފައިވާ ރަށްތަކަކީ، ހއ. މުރައިދޫ، ހދ. ކުޅުދުށްފުށި، ށ. މިލަންދޫ، ށ. ފޯކައިދޫ، ރ. އަލިފުށި، ބ. އޭދަފުށި، ބ. ފެހެންދޫ، އއ. މާޅޮސް، އދ. ފެންފުށި، ދ. ކުޑަހުވަދޫ، ފ. ނިލަންދޫ، ގދ. ތިނަދޫ، ގދ. ހޯނޑެއްދޫ، ތ. ތިމަރަފުށި، ޏ. ފުވައްމުލައް، ސ. ފޭދޫ އަދި ސ. ހިތަދޫއެވެ.
ގައުމީ ޓީމަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލް ޣަނީ އާއި މި އަހަރުގެ މުބާރާތް ކާމިޔާބުކޮށްދިން ކެޕްޓަން އަކްރަމް އަބްދުލް ޣަނީ އަކީ މާފަރަށް ނިސްބަތްވާ ދެކުޅުންތެރިންނަށްވާއިރު ނ. އަތޮޅުގެ ރަށެއް ލިސްޓުގައި ހިމަނާފައިނުވުމަކީ އިންސާފެއް ނޫންކަމަށް ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. އެ އަތޮޅުގައި ވިނަ ދަނޑެއް އަޅަން ނިންމާފައިނުވުމުގެ މައިގަނޑު އެއް ސަބަބަކީ ނ.އަތޮޅަށް ނިސްބަތްވާ ޓީމެއް އެ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިނުވާތީކަމަށް ބެލެވެއެވެ.
— Huseyn (@lhohiniyaz) October 23, 2018
ނ.އަތޮޅުގައި ވިނަ ދަނޑެއް އެޅުމަށް ނިންމާފައިނުވާތީވެ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް މީހަކު ކޮށްފައިވާ ޓުވީޓެއް.
މީސް މީޑިއާގައި މިކަމާއި ޝުއޫރު ފާޅުކުރަމުންދާ، ހާއްސަކޮށް ނ. އަތޮޅުގެ ރައްޔިތުން ބުނާ ގޮތުގައި ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ، ސިޔާމް-މައުރޫފް ސޮކަ ކަޕް އެ އަތޮޅުގައި ކޮންމެ އަހަރަކު ބާއްވާއިރު، ރަނގަޅު ފެންވަރުގެ ދަނޑުތަކެއް އެ އަތޮޅުގެ ރަށްތަކުގައި އޮތުން ވަރަށް މުހިންމު ކަމަށެވެ. މީގެއިތުރުން، ނ.އަތޮޅުގެ އެއްވެސް ރަށެއް މިލިސްޓުގައި ނުހިމެނުމަކީ ފުޓްބޯޅައިގައި އެފްއޭއެމް އިން ތަފާތުކުރުން ގެންގުޅޭ ކަމުގެ އެއް މިސާލުކަމަށްވެސް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ވިނަ ދަނޑުތަކަކީ އެ ޓީމުތަކުން މިނިވަން ޗެމްޕިއަންޝިޕުގެ ޒޯންތަކުގެ ޗެމްޕިއަންކަން ހޯދުމުން ދޭ އިނާމެއް ކަމަށެވެ. އަދި ދެން އޮތް ދެ ރަށުގެ ތެރެއިން އަލިފުށީގައި އަޅަނީ، އެ ރަށުގައި އަތޮޅު މުބާރާތް ބޭއްވުމަށް ހަމަޖެހިފައި އޮއްވާ މައްސަލަތަކެއް ދިމާވެ ރ. މީދޫ އަށް އެކަން ބަދަލުކުރަން ޖެހުމުން ބަދަލެއްގެ ގޮތުގައި ކަމަށެވެ. އަދި ޏ. ފުވައްމުލަކުގައި އަޅަނީ މިނިވަން ޗެމްޕިއަންޝިޕުގެ ސްޕޮންސަރު އެސްޓީއޯގެ އެދުމުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަވާޒް ވިދާޅުވީ ދަނޑުތައް އަޅަނީ ރާއްޖޭގެ ލީގު ސިސްޓަމް ހޯމް އެންޑް އަވޭ އުސޫލުން ބަދަލުކުރަން އެފްއޭއެމުން ގެންއުޅޭ އަމާޒަށް ވާސިލްވުމަށް ކަމަށާއި އެހެންވެ ދަނޑުތައް އަޅާ ރަށްތައް ކަނޑައަޅާއިރު މިނިވަން ޗެމްޕިއަންޝިޕުގެ ނަތީޖާއަށް ބަލަން ޖެހޭ ކަމަށެވެ.
ޓާފް ދަނޑުތަކެއްގެ ބަދަލުގައި ވިނަ ދަނޑުތަކެއް އަޅާނީ އެކަމާ ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. ޖަވާޒް ވިދާޅުވީ ފީފާ އިން ބާރު އަޅަނީ ވެސް ވިނަ ދަނޑުތަކެއް އަޅަން ކަމަށާއި ސަބަބަކީ ހަރަދާއި އެހެން ކަންކަމަށް ބަލާއިރު ވެސް އެންމެ ރަނގަޅީ އެގޮތް ކަމަށްވާތީ އެވެ.
އެގޮތުން، ޓާފް ދަނޑެއް އަޅަން ތިން މިލިއަނެއްހާ ހުރިހާ ހަރަދުކުރަން ޖެހޭއިރު ކޮންމެ ފަސް އަހަރަކުން ޓާފް ބަދަލުކުރަން ޖެހެ އެވެ. އެކަމަކު ވިނަ ދަނޑުތަކެއް އަޅައި ބަލަހައްޓަން އެވަރުގެ ހަރަދެއް ކުރަން ނުޖެހޭނެ ކަމަށް ޖަވާޒް ވިދާޅުވި އެވެ. އަނެއް ސަބަބަކީ ރަށްރަށުގައި ކުޅޭނީ ހަވީރާއި ރޭގަނޑު އެކަނި ކަމަށްވުމުން ވިނަގަނޑު ބަލަހައްޓަން ފަސޭހަވުމެވެ.
Islands are selected based on minivan championship top 8 of 2017 and 2018. Only two other islands are included based on requests and potential for future. In Sha Allah, we will develop grounds every year and will be linked to minivan championship
— Bassam Adeel Jaleel (@bassam_jaleeI) October 23, 2018
މިކަމާއި ގުޅޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރި ޓުވީޓުގައި ބުނެފައިވަނީ ދަނޑުތައް އަޅާނެ ބިންތަކުގެ ލިޔެކިޔުންތައް ކުޅިވަރާ ބެހޭ މިނިސްޓްރީންނާއި ކަމާބެހޭ ފަރާތްތަކުން ހަމަޖެހުނުހާ އަވަހަށް މަސައްކަތް ފެށޭނެ ކަމަށެވެ.
އޭނާގެ ޓުވީޓުގައި އިތުރަށް ބަޔާންކޮށްފައިވަނީ މިއަހަރު ދަނޑު އެޅުމަށް ނިންމާފައިވަނީ ވޭތުވެދިޔަ ދެއަހަރު މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ގަދަ 8 ގައި ހިމެނުނު ޓީމުތަކަށް ބޮޑަށް އިސްކަންދީގެންކަމަށެވެ. އޭގެއިތުރަށް ހިމަނާފައިވާ ދެރަށަކީ ގިނަ ބައެއްގެ އެދުމުގެ މަތީން މުސްތަޤްބަލަށް ވިސްނުމަށްފަހު އެންމެ ރަނގަޅުގޮތް ކަމަށް ފެންނާތީއެވެ. މިއަހަރު ދަނޑުއަޅަން ނިންމާފައިވާ ރަށްތަކުގެ އިތުރުން ކޮންމެ އަހަރަކުވެސް މި ޕްރޮޖެކްޓްގެ ދަށުން އިތުރު ރަށްތަކުގައި ވިނަ ދަނޑުތައް އަޅާނެކަމަށާއި މިހުރިހާ ކަމެއް ބިނާވެގެންވަނީ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެރަށެއްގެ ޓީމަކުން ދައްކާ ކުޅުމުގެ މައްޗަށެވެ.
އަތޮޅު ތެރޭގައި ބޮޑެތި ދަނޑުތައް އެޅުމަށް އެފްއޭއެމް އިން ބޭނުންވާއިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު އެއް ވައުދަކީ ވެސް ރާއްޖޭގެ ރަށްތަކުގައި ފުޓްސަލް ދަނޑުތައް އެޅުމުގެ ބަދަލުގައި ފުޓުބޯޅަ ދަނޑުތައް އަޅައިދެއްވުމެވެ.