ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބޮޑު ތަފާތަކުން އެތުލެޓިކޯ މެޑްރިޑް ބަލިވިއިރު ފްރާންސްގެ ތިއެރީ އޮންރީގެ ކޯޗުކަމުގައި މޮނާކޯ ކުޅުނު ދެވަނަ މެޗުގައި ކްލަބް ބްރޫޖް އާ އެއްވަރުވެއްޖެއެވެ.
ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވިއިރު ރަށުން ބޭރުގައި ބްރޫޖް އާ ދެކޮޅަށް މޮނާކޯ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މިގްރޫޕުގެ ފުރަތަމަ ތިން މެޗަށް ފަހު އެއްވަނައިގައި އޮތީ 9 ޕޮއިންޓާއެކު ޑޯޓްމަންޑް އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 6 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މޮނާކޯ އާއި ހަތަރު ވަނައިގައި އޮތް ބްރޫޖަށް އަދި ލިބުނީ އެންމެ ޕޮއިންޓެކެވެ.
މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑޯޓްމަންޑް އިން އެތުލެޓިކޯގެ ގޯލް ހުޅުވާލީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައެވެ. މިއީ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލުން ޑޯޓްމަންޑް އަށް ބަދަލުވި އަޝްރަފް ހަކީމީ ތަނަވަސްކުރި ފުރުޞަތަކުން ބެލްޖިއަމްގެ މިޑްފީލްޑަރު އެކްސެލް ވިޓްސެލް ކާމިޔާބުކުރި ގޯލެކެވެ. މިހާފު ނިމުނީ 1-0 އިން ޑޯޓްމަންޑް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި އެތުލެޓިކޯގެ ސައުލް ނިގުއޭޒް އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެޓީމުގެ ހުއަންފްރާން ތަނަވަސްކުރި ފުރުޞަތަކުން ޕެނަލްޓީއޭރިޔާބޭރުން ސައުލް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑީގައިޖެހިފައެވެ.
އޭގެ ހަތަރު މިނެޓުފަހުން، ސައުލް އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ޑޯޓްމަންޑްގެ ގޯލްކީޕަރު ރޯމަން ބުރްކީ ވަނީ މަތަކޮށްފައެވެ.
މިމެޗުގައި ޑޯޓްމަންޑް އިން ކާމިޔާބުކުރި ދެވަނަ ލަނޑު، 73 ވަނަ މިނެޓުގައި ހަކީމީ ދިން ބޯޅައަކުން ރަފައެލް ގުރޭރޯ ޖަހައިދިންއިރު އޭގެ 10 މިނެޓުފަހުން ހަކީމީ ތަނަވަސްކުރި ފުރުޞަތަކުން ޖޭޑަން ސަންޗޯ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.
ޑޯޓްމަންޑްގެ ފަހު ލަނޑު، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ޖަހައިދިނީ މިހާފުގައި ކުޅެން ނިކުތް ޕޯޗުގަލްގެ ފުލްބެކް ގުރޭރޯ އެވެ. މިއީ މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ގޯލެވެ.
މިގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ފްރާންސްގެ މޮނާކޯ އާ ބްރޫޖް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު ކުރީން ލީޑް ނެގީވެސް މޮނާކޯ އިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މޫސާ ސިލާ އެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން، ބްރޫޖަށް އެއްވަރުކޮށްދިނީ ވެސްލީ އެވެ.
މިއީ އޮންރީގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި މޮނާކޯ ކުޅުނު ފުރަތަމަ މެޗެވެ. އޭނާގެ ކޯޗު ކަމުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ފްރެންޗް ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ސްޓްރެސްބޯގް އަތުން އެޓީމު ވަނީ 2-1 އިން ބަލިވެފައެވެެ.
މިމުބާރާތުގެ ގްރޫޕް ޑީ ގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ތުރުކީގެ ގަލަތަސާރޭ އާ ޖަރުމަންގެ ޝާލްކާ ބައްދަލުކުރި މެޗު ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވިއިރު ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ އަތުން 3-1 އިން ޕޯޗުގަލްގެ އެފްސީ ޕޯޓޯ މޮޅުވެފައިވެއެވެ.