ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އިންޓަ މިލާން 2-0 އިން ބަލިކޮށް ބާސެލޯނާ ދެވަނަ ބުރަށް ދިއުމާއި ގާތަށް ޖެހިލައިފިއެވެ.
ރޭގެ މޮޅާ އެކު ބާސާ، ގްރޫޕު ބީގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. އިންޓަ އޮތީ ހަ ޕޮއިންޓާ އެކު ދެ ވަނައިގައެވެ. މި ދެ ޓީމު އަންނަ މަހުގެ 7 ގައި އިންޓަގެ ދަނޑުގައި ކުޅޭ މެޗުން ބާސާ މޮޅުވެއްޖެ ނަމަ އެޓީމަށް ދެވަނަ ބުރު ކަށަވަރުވާނެއެވެ. ޕީއެސްވީ އެއިންދޯވަން އާއި ޓޮޓެންހަމް ހޮޓްސްޕާ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު ގޯލްގެ ތަފާތުން ތިންވަނަ ލިބެނީ ޕީއެސްވީ އަށެވެ.
ބާސާގެ ކޭމްޕް ނޯގައި އައު ކެޕްޓަން ލިއޮނަލް މެސީ ނުލައި މިސީޒަނުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގެ 32 ވަނަ މިނެޓުގައި އެޓީމަށް ލީޑް ނަގައިދިނީ ލޯން އުސޫލުން އިންޓަ އަށް މިދިޔަ ސީޒަނުގައި ކުޅުނު ރަފީނިއާ އަލްކަންޓާރާ އެވެ. މިއީ އެޓީމުގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ދިން ރީތި ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ބާސާ އިން މިލަނޑު ކާމިޔާބުކުރުމުގެ ކުރީން އެޓީމުގެ ފްރާންސް ޑިފެންޑަރު ކްލެމެންޓް ލެންގްލޭގެ އިތުރުން ރަފީނިއާ އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ. އެގޮތުން، މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާ ވެސް އިންޓަގެ ގޯލްކީޕަރު ސާމިރް ހަންޑަނޮވިޗް ވަނީ މަތަކޮށްފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ބާސާ ކުރީގައިއޮވެގެންނެވެ.
މިމެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު، ބާސާގެ ސުއަރޭޒް އާއި ލެންގްލޭގެ އިތުރުން އިވާން ރަކިޓިޗް އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވެސް އިންޓަގެ ކީޕަރު ހަންޑަނޮވިޗް އެވެ. އޭގެފަހުން، އެޓީމުގެ ފިލިއްޕޭ ކުޓީނިއޯ ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑީގައި ޖެހިފައިވެއެވެ.
މިހާފުގައި އިންޓަ އަށް އެއްވަރުކުރުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ކެއިޓާ ބާލްޑޭ ބޮލުން ފޮނުވާލި ހަމަލާ ބާސާގެ ގޯލްކީޕަރު މާކް އަންދްރޭ ޓަ ސްޓެގަން މަތަކުރިއެވެ.
އިންޓަ އަށް ލިބުނު ފުރުޞަތުގެ ބޭނުންނުހިފުމުގެ ނަތީޖާއަކަށްވީ، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ބާސާގެ ފުލްބެކް ޖޯޑީ އަލްބާ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނުމެވެ. މިއީ އެޓީމުގެ ރަކިޓިޗް ދިން ބޯޅައަކުން އަލްބާ ކާމިޔާބުކުރި ރީތި ގޯލެކެވެ.
މެޗުގެ 89 ވަނަ މިނެޓުގައި އިންޓަ އަށް ސުން ކަނޑުވާލައިދިނުމަށް، މިހާފުގައި ކުޅެން ނިކުތް ލޮޓާރޯ މާޓިނޭޒް އަށް ވަނީ ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެޓީމުގެ މަޓިއަސް ވެސީނޯ ތަނަވަސްކުރި ފުރުޞަތަކުން އޭނާ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ބާސާގެ ކީޕަރު ޓަ ސްޓެގަން ވަނީ މަތަކޮށްފައެވެ.
އޭގެ މިނެޓެއްފަހުން، ބާސާގެ ލީޑް ފުޅާ ކުރުމަށް ސުއަރޭޒް އަށް ލިބުނު ބޯޅަ ފޮނުވާލުމުން އިންޓަގެ ކީޕަރު ހަންޑަނޮވިޗް މަތަކުރިއެވެ.
މިގްރޫޕުގައި ހިމެނޭ ޕީއެސްވީ ވަނީ އަމިއްލަ ދަނޑުގައި 2-2 އިން ޓޮޓެންހަމް އާ އެއްވަރުވެފައެވެ. މިމެޗުގެ 30 ވަނަ މިނެޓުގައި ޕީއެސްވީގެ ހާވިންގ ލޮޒާނޯ އެޓީމަށް ލީޑް ނަގައިދިންއިރު ޓޮޓެންހަމްގެ ބްރެޒިލްގެ ވިންގާ ލޫކަސް މައުރާ ވަނީ އޭގެ 9 މިނެޓުފަހުން ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޓޮޓެންހަމްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އެޓީމަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިން ނަމަވެސް، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޕީއެސްވީ އަށް އެއްވަރުކޮށްދިނީ ނެދަލޭންޑްސްގެ ލޫކް ޑެ ޖޮން އެވެ. މިމެޗުގެ ފަހުބައި ޓޮޓެންހަމް އިން ކުޅުނީ 10 ކުޅުންތެރިންނާއި އެކުއެވެ. އެއީ މެޗުގެ 79 ވަނަ މިނެޓުގައި ޕީއެސްވީގެ ލޮޒާނޯ އަށް ޓޮޓެންހަމްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ކުރި ފައުލަކަށް ރެފްރީ ރަތް ކާޑު ދެއްކުމުންނެވެ.