ސިނަމާލޭ ބްރިޖްގެ އެއްވެސް ލޭނެއް ބަންދުކުރަން ހުއްދަ ދީފައިނުވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެެއްޖެ އެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ ބްރިޖް މަސައްކަތަށް އެޅި ވަގުތީ ޕްލެޓްފޯމްގެ ބައިތައް ނެގުމަށްޓަކައި ހޯމަ ދުވަހުން ފެށިގެން ބްރިޖްގެ ބައެއް ލޭންތައް ބަންދު ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން އިއްޔެ އިއުލާން ކޮށްފައި ވަނިކޮށެވެ.
މުއިއްޒު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ " ބްރިޖްގެ އެއްވެސް ލޭނެއް ބަންދުކުރާކަށް ހުއްދައެއް ނުދެން" މިހެންނެވެ.
Bridge ge evves lane eh bandhu kuraakah huhdha eh nudhen.
— Dr Mohamed Muizzu (@MMuizzu) October 26, 2018
ޕްލެޓްފޯމްގެ ބައިތައް ނެގުމަށްޓަކައި ބްރިޖްގެ އުތުރު ފަރާތުގެ ބައެއް ލޭންތައް ބަންދު ކުރަންޖެހޭ ކަމަށް ބްރިޖްގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުނިން ކުރިން ވަނީ ބުނެފައެވެ. އެކަމަކީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ސިނަމާލެ ބްރިޖަކީ ޗައިނާ ސަރުކާރުގެ 116 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އަދި 72 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުން 12 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން އެޅި ބްރިޖެކެވެ.
މި ބްރިޖްގެ ޚިދުމަތް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކުރަމުންނެވެ.